ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މަޖިލީހަށް ވަނުން މަނާކޮށް، ސިފައިން "ހިސޯރުކޮށްފައިވާ" އޮތް އޮތުން ނިމުމަކަށް ގެނެސް މަޖިލީހުގެ ތެރެއަށް މެންބަރުންނަށް ވަނުމުގެ ހުއްދަ ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ސިޔާސީ ކަންކަމުގައި ފުލުހުންގެ މުއައްސަސާ ބޭނުން ކުރުމަކީ އެ މުއައްސަސާއަށާއި ރާއްޖެއަށް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.
"މެންބަރުންގެ ތަހުގީގުތައް ހުއްޓާލުމަށް ބާރު އަޅައި ދިނުމަށް އަދި މެންބަރުން މަޖިލީހަށް ވަނަ ދިނުމަށް ގައުމަށް ވަފާތެރި ފުލުހުންނާއި ސިފައިންގެ ކިބައިން އެދެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލިސް ވަނީ ސިފައިން ބަންދުކޮށްފަ އެވެ. އެ މަޖިލީހަށް އެއްވެސް މެންބަރަކަށް ވަނުމަށް ހުއްދައެެއް އަދިވެސް ނުދެ އެވެ. އަދި މިދިޔަ ހޯމަ ދުވަހު އެ މަޖިލީހަށް ވަނުމަށް މަސައްކަތް ކުރެއްވި ބައެއް މެންބަރުންގެ މައްޗަށް ވަނީ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ.
ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ބުނެ އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އޭގެއިތުރުން މަޖިލިސް މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަދެފައިވާތީ، އެ މެންބަރުން ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.