ހަބަރު

މެންބަރުން ހައްޔަރު ކުރަނީ އިސްލާހީ މަސައްކަތް ހުއްޓުވަން: އިދިކޮޅު

މެންބަރުންގެ މައްޗަށް މިހާރު ޖިނާއީ ތުހުމަތުތަކެއްކޮށް، ހައްޔަރުކޮށް، ސުވާލު ކުރަމުން ގެންދަނީ ސިޔާސީ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ އިސްލާހީ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ވަނުމަކީ މަނާކަމެއް ކަމަށް އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނުވާ ކަމަށާއި މެންބަރުންގެ މައްޗަށް މިހާރު ޖިނާއީ ތުހުމަތުތަކެއްކޮށް ސުވާލު ކުރަމުން އެގެންދަނީ ސިޔާސީ ގޮތުން ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ އިސްލާހީ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

އަދި މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ހިލާފެއް އުފެދިއްޖެނަމަ އެ މައްސަލައިގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންކަން ބަޔާންކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އެއްވެސް ފަރާތަކުން ނިންމާ އެގޮތައް އަމަލު ކުރުމަކީ ގާނޫނު އަސާސީ އާއި ހިލާފަށް އަދި ސުޕްރީމް ކޯޓުގެ ހުކުމާވެސް ހިލާފަށް ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެކި އެކި ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާ ތަހުގީގު ހިންގުމަކީ މެންބަރުން ފަށައިގެން ކުރިއަށް ގެންދާ އިސްލާހީ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ ކަންކަން، އެއީ މެންބަރުންގެ ގާނޫނީ ޒިންމާއަށް ހުރަސްއަޅާ، ސަރުކާރު ޒިންމާދާރު ކުރުވުމަށް ހިންގާ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ ކަންކަން. އެކަމަކީ ރައްޔިތުންގެ މަންދޫބުންނަށް ބިރު ދެއްކުން،" އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ ފުލުހުން ޤާނޫނާއި ހިލާފަށް މަޖިލިސް މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅައި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލިސް އިދާރާއަށް ވަދެ މަޖިލީހުގެ މެންބަރުން މަޖިލީސް ކުރާ ގެއިން ނެރުނު މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި ގުޅިފާވާ ޕާޓީ ތަކުގެ ލީޑަރުންނާއި ރައީސުންނަށް ކުރަމުން ދާ ޖެއްސުމާއި އަނިޔާ މިހާރުން މިހާރަށް ހުއްޓާލުމަށް އިދިކޮޅު ފަރާތްކުން ގޮވާލާފައި ވެއެވެ.

"މެންބަރުންނަށް ބިރު ދައްކާ، މެންބަރުން އެކި ދައުވާތަކުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، މެންބަރުން ހައްޔަރުކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުން، މިހާތަނަށް ހައްޔަރު ކޮށްފައިވާ އެންމެހާ މެންