އިނގިރޭސީ ރާނީ ކްއީން އެލިޒެބަތު ދޭއް، ރާއްޖޭގެ ވެރިރަށް މާލެއަށް ވަޑައިގަތީ މާޗް 13، 1972 ގައެވެ. އެކަމަނާ ރާއްޖެ ވަޑައިގެންނެވީ ހޯމަ ދުވަހެއްގަ އެވެ. އެ ދުވަސް ދިމާވީ އިރުވައި މޫސުން ނިމޭ ދެވަނަ ނަކަތް ކަމަށްވާ ފަސްބަދުރުވައިން ދެވަނަ ދުވަހު އެވެ. އެއީ ހެޔޮވަރު ވަރަކަށް ވައި ޖެހުނު މޫސުން ރީތި، ހޫނު ގަދަ ދުވަހަކެވެ. އެހާ ތާރީހީ ދުވަހެކެވެ.
ރާނީ ދަތުރުފުޅު ކުރެއްވި ޝާހީ ޔޮޓުކޮޅު، "ރޯޔަލް ބްރިޓޭނިއާ" ވެރިރަށް މާލޭގެ ބަނދަރު ޖެހީ އެ ދުވަހުގެ ހަވީރު 3:30 ގަ އެވެ. ބްރިޓޭނިއާ ބަނދަރު ޖެހުމާއެކު މާލެއިން ދަންވާ މަރުހަބާގެ ގޮތުގައި 21 ބަޑީގެ ސަލާމެއް އެރުވި އެވެ.
އިނގިރޭސި ޔުނިއަންޖެކްގެ ދިދަ އާއި ރާއްޖޭގެ ފެއްސާ ރަތާއި ހުދުގެ ދިތަކުން ޒީނަތް ކޮށްފައިވާ މާލޭގެ ރަސްމީ ބޮޑު ފާލަމަށް ރާނީ ފައިބައިވަޑައިގަތީ ހަވީރު 4:15 އިގަ އެވެ. މަތީގައި އެވާ ފޮޓޯއަކީ ހަމަ އެވަގުތު ނަގާފައިވާ ވަރަށް ހާއްސަ ފޮޓޯއެކެވެ.
އެ ފޮޓޯގައި މަލުގެ ގުލްސްދަސްތާއަކާއެކު އެ ފެންނަ އަމީނިއްޔާ ސްކޫލްގެ ދަރިވަރަކީ ވަރަށް ހާއްސަ ވަރަށް ތާރީހީ ދަރިވަރެކެވެ. ކުރިން އަންހެން ކުދިންނާ ހާއްސަ ސްކޫލްގެ އެ ދަރިވަރަކީ ވަރަށް ޝަރަފުވެރި ދަރިވަރެކޭ ބުނަން ޖެހެނީ އޭނާ ފިޔަވައި އެ ފޮޓޯއިން ފެންނަ ނުވަ ބޭފުޅުންނަކީ ރަސްމިއްޔާތުގެ އެންމެ މުހިންމު އިތްޒަތްތެރީން ކަމަށްވާތީ އާއި އެފަދަ މުހިންމު ވަގުތު ކޮޅެއްގެ ފޮޓޯއަކުން އޭނާއަށް ޖާގައެއް ލިބި ދިވެހި ތާރީހުގެ ފަހުރުވެރި ސޮފުހާއެއް ލިޔެފައިވާތީ އެވެ.
ވަރަށް މަސައްކަތްކޮށްގެން ވެސް ފޮޓޯގައި ފުރަގަހަށް ވާގޮތަށް އެ ފެންނަ ހާއްސަ ދަރިވަރު އެއީ ކާކު، ކޮން ކުއްޖެއް ކަމެއް ސާފެއް ނުވި އެވެ. މީ ކޮން ކުއްޖެއްކަށް އެނގޭ މީހުން އެ ދަރިވަރާ ބެހޭ މައުލޫމާތު ތާރީހަށްޓަކައި ހިއްސާ ކުރަންވީ އެވެ. އެއީ ކުރަން ޖެހޭ ކަމެކެވެ. ފަހަރުގައި އޭނާއަށް އަދި މި ފޮޓޯ ފެނިފައި ވެސް ނޯވެދާނެ އެވެ. އަދި ފަހަރުގައި އޭނާ އެނގޭ ވަރަށް ގިނަ މީހުން މިހާރު ވެސް ތިބޭނެ އެވެ.
ފެންނަ ފެނުމަށް އޭރު އެއީ 12 ވަރަކަށް އަހަރުގެ ކުޑަ ކުއްޖެކެވެ. ރާނީ ރާއްޖެ ވަޑައިގެންނެވިތާ 45 އަހަރުވެފައިވާއިރު އޭރު އެ ކުއްޖާގެ އުމުރަކީ 12 އަހަރު ކަމަށް ބަލައިފިނަމަ އޭނާއަށް މިހާރު 57 އަހަރުވާނެ އެވެ. ފަހަރުގައި އެއީ އެއަށްވުރެ ދޮށީ ނުވަތަ އެއަށް މާ ހަގު ކުއްޖަކަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި އެ ފޮޓޯ ފެނިއްޖެ ނަމަ ހައިރާން ކަމާއި އުފާ އިހުސާކުރާނެ ކުދިން ވެސް އޭނާ ގެ ތިބެދާނެ އެވެ. އަދި ފަހަރުގައި މިހާރު ދުނިޔޭގައި ނެތުމަކީ ވެސް ވެދާނެ ކަމެކެވެ. -- އިރާދަ ކުރެއްވިއްޔާ އެހެނެއް ނުވާނެ އެވެ.
