އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ހިންގި މުޒާހަރާ ތެރޭގައި ރައްޔިތުން މަޖިލީހުގެ ތިން މެންބަރުންނާއި އާންމުންގެ ތެރެއިން 14 މީހަކަށް އަނިޔާވެފައިވާ ކަމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމް އިން މިހެން ބުނެފައި ވަނީ އެ ކޮމިޝަންގެ އިންވެސްޓިގޭޓިވް ޑިޕާޓްމަންޓް އިން އިއްޔެގެ މުޒާހަރާގައި މ. ކުނޫޒް ހިމެނޭ ސަރަހައްދާއި އެމްޑީޕީ އޮފީސް އަދި ސޯސަން މަގުގައި އޮބްޒާވް ކުރުމަށް ހަރަކާތްތެރިވުމަށް ފަހު މިއަދު ނެރުނު ރިޕޯޓެއްގަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ޖުމުލަ 17 ފަރާތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި ދެ އަންހެނުން ކަމަށެވެ. އަދި ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްއާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ އަބްދުﷲ އަށް ފަރުވާ ދީފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަ ކުރެ އެވެ.
އޭގެ އިތުރުން އެމްޑީޕީ އޮފީސް ހުންނަ ސަރަހައްދާއި ކުނޫޒް ހިމެނޭ ސަރަހައްދުގައި ބެރިކޭޑު ޖަހާ ބަންދުކޮށްގެން ފުލުހުން ތިބި ކަމަށާއި އެ ސަރަހައްދުތަކުގައި އާންމުންނަށް އެއްވެ އުޅުމަށް ފުރުސަތު ދީފައި ނުވާ ކަން ފާހަގަވި ކަމަށް އެޗްއާރްސީއެމް އިން ބުނެފައިވެ އެވެ. އަދި ފުލުހުން އާންމުންނާ މުއަމަލާތް ކުރުމުގައި ހުތުރު ބަހުރުވަ ބޭނުންކޮށްފައި ނުވާ ކަން ވެސް އެ ކޮމިޝަނުން ފާހަގަ ކުރެ އެވެ. އަދި ފުލުހުންގެ މަސައްކަތް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ކައިރިން ބަލަމުން ދިޔަ ކަމަށް ވެސް އެޗްއާރްސީއެމްއިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.