ފިނިޕޭޖް

އޭދަފުށި "ފަޅާލަން" އައްމަޑޭ، ޝަލަބީ އަދި ބަތޫލް

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވާލައިގެން އަނެއްކާވެސް މިއޮތީ ކުރު ޗުއްޓީއެއް ލިބިފަ އެވެ. އެހެން އަހަރުތަކާއި ހިލާފަށް މިނިވަން ދުވަސް އައިއިރު މިއަހަރު މާލެ ތެރޭ މިއޮތީ ސިޔާސީ ގޮތުން ހަލަބޮލިވެފަ އެވެ. އެހެންވީމަ މުނިފޫހި ފިލުވާލަން ކުރާނެ ކަމެއް ނޭންގެން ގޭގައި އޮވެގެން ސީރީޒް ބަލާނީ ހެއްޔެވެ؟ ޝަލަބީ އިބްރާހިމް، އަހްމަދު އިބްރާހިމް (އައްމަޑޭ) އަދި ބަތޫލްގެ ފޭނުން އެއް ގޮތަކަށްވެސް ގޭގައި ތިބޭނެ ކަމެއް ނެތެވެ.

ބ. އޭދަފުށްޓަށް ނައްޓާލާށެވެ. އެ ތިން ފަންނާނުންނާއި ހައުސް އޮފް މިއުޒިކްގެ ހާއްސަ ޝޯ އެއް މިރޭ އޭދަފުށީގައި އޮންނާނެ އެވެ. މިރޭގެ ޝޯ އަކީ ބ. އަތޮޅުގެ ރައްޔިތުން ހެއްވާލަން ބާއްވާ ޝޯ އެކެވެ. އެއީ އެ ޝޯގައި ޝަލަބީމެން ޕާފޯމް ކުރުމުގެ އިތުރުން އޭދަފުށީ ފަސްމުގޫ ރޯދަ ސޭލް 2017 ގައި ބައިވެރިވ ފަރާތްތަކުގެ އިނާމްވެސް ދޭނެތީ އެވެ. ރާއްޖޭގެ އުުތުރުގެ އެންމެ ވަރުގަދަ ތިން ވިޔަފާރިވެރިންވެސް ބައިވެރިކޮށް އެއް ލައްކަ ރުފިޔާގެ އިނާމް ދޫކޮށްލާނެ ލަކީޑްރޯއެއް ކުރިއަށް ގެންދާނެ އެވެ.

އޭގެ އިތުރުން ވަރަށް ހާއްސަ ސަޕްރައިޒެއް އެބަ އޮތެވެ. މާލެއިން ދާ ފަންނާނުންގެ ތެރެއިން ކޮންމެވެސް އެއް ފަންނާނެއްގެ ފަރާތުންނެވެ. ނަމެއް ނުބުނާނަމެވެ. ސަޕްރައިޒެއް ގޮތުގައި ބާއްވާނީ އެވެ.

ޝޯ ދޭން އޭދަފުށްޓަށް ދާ ޓީމަށް މަރުހަބާ ކިޔަން މުޅި އޭދަފުށި މިހާރު ތައްޔާރުވަނީ އެވެ. ރަތް ދޫލައިން މަރުހަބާ ކިޔަން ނިންމާފައިވާއިރު ވަރަށް ހާއްސަ ރޭގަނޑުގެ ކެއުމެއްވެސް ދަނީ ތައްޔާރުވަމުންނެވެ.

ޝަލަބީގެ އިތުރު ޝޯއެއް މާދަމާ ރޭ ވެސް އެބައޮތެވެ. މާލެ އާ ވަރަށް ކައިރީގަ އެވެ. އ.ދ ފެންފުށީގަ ޝަލަބީ އަދި ހައުސް އޮފް މިއުޒިކްގެ ޝޯއެއް އޮންނާނެ އެވެ. މިރޭ އޭދަފުށްޓަށް ނުދެވޭ މީހުން މާދަމާ ރެއަށް ފެންފުށްޓަށް ދާން ދަތުރު ހަދާށެވެ. ޝަލަބީގެ އެ ޝޯތައް މިސްކޮށް ނުލައްޗެވެ.