ހަބަރު

ދޫސްތޫރީ އޮނިގަނޑު އާޒިމާ އަށް ވެސް ގޯސްވެ، ފާޑުވިދާޅުވެއްޖެ

ރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށް ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެފައިވަނިކޮށް، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު އެކަމަށް ތާއިދު ކުރައްވައިފި އެވެ.

މިނިވަންދުވަހު ގައުމާ މުހާތަބުކުރައްވައި، ރައީސް ވިދާޅުވެފައިވަނީ، ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ރާއްޖެ ފަދަ ކުޑަ ގައުމެއް ހިންގޭ ވަރަށް ވުރެ އޮޅުން ބޮޅުން ބޮޑުވެފައި ކަމަށާއި އެ ނިޒާމް ފަރުމާކޮށްފައި ވަނީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އަޅާ ހުއްޓުމަކަށް ގެނެވޭ ފަދަ ގޮތަކަށް ކަމަށެވެ.

ރައީސްގެ ވާހަކަފުޅަށް ތާއިދުކުރައްވައި، ޕީއެސްއެމްއަށް އާޒިމާ ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ގައުމުގެ ވެރިޔަކު ގައުމުގެ އަމާޒު ވަކި ދިމާލަކަށް ގެންދިޔުމަށް މަސައްކަތް ކުރައްވާއިރު އެކަން ހުއްޓުވަން އެކި ދިމާދިމާލުން މަސައްކަތްނ ކުރަމުންދާ ކަމަށެވެ. އެކަމުގެ މިސާލެއް ވެސް އާޒިމާ ދެއްކެވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރު އިގްތިސޯދީ ތަރައްގީއަށް އަމާޒު ހިފާފައިވާއިރު އެ އަމާޒަށް ވާސިލް ވިޔަނުދިނުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކުރޭ،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު މިހާރު އޮތް ގޮތުން އެކަމަށް ވަރަށް ބޮޑަށް ފުރުސަތު ލިބޭ ކަމަށެވެ. ދުސްތޫރީ އޮނިގަނޑު އޮތީ، ގައުމީ މަސްލަހަތަށްވުރެ ސިޔާސީ މަސްލަހަތަށް ޖާގަދީފައިކަމަށް ކަމަށެވެ. އަދި، ދައުލަތުގެ އޮނިގަނޑުގައި އަމިއްލަ މަސްލަހަތާއި ފައިދާއަށް ކަންކަން ބަދަލުކޮށްލާފަ އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި އޮތީ ފުރިހަމަ ރިޔާސީ ނިޒާމަކަށްވުރެ ބޮޑަށް ބަރުލަމާނީ ސިފަތަކެއް އެކުލެވޭ ނިޒާމެއް ކަމަށް ދުސްތޫރީ އޮނިގަނޑު ދިރާސާކުރައްވާ ބޭފުޅުން ބުރަވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ، ޑިމޮކްރަސީއެއް ހާއްސަ އެއް ސިފައަކީ ގާނޫން ހަދާ މަޖިލީހުގެ އަގުލަބިއްތަތު ނެތް ކަމުގައިވީ ނަމަވެސް ސަރުކާރުގެ އެންމެ އިސްވެރިޔާ ހުރެގެން ދައުލަތް އަދި ސަރުކާރު ކުރިޔަށް ގެންދިޔުން ކަމަށެވެ. އަދި ދުސްތޫރީ އޮނިގަނޑުތަކުގައި މިކަން ހަމަޖެހިފައި ހުންނަނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް އެކަމުގައި ހުރުމުން ކަމަށާއި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކާއި ސަލާމަތީ މަސައްކަތްތައް ހުއްޓުމެއް ނެތި ކޮންމެ ވަގުތެއްގައި ވެސް ކުރިޔަށް ގެންދަން ޖެހޭތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.