ލައިފްސްޓައިލް

އަހަރެމެންގެ މި ހަރަދުތައް އެނގޭ ތަ؟

ދުވާލަކު ކިތަށް ކޮފީ ތަށި ބޮވޭ ހެއްޔެވެ؟ ސުޕާރީ ގަންނަން ކިތަށް ރުފިޔާ ހޭދަ ކުރަން ހެއްޔެވެ؟ އެނާޖީ ޑްރިންކްގެ ކިތަށް ދަޅު ދުވާލަކު ދަމައިލަން ހެއްޔެވެ؟ މީގެ ޖަވާބު ފަހަރުގައި ނޭނގިދާނެ އެވެ. އެހެންވެދާނެ އެވެ. ދިވެހިންގެ މި ތަކެއްޗަށް ދެވިހިފާފައި ތިބެނީ އަމަށަކުން ވަރަކަށް ނޫނެވެ. ނަމަވެސް ކަސްޓަމްސްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގެ "ބިތުފަންގި" ނަގައި ބަލައިލިއިރު ކަމަދުދާކަން ނެތެވެ. މިތަކެތި ރާއްޖެ އެތެރެކުރި އަދަދު މިއޮތީ މިލިއަނުން އިތުރުވެފަ އެވެ.

ފުރަތަމަ ބަލައިލާނީ މިހާރު ވެސް ގިނަ މީހުންގެ އަނގާގައި ހުންނާނެ ކަމަށް ބެލެވޭ ސުޕާރީ އަށެވެ. ތަފާސްހިސާބުތަށް ދައްކާ ގޮތުގައި 2015 ވަނަ އަހަރު 244،390،88 ކިލޯގެ ސުޕާރީ އެތެރެކޮށްފައިވެ އެވެ. ނަމަވެސް 2016 ވަނަ އަހަރު މި އަދަދު ވަނީ 538،046،20 ކިލޯގެ ސުޕާރީއަށް އިތުރުވެފަ އެވެ. އެއީ 120 ޕަސެންޓުގެ އިތުރުވުމެކެވެ. ދެން އޮތީ މި ތަކެތި އެތެރެ ކުރަން ވިޔަފާރިވެރިން ހޭދަކުރި ފައިސާގެ ވާހަކަ އެވެ. އެގޮތުން 2015 ވަނަ އަހަރު ސުޕާރީ އެތެރެ ކުރަން 15.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު މިވަނީ 15.8 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ކިތަށް ދަޅު އެނާޖީ ޑްރިންކް ބޮވޭ ތަ؟

ދެން މިއޮތީ ޒުވާނުންގެ މެދުގައި މިހާރުގެ އެންމެ ބޮޑު "ފެޝަން" ކަމަށްވާ އެނާޖީ ޑްރިންކެވެ. ހަށިގަނޑަކަށް ކިތަންމެ ގެއްލުން ބޮޑު ނަމަވެސް މިކަމަށް ދިވެހިން މިތިބީ ދެވިހިފާފަ އެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި 2015 ވަނަ އަހަރު ރާއްޖެއަށް 4.9 މިލިއަން ލިޓަރުގެ އެނާޖީ ޑްރިންކް އެތެރެކުރި އެވެ. އަދި 2016 ވަނަ އަހަރު 9.2 މިލިއަން ލިޓަރުގެ އެނާޖީ ޑްރިންކް އެތެރެކޮށްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 2015 ވަނަ އަހަރާއި އަޅާބަލާއިރު 85 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ފައިސާގެ ގޮތުން ބަލާނަމަ 2015 ވަނަ އަހަރު އެނާޖީ ޑްރިންކް އެތެރެކުރަން 132 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި 2016 ވަނަ އަހަރު މި އަދަދު ވަނީ 172 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ގާތްގަނޑަކަށް ހަތަރު ގުނަ މި ވަނީ އިތުރުވެފަ އެވެ.

172 މިލިއަން ރުފިޔާގެ ކޮފީ އެތެރެކުރި

އޮފީސް ނިންމާފަ ކުރާނެ މާކަގިނަ ކަންތައް ތަކެއް ރާއްޖެއަކު ނެތެވެ. އެހެންވެ ގިނަ މީހުން ޖައްސާލަނީ ކޮފީ އަކަށެވެ. ރައްޓެހިންނާއެކު ކޮފީ މޭޒު ތަކަށެވެ. މީގެ ފައިދާ ކުރަނީ ރެސްޓޯރެންޓް / ކެފޭ ތަކަށެވެ. ކުރު ގޮތަކަށް ބުނާނަމަ، ވިޔަފާރިވެރިންނަށެވެ. ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި 2015 ވަނަ އަހަރު 17,654,409.87 ލިޓަރުގެ ކޮފީ އެތެރެކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު ވަނީ 2,716,997.66 އަދަދަށް އިތުރުވެފަ އެވެ. ގާތްގަނޑަކަށް 11 ޕަސެންޓް އިތުރުވުމެކެވެ. އަދި މިދިޔަ އަހަރު 172 މިލިއަން ރުފިޔާ ކޮފީ އެތެރެކުރަން ހޭދަކުރިއިރު އޭގެ ކުރީ އަހަރުގެ ހޭދަ ކުރީ 154 މިލިއަން ރުފިޔާ އެވެ.

ކޮންމެއަކަސް ދިވެހިންގެ "އާއްމު ހޭދަތަކުގެ" އެތެރެއިން މިވެސް ހޭދަ އެކެވެ. ނަމަވެސް މީގެ ކުރިން މިތަކެއްޗަށް މިވަރުގެ ހަރަދެއް ދާކަމެއް ނޭނގެ އެވެ. އެކަމަކު މަތީގައި މި އޮތް ވީޑިއޯ ބަލައިލާށެވެ.