ހަބަރު

ވަޅި ހެރި މައްސަލައެއްގައި ހަ މީހަކު ހައްޔަރުކޮށްފި

މިދިޔަ ހަފުތާ ބުދަ ދުވަހު އެލްސިއޯން ބޭކަރީ ކައިރިން މާރަމާރީ ހިންގާ މީހެއް ގަޔަށް ވަޅި ހެރި މައްސަލާގެ ތުހުމަތަށް ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ، ނާސިރައްދޫގެ އުމުރުން 21 އަހަރުގެ މުނާޒު މުހައްމަދުއާ، ހއ. މޮޅަދޫ، ބަހާރުގެ އުމުރުން 20 އަހަރުގެ ސިރުފާން އިބްރާހިމާއި ވ. ބުލޫނިޔާއާގެ އުމުރުން 21 އަހަރުގެ މޫސާ އިބްރާހިމް އާއި ސ. ހިތަދޫ، ލުހާއު އުމުރުން 20 އަހަރުގެ އިބްރާހީމް އަރީން އަހުމަދު އަދި ނ. މިލަދޫ، ކާނޭޝަންމާގެ، އުމުރުން 20 އަހަރުގެ އަބޫބަކުރު ފާރިއު ކަމަށެވެ.

އޭގެ އުތުރުން 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވެސް އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ހައްޔަރުކޮށްފައި ވަނީ އެކި ދުވަސްތަކުގެ މަތިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުންނަކީ އެލްސިއޯން ބޭކަރީ ހިމެނޭ ސަރަހައްދުގައި މާރާމާރީ ހިންގާ، 18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެކަމުގައި އެ ހަ މީހުން އަމަލީ ގޮތުން ބައިވެރިވެފައިވާކަން ސާބިކުރެވޭ ވަރަށް ހެއްކާއި ގަރީނާ ވަނީ ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

މާރަމާރީގައި ޒަހަމްކޮށްލި މީހާ ހަށިގަނޑުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. އަދި އޭނާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލާގެ އިތުރު ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ މާރަމާރީގެ އިތުރު މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުންނެވެ.