ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒު ޝަރީފު، ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވުމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ. މިއަދު އެ ނިންމުން އާއިރު ސުޕްރީމް ކޯޓުގެ ޝަރީއަތް އެހުމަށް ގިނަ އަދަދެއްގެ މީހުން ވަނެވެ.
އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތު ޝަރީފަށް ގެއްލިފައިވާ ކަމަށާއި، ބޮޑުވަޒީރުކަމުގައި މަގާމުގައި ހުންނެވުމުގެ ހައިސިއްޔަތު ގެއްލި އެމަގާމުން ވަކިވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއި އެކު ނަވާޒު ޝަރީފަށް ވަނީ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރު ވެވަޑައިގެންފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ މިހާރު އިސްތިއުފާ ދެއްވަން ނިންމަވާފަ އެވެ.
އަދި ޕާކިސްތާނުގެ ދާޚިލީ ވަޒީރު ޗައުދަރީ ނިސާރު އަލީ ޚާން ވެސް ވަނީ ބޮޑުވަޒީރު ނަވާޒު ޝަރީފު ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލުފުޅު ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ
މަޝްހޫރު "ޕެނަމާ ޕޭޕާސް" އިން ލީކުކޮށްލި ލިޔުންތަކުގައި ނަވާޒު ޝަރީފުގެ ބޭފުޅުން ގައުމުން ބޭރުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ވާހަކަ ހިމަނާފައި ވެއެވެ. ސުޕްރީމް ކޯޓުގެ އަމުރަށް އެ މައްސަލަ ބެލީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުން ހުށަހެޅި ތަހުގީގީ ރިޕޯޓު ދިރާސާކުރުމަށް ފަހުގައެވެ. .
ނަވާޒު ޝަރީފަކީ ޕާކިސްތާނުގައި ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ފުރަތަމަ ބޭފުޅާއަށެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް މަގާމުގައި ދެމިހުންނެވުނު ނަމަ ތިން ދައުރު ފުރިހަމަ ކުރެއްވި ބޮޑުވަޒީރެއްގެ ގޮތުގައި ނަވާޒު ޝަރީފު ޕާކިސްތާނުގެ ތާރީޚުގެ ތެރެއަށް ވަންނާނެ އެވެ.
މިއީ ޕާކިސްތާނުގެ 70 އަހަރުވީ ތާރީޚުގައި މަގާމުގައި ހުންނެވި ބޮޑު ވަޒީރަކު ސުޕްރީމް ކޯޓުން ދުރުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީ މަގާމުން ދުރުކޮށްފަ އެވެ.