މި ހާއްސަ ދަރިވަރުގެ ކުރިމަތިން ސާޅި އަޅުއްވައިގެން އެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ނަސީމާ މުހައްމަދު ކަލޭފާނެވެ.
ދެން އެހުންނެވީ ރާއްޖޭގެ މިނިވަން ކަމުގެ ދިގު ހިނގުމުގައި ރައީސް އިބްރާހިމް ނާސިރާއެކު ބައިވެރިވެ ވަޑައިގެންނެވީ އަބްދުއްސައްތާރު މޫސާ ދީދީ އެވެ. ދެން އެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ އިތްޒަތްތެރި ވެރިޔާ އެވެ. އަދި ސިލޯނުގައި ހުންނަވާ އިނގިރޭސި ދައުލަތުގެ އެމްބެސަޑަރު އޭއެމް މެކިންޓޮޝް އެވެ. -- ރާނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން އެންމެ ތަފުސީލު ރިޕޯޓެއް ލިޔުއްވާފައި ވަނީ އެމްބެސެޑަރު މެކިންޓޮޝް އެވެ. އެ ރިޕޯޓް އަޅުގަނޑުގެ އަތުގައި އެބައޮތެވެ.
ރާނީގެ ޝާހީ ދަތުރުފުޅުގައި ހިމެނޭ މާލޭގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މެކިންޓޮޝް މާލެ ވަޑައިގެންނެވީ މާޗް 12، 1972 އެވެ. އެއީ ރާނީ ވަޑައިގެންނެވި ދުވަހުގެ ކުރީ ދުވަހެވެ. އޭނާގެ އަރިހުގައި އަނބިކަނބަލުން މިސިޒް މެކިންޓޮޝް ވެސް މާލެ ވަޑައިގެންނެވި އެވެ. އޭގެ އިތުރުން އެމްބަސީގެ ކޮންސަލް މރ. ޕަޕަޑޮޕްލަސް އާއި ޑިފެންސް އެޓާޗޭ ވިންގް ކޮމާންޑާ ރޮބަޓްސަން އާއި އެމްބަސީގެ ދެވަނަ ސްކެރެޓަރީ، މރ. ޖެފްރީ މުއާ ވެސް ވަޑައިގެންނެވި އެވެ.
ފޮޓޯގައި ސަލާމް ކުރައްވަން އަތްޕުޅު ދިއް ކުރައްވައިގެން އެ ހުންނެވީ އިނގިރޭސީ ރާނީ އެވެ. އެކަމަނާގެ ފަހަތްޕުޅުން އެ ހުންނެވި ފިރިކަލުން ޑިއުކް އޮފް އެޑިންބަރާ އެވެ. ދެން އެހުންނެވި އަންހެން ބޭފުޅަކީ މެކިންޓޮޝްގެ އަނބިކަނބަލުން މިސިޒް މެކިންޓޮޝް އެވެ. އެކަމަނާގެ ފަހަތްޕުޅުގައި އެހުންނެވީ ރާއްޖޭގެ ފޮރިން މިިނިސްޓަރު އަހުމަދު ޒަކީ އެވެ. އަދި އެއީ ރާނީގެ ޝާހީ ދަތުރުފުޅާ ގުޅުވައި ސަރުކާރުން ރާނީއަށް ކަނޑަ އެޅުވި މިނިސްޓާ އޮން އެޓެންޑެންސް ވެސް މެއެވެ. ފޮޓޯގެ އެންމެ ކަނާތް ފަރާތުގައި އެވަނީ ލޯޑް ލުއި މައުންޓްބެޓަން އެވެ.
ފޮޓޯގައިވާ ހުރިހާ ބޭފުޅުންގެ ޝަރަފުވެރި އެ ވަގުތުކޮޅުގެ ތެރޭގައި މާ ބޮނޑިއާއެކު މަޑުކޮށްލައިގެން އެރަ ކުޑަ ކުއްޖާއަކީ ކާކުކަން ރާއްޖޭގެ ތާރީހަށްޓަކައި ވަރަށް މުހިންމުވެ އެވެ. އެ ހާއްސަ ވަގުތުކޮޅާއި އެކަމަށް އޭނާ ތައްޔާރުވި ގޮތާއި އެ ފުރުސަތު ލިބުނު ގޮތް އޭނާގެ ދުލުން މިހާރުގެ ދިވެހިން އަޑު އަހައިލަން ބޭނުން ނުވާނެ ހެއްޔެވެ؟ އަމީނިއްޔާ ސްކޫލްގެ ތާރީހީ ފާރަށް މި ފޮޓޯ ހަރުކޮށްލަން ބޭނުން ނުވާނެ ހެއްޔެވެ؟ ފެނި ބައްދަލުވެއްޖިއްޔާ ހާދާހާ އުފާވެރި ވާހަކައެއް ކިޔައިދޭނެއޭ ހިތަށް އަރަ އެވެ.
މި ހާއްސަ ދަރިވަރާ ގުޅޭ އެއްވެސް މައުލޫމާތު ލިބިފައިވާ ފަރާތެއް ނަމަ "އަވަސް" އާ ހިއްސާ ކޮށްދެއް ވާނެ ކަމަށް ބަލައި ނިންމާލަމެވެ.
މައުލޫމާތު ހިއްސާ ކުރަން
އީމެއިލް: [email protected]
ފޯނު: 3011533
ނިއުސް ޑްރޮޕް: https://www.avas.mv/news-drop