ލައިފްސްޓައިލް

30 އަހަރު ފަހުން އެނބުރި ދަނީ، ވިސާކާ މިސް އަށް ޝުކުރިއްޔާ!

އިސްކަންދަރު ސްކޫލުގެ ދިރުމުގެ ގޮތުގައި އެންމެ ގިނަ މީހުން ސިފަކުރި މުދައްރިސަކީ ވުސާކާ ޕަހަތުކުނބުރާ ނުވަތަ ވިސާކާ މިސް އެވެ. އެ ސްކޫލުގެ އެތައް ދަރިވަރުންނެއްގެ ހިނިތުންވުމުގެ ފަހަތުގައިވާ މަގުބޫލު ސިއްރެވެ. ސްކޫލުގެ ފޮތްތެރި މާހައުލު ފަޅުފިލުވާލަދޭ ނަލަ ރާގެވެ. ތިރީސް އަހަރު ވަންދެން ކިޔަވައިދިން ކޮންމެ ދަރިވަރެއްގެ ހިތުންވުމާ ގުޅިފައިވާ މަންމައެއްގެ މަގާމު ހޯދި ކާމިޔާބު މުދައްރިސާ އެވެ. ދިވެހިންނާއި ދިވެހި ގައުމު ދެކެ އިންތިހާއަށް ލޯބި ވެވިފައިވާ ބިދޭސީ ހިތެކެވެ. ކެންސަރާއި ހަނގުރާމަކޮށް ކާމިޔާބު ހޯދި ކެތްތެރި، ހިތްވަރުގަދަ އަންހެނެކެވެ. އިސްކަންދަރް ސްކޫލާއި ދަރިވަރުންނަށް ހިދުމަތްކުރުމުގައި އުމުރުގެ ދެބައިކުޅައެއްބައި ހޭދަކޮށްފައިވާ ސްރީ ލަންކާގެ ކެންޑީއަށް އުފަން ވިސާކާ މިސްގެ ވާހަކަ މިހެން ކިތަންމެ ދިގުކޮށްވެސް ދެއްކިދާނެ އެވެ.

އެތައް ދިވެހިންނެއްގެ ހިތުގެ ފުން މިނުން ޖާގަ ހޯދުމަށްފަހު މިއަދު ވިސާކާ މިސް އެ ތައްޔާރުވަނީ މި ގައުމު ދޫކޮށް އުފަން ގައުމަށް ދާށެވެ. މިފަހަރު ޗުއްޓީއަކަށް ނޫނެވެ. އެއްކޮށެވެ. ވިސާކާ މިސް ގެ އަމިއްލަ ނިންމުމެކެވެ. ހަމަގައިމުވެސް މިއީ އުފާވެރި ހަބަރެއް ނޫނެވެ. ލަވަ މުބާރާތުގައި ލަވަ ކިޔާ ނިންމާލުމަށްފަހު އެންމެ ހަންދާންކޮށް ހުރިހާ ކުދިންވެސް ޝުކުރު އަދާކުރާ ވިސާކާ މިސް އެނބުރި ދާން ނިންމީ އެވެ.

ވިސާކާ މިސްގެ އެނބުރި ދާތީ އެކަން ފާހަގަ ކުރަން އިއްޔެވަނީ އިސްކަންދަރު ސްކޫލްގައި ހާއްސަ އެސެމްބްލީ އެއް ބާއްވާފަ އެވެ. އެ ސްކޫލްގެ ޕްރިންސިޕަލް ހުސެން ސައީދު ވަނީ އެ ސްކޫލްގެ ދޮރު އަބަދުވެސް ވިސާކާ މިސް އަށް ހުޅުވިފައި ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. ސްކޫލް ކުދިންގެ ފަރާތުން މާބޮނޑި އާއި އެހެެނިހެން ހަދިޔާތައް ވަނީ ވިސާކާ މިސް އަށް ދީފަ އެވެ. ވިސާކާ މިސްގެ އަގުހުރި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ނަވާރަ ސަތާކެ އައްޑިހަ ހަތް ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް އިސްކަންދަރު ސްކޫލުގެ ގޭޓުތައް ދަރިވަރުންނަށް ހުޅުވައިލީ އެ ކުދިންގެ ހަޔާތުގައި ކުރިން ޖެހިފައި ނެތް އެތައް ކުލައެއް ޖައްސައިދިނުމުގެ ވަރުގަދަ އަޒުމުގައި ރާއްޖެއަށް ހިޖުރަކުރި ހިތްހެޔޮ ވިސާކާ މިސްގެ ހިތްގައިމު ނަލަ މިއުޒިކާއެކު އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޕްރައިމަރީ މިއުޒިކް ބޭންޑެއް އުފައްދާފައިވަނީވެސް ވިސާކާ މިސް އެވެ. އަހަރުތަކަކަށް ފަހު އެ ބޭންޑަކީ މިހާރު މާލޭގައި އޮތް އެންމެ ކުޅަދާނަ ބްރާސް ބޭންޑަށެވެ.

ވިސާކާ މިސް އަކީ ރާއްޖޭގައި މިހާރު ތިބި ފަންނާނުންނަށް ބެއްޔަސް އެތައް ޒުވާން ފަންނާނުންނެއްގެ މިއުޒިކީ ހަޔާތުގެ ފައުންޑޭޝަން އަޅުއްވައިދެއްވި ކުޅަދާނަ ޓީޗަރެކެވެ. ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ، ރާފިޔަތު ރަމީޒާ އަކީ ވިސާކާ މިސް ކިޔަވައިދިން އެންމެ ހުނަރުވެރިކުދިންގެ ލިސްޓުގައި މިސް ފާހަގަކުރާ ނަމެކެވެ. އަދި ޝައްމު އާއި ބަތޫލް އާއި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޒަލީފް އާއި ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑޮލް ލައިޝާ ޖުނައިދް އަކީވެސް ވިސާކާ މިސްގެ ދަރިވަރުންނެވެ.

ވިސާކާ މިސް އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ދުވަހު ހޭދަކުރި އަދި އެންމެ ގިނަ ދަރިވަރުންގެ ލޯބި ލިބިފައިވާ މުދައްރިސެކެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ ލޯބި ލިބިގެންވާ ލޮބުވެތި މުދައްރިސެކެެވެ. ދިވެއްސަކަށް ނުވި ނަމަވެސް ދިވެހި ދަރިން ދެކެ އިންތިހާއަށް ލޯބިވާ މުދައްރިސެކެވެ.