ހަބަރު

ގޮނޑި ގެއްލިފައިވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމި، އެކަން ނުކުރެވޭނެ: ވަކީލުން

މިހާރު ހައްޔަރުކޮށްފައި ތިއްބެވި މަޖިލިސް މެންބަރުން ގޮނޑި ގެއްލިފައިވާ ކަމަށް ކުރިމިނަލް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް އެއީ އެ ކޯޓުގެ އިހުތިސޯސްގައި އޮތް ކަމެއް ނޫން ކަމަށް މެންބަރުންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ މީގެކުރިން ހުކުމްކޮށްފަ އެވެ. ގޮނޑި ގެއްލޭނީ އިލެކްޝަން ކޮމިޝަނުން އެ މެންބަރަކު ޕާޓީން ވަކިވެފައިވާކަން މަޖިލީހަށް އެންގުމުން ކަމަށް ހުކުމުގައިވެ އެވެ. އެ ހުކުމަށް ރިޔާއަތްކޮށް އިލެކްޝަން ކޮމިޝަނުން ވަނީ ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެފަ އެވެ.

އޭގެތެރޭގައި މަޑުވައްރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ހިމެނިވަޑައިގަންނަވަ އެވެ. އެ ތިން މެންބަރުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަތް ކަމަށް ބުނެ މިހާރު ތިބީ ހައްޔަރުކޮށްފަ އެވެ. އެ މެންބަރުންނަށް ކުރަނީ، ފުލުހުންގެ ސަފުތައް ފަޅަލައި، މަޖިލީހަށް ވަނުމުގެ ތުހުމަތެވެ.

ތިން މެންބަރުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހާފަ އެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުން ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ވަނީ ނިންމާފަ އެވެ. އެ މައުލޫމާތު ދިނުމަށް މިއަދު ކުނޫޒުގައި މެންބަރުންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތުގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ، ކުރިމިނަލް ކޯޓުގެ ނިންމުން ބަލައިނުގަންނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން އަމީތަކީ މެންބަރެއް ނޫން ކަމަށް ކުރިމިނަލް ކޯޓުން މުއްދަތު މަޖިލީހުގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނު އަސާސީއާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ނުވާއިރު އެގޮތަށް ކުރިމިނަލް ކޯޓަށް ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑިއާމެދު ސުވާލު އުފެދިއްޖެނަމަ އެކަމާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. މިހާރު އެ ތިން މެންބަރުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ ކަމަށާއި އެފަދަ ހާލަތެއްގައި މަޖިލީހުގެ ސިޓީއަކަށް ރިއާޔަތްކޮށް ފުލުހުންނާއި ކުރިމިނަލް ކޯޓަށް އެއީ މަޖިލިސް މެންބަރުން ނޫން ކަމަށް ނުނިންމޭނެ ކަމަށެވެ.

ވަހީދުގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމަށް ރިޔާއަތްކޮށް އިލެކްޝަން ކޮމިޝަނުން މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމި ނަމަވެސް މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެކަމުގައި ފަހު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެއީ މީގެކުރިން ވެސް ކަންހިނގާފައިވާ ގޮތަށް ބަލާއިރު އަމަލުކޮށްފައިވަނީ އެގޮތަށް ކަމަށްވާތީ ކަމަށެވެ. އެގޮތުން މީގެކުރިން ދަރަނި ދައްކަމުން ނުދާތީ މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަން ވެސް ކަނޑައެޅީ ސުޕްރީމް ކޯޓުން ކަމަށާއި އެ މެންބަރު ދަރަނި ދައްކަމުންނުދާ ކަމަށް ދަށު ކޯޓާއި ހައިކޯޓުން ހުކުމްކުރުމުން އަދި މެންބަރުގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

މަހުފޫޒު ވިދާޅުވީ، ސުޕްރީމް ކޯޓުން އެ މެންބަރުންގެ ގޮނޑިއާމެދު މިހާތަނަށް ގޮތެއް ނިންމަވާފައިނުވަނިކޮށް ކުރިމިނަލް ކޯޓުން މެންބަރުގެ ގޮނޑިއާމެދު ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގެ އިހުތިސޯސްއަށް އަރައިގަތުން ކަމަށެވެ.

"އެހެންކަމުން މި ނިންމުމަކީ މި ހާލަތުގައި ކުރިިމިނަލް ކޯޓަށް ނިންމޭނެ ނިންމުމެއް ނޫން، ކުރިމިނަލް ކޯޓަށް ޖެހޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކަށް އިންތިޒާރުކުރަން، އެހެން ނޫނީ އެ ނިންމުމުގެ ކުރިން ގޮތެއް ކަނޑައަޅާނަމަ ބަލަންޖެހޭނީ އޭގެ އަސްލަށް، އަސްލަކީ އެ މެންބަރުންކީ ދާއިރާގެ ފަސް ހާސް މީހުން އިންތިހާބުކޮށްފައިވާ މެންބަރުންކަން، އަދި މެންބަރުކަން ގެއްލިޖެ ކަމަށް އުފެދިފައިވަނީ ދެބަސްވުމެއްކަން، އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންކަން،" މަހުފޫޒު ވިދާޅުވި އެވެ.

މަހުފޫޒު ވިދާޅުވީ، ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެއީ މެންބަރުން ކަމަށް ކުރިމިނަލް ކޯޓުން ބަލަންޖެހޭނެ ކަމަށެވެ. ނަމަވެސް މައްސަލާގައި ވަހީދު ބަންދުގައި ބެހެއްޓުމަށް ފުލުހުން އެެދުނު ގޮތަށް ކުރިމިނަލް ކޯޓުން ގޮތް ނިންމައިދީފައިވަނީ ވަހީދަކީ މެންބަރެއް ނޫން ކަމަށް އެ ކޯޓުން ދެކޭތީ ކަމަށެވެ. އެއީ ބާތިލު އިޖުރާއަތެއް ކަމަށެވެ. އަމީތަކީ މެންބަރެއް ނޫން ކަމަށް ކުރިމިނަލް ކޯޓުން ސީދާ އިބާރާތުން އެއީ މެންބަރެއް ނޫން ކަމަށް އެ ކޯޓުން ވިދާޅުވެފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެއީ މެންބަރުން ނޫން ކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ އެކަން ހާމަކޮށް މަޖިލީހުން ފޮނުވާފައިވާ ސިޓީތަކަށް ރިއާޔަތްކޮށެވެ. ނަމަވެސް އެ ސިޓީއާމެދު ވެސް ވަކީލުން ސުވާލު އުފައްދަ އެވެ. އެ ސިޓީގައި ސޮއިކުރައްވާފައިވަނީ އެކަމާ ގުޅޭ ބޭފުޅެއް ނޫން ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

ވަކީލުން ވަނީ، މެންބަރުން ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއީ މެންބަރުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިނުވާއިރު އެ މެންބަރުން ހައްޔަރުކުރަން ޖެހޭނީ މެންބަރުންގެ އިމްތިޔާޒާއި ބާރުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެ ގާނޫނުގައިވާ ގޮތުން ކުށުގެ ވެށިން ނޫން ގޮތަކަށް މެންބަރަކު ހައްޔަރުކުރެވޭނީ ޕީޖީ އޮފީހުން އެކަމަށް އެދުމުންނެވެ. ނަމަވެސް އަމީތާއި ސައުދު އަދި ވަހީދު ހައްޔަރުކޮށްފައިވަނީ ފުލުހުން ކުރިމިނަލް ކޯޓުގައި އެދިގެން ނެރުނު އަމުރެއްގެ ދަށުންނެވެ.