ޖުމްހޫރީ ޕަޓީ (ޖޭޕީ) ގެ އޮފީހާއި ހަރުގެ ހިމެނޭ މ. ކުނޫޒަށް ފުލުހުން ވަދެ ބަލާ ފާސް ކުރަމުން ގެންދަނީ ބާރު ކެނޑިފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުން މިހެން ބުނީ، މިދިޔަ އަނގާރަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކުނޫޒަށް ވަދެ ބަލާ ފާސްކޮށް ހެކި ފެނިފައި ނުވާ ކަމަށް ބުނާ ލިޔުމެއް އެ ޕާޓީގެ އިސްވެރިންނާ ހަވާލުކުރުމަށް ފަހު، އަނެއްކާ ވެސް ދަށުން އިއްޔެ އެ ކޯޓު އަމުރެއްގެ ކުނޫޒު ބަލާ ފާސް ކުރަން ފަށާފައިވާތީ އެވެ.
އެ މައްސަލާގައި އިދިކޮޅު ޕާޓީތަކުން ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖޭޕީއާ ކުނޫޒު ހަވާލު ކުރުމަށް ފަހުގައި އަލުން އެތަނަށް ވަދެ ފުލުހުން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދަނީ ބާރު ކެނޑިފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ސަބަބަކީ އެއް އަމުރެއްގެ ދަށުން އެއް ފަހަރަށް ވުރެ ގިނައިން ތަނަކަށް ވަދެވޭނަމަ އެކަން ކޮޓު އަމުރުގައި ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށް މިހާރު އަމަލު ކުރަން ފަށާފައިވާ ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
"މިހާރު ފުލުހުން ކުނޫޒަށް ޖުމްހޫރީ ޕާޓީގެ އޮފީހުގެ މުއައްޒިފުން ވަނަނުދީ ހިފަހައްޓަމުންދަނީ ގާނޫނާ ހިލާފަށް. ފުލުހުން ހުށަހެޅި ކޯޓު އަމުރުގައި [އެއް ފަހަރަށް ވުރެ ގިނައިން ފާސް ކުރަން ވަންނާނެ] އެ ވާހަކައެއް ނެތް. އެހެންކަމުން ފުލުހުން މިހާރުވަނީ ޖުމްހޫރީ ޕާޓީގެ އޮފީސް ހިސާރުކޮށްފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުނޫޒުގައި ފުލުހުން އެއްޗެއް ޕްލާންޓްކޮށްފާނެތީ ވެސް އިދިކޮޅު ޕަޓީތަކުން ކަންބޮޑުވާ ކަމަށެވެ. އަދި ވަކި ބައެއްގެ މަސްލަހަތު ހިމާަޔަތް ކުރުމަށް ގާނޫނާ ހިލާފަށް ކުރެވޭ ކަންކަމުގައި ފުލުހުން ބައިވެރިވާތީ ވެސް ކަންބޮޑުވާތީ ކަމަށާއި ކުނޫޒް އަނބުރާ ޖޭޕީއާ ހަވާލު ކުރުމަށް ގޮވާލާ ކަމަށެވެ.
ކޯޓު އަމުރުގެ ބާރު ކެނޑިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ އިރު ފުލުހުން ކުނޫޒަށް ވަނުމަށް ދޫކުރި ކޯޓު އަމުރުގައި ބުނެފައި ވަނީ މިދިޔަ އަނގާރަ ދުވަހު 6:00 އަކުން ފެށިގެން މާދަމާ 6:00 އާ ހަމަޔަށް ފާސް ކުރުމުގެ ވަގުތު ލިބޭނެ ކަމަށެވެ. އަދި ސަރުކާރު ބަދުނާމުވާ ގޮތަށް ލިޔެފައި ހުރި ލިޔެކިޔުންތަކާއި ބެނާތަކާއި ފޮތިތަކާއި ސީސީޓީވީ ފުޓޭޖް ބަލާ ފާސް ކުރުމަށް ބޭނުންވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ފުލުހުން އިއްޔެ ބުނެފައި ވަނީ ކުނޫޒު ފާސް ކުރުމަށް ކޯޓު އަމުރުގައި ދީފައިވާ ވަގުތާ ހަމަޔަށް ބަލާ ފާސް ކުރުމުގެ އޮޕަރޭޝަން ކުރިޔަށް ދާނެ ކަމަށާއި އެންމެ ފަހުން ފާސް ކުރުމަށް ފަހު ދޫކޮށްފައިވާ ލިޔުމަކީ އެ ރޭ ފާސް ކުރެވުނު ތަކެއްޗާ ބެހޭ ގޮތުން ދެވުނު ލިޔުމެއް ކަމަށެވެ.