ހަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި

Jul 27, 2017

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދައުވަތަކަށް، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފާއި އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވި އެވެ. ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުންނެވެ.

މިގޮތުން، އިގުތިސޯދާއި ތައުލީމާއި ސިއްހަތާއި ފަތުރުވެރިކަމާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި، ބައިނަލްއަގުވާމީ ގޮތުންނާއި ސަރަހައްދީ ގޮތުން ދެ ޤައުމަށް މުހިންމު އެކިއެކި ކަންކަމާ ބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވިއެވެ.

އަދި ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ޖާފަތެއް އަންގާރަ ދުވަހުގެ ރޭ ވަނީ ބާއްވަވާފައެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުން، ދިވެހިރާއްޖޭގެ މިނިވަންކަމުގެ 52 ވަނަ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުނު ހެވިކަމާއި ކުޅިވަރުގެ ޕްރޮގްރާމްތައް ބައްލަވާލެއްވިއެވެ.