ވިޔަފާރި

އަހަރުގެ ކުރީކޮޅު ދަށްވި ޖަޕާނު މާކެޓު ރަނގަޅު ވެއްޖެ

މި އަހަރު ފެށުނު އިރު ޖަޕާނުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެފައި އޮތުމަށްފަހު އަނެއްކާ ވެސް އިތުރު ވާން ފަށާފައިވާ ކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހު ޖަޕާނުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 2914 މީހުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު 3493 މީހުން ޒިޔާރަތް ކުރި އެވެ. އަހަރު ފެށުނުއިރު ޗަޕާނު މާކެޓު ވަނީ 16.6 ޕަސެންޓް ދަށްވެފަ އެވެ.

ނަމަވެސް، ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހު ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހު އެކަނިވެސް 2495 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު ޒިޔާރަތްކުރި 2247 މީހުންނާ އަޅާބަލާއިރު 11 ޕަސެންޓް އިތުރުވުމެކެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް 18،553 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރި 18،103 މީހުނާ އަޅާބަލާއިރު 2.5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެ ގައުމުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ޓޫރިޒަމްގެ 2.8 ޕަސެންޓް ހިއްސާ ކޮށްފައިވެ އެވެ.

ޖަޕާނު މާކެޓު ރަނގަޅު ވެފައިވާއިރު އެ ގައުމަކީ އިންޑިޔާ އާއި ޗައިނާއަށްފަހު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އޭޝިޔާގެ ގައުމެވެ. އަދި ޖަޕާނަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ވެސް ހިމެނޭ ގައުމެކެވެ. އަދި އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ގިނަ ބަޔަކީ ޑައިވިންއަށް ޝައުގުވެރިކަން ހުންނަ ބައެކެވެ. މިގޮތުން ޖަޕާނު ޓޫރިސްޓުންގެ ގިނަ ބަޔަކު ހޭދަކުރަނީ ސަފާރީތަކުގަ އެވެ.