ހަބަރު

ރާއްޖެ ހަލަބޮލި ވުމުން އިނގިރޭސިން ސަމާލުވާން އަންގައިފި

ރާއްޖޭގައި މިހާރު އުފެދިފަައިވާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ އިނގިރޭސިން އެކަމަށް ސަމާލުވުމަށް އެގައުމުގެ ސަރުކާރުން އިރުޝާދު ދީފިއެވެ.

ޔޫކޭ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ރާއްޖެއަށް ނެރެފައިވާ ޓްރެވެލް އެޑްވައިސް އަޕްޑޭޓްކޮށްފައި ވަނީ އިއްޔެއެވެ. އިއްޔެ އަޕްޑޭޓް ކުރި ޓްވެލް އެޑްވަައިސްގައި ބުނެފައި ވަނީ ޖުލައިމަހުގެ 24 ވަނަ ދުވަހު ރާއްޖޭގެ އަަސްކަރިއްޔާއިން ޕާލަމެންޓް ބަންދުކޮށް، މެމްބަރުން އެތަނުން ގަދަކަމުން ނެރުމާ ގުޅިގެން ޕާލަމެންޓްގެ އިމާރާތުގެ ކައިރީގައި ހަމަނުހުން ހިނގި ކަމަށެވެ.

ދެން ބުނެފައި ވަނީ ރާއްޖޭގައި ކުރިން ހިނގި ހާދިސާތަކުން ކުރިން ހިނގި ސިޔާސީ އުތުރިއެރުންތަކުގައި ހަމަނުޖެހުންތައް ހިނގައި ، މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ދެން ގޮވާލާފައި ވަނީ ރާއްޖެއަށް ދަތުރުކުރާ ޔޫގޭ ރައްޔިތުން އެކަމަށް ސަމާލުވެ، ބޮޑެތި އެއްވުންތައް އެއްވާ ތަންތަނަށް ނުދިއުމަށާއި އަމިއްލަ ރައްކާތެރިކަމާ މެދު ސަމާލުވުމަށެެވެ.

ރާއްޖެއާ މެދު ކުރިން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގައި ހިމެނޭ ބައިތައް އިއްޔެ ކުރި އަޕްޑޭޓަށް ފަހު ވެސް އެގޮތުގައި އެބަ ހުއްޓެވެ. އެެގޮތުން ރާއްޖެއަކީ ޒިކާ ވައިރަސް ޖެހުމުގެ ފުރުސަތު އޮތް ތަނެއް ކަމާއި ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބުނެފައިވާ ބުނުމެވެ.