ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއަށް ކުރާ ދައުވާތަކާ ގުޅޭ ގޮތުން މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތް ކެންސަލްކޮށްފި އެވެ. ގާސިމްގެ ޝަރީއަތް ކެންސަލްކޮށްފައިވާ އިރު އެ ޝަރީއަތް ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެނެވެ.
ގާސިމްގެ ވަކީލުން ވިދާޅުވީ މިރޭގެ ޝަރީއަތް ކެންސަލް ކުރުމަށް ގާސިމް އެދިވަޑައިގަތް ކަމަށާއި އެގޮތަށް އެދިވަޑައިގަތީ އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ. އެހެންކަމުން ގާސިމްގެ ޝަރީއަތް މިއަދަށް ކެންސަލްކޮށްފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ގާސިމްގެ މައްޗައް ކުރާ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ. އެ ދައުވާތަކާ ގުޅިގެން މިރޭ ބޭއްވި އަޑު އެހުމަކީ ގާސިމްގެ މައްސަލަ ކުރިން ބޭރުކޮށްލި ހިސާބުން ފެށިގެން ކުރިޔަށް ގެންދިޔުމަށް ބޭއްވި ޝަރީއަތެކެވެ. ކުރިން އެ މައްސަލަ ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ވަކީލުން ހާޒިރު ނުވެގެންނެވެ.
ގާސިމް އޭޑީކޭ ހޮސްޕިޓަލުގައި ހަފްތާއެއްހާ ދުވަސްވަންދެއް އެޑްމިޓްކޮށްފައި އޮތުމަށް މިހާރު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އެމަނިކްފާނުގެ ހާލުކޮޅު އަދިވެސް ރަނގަޅު ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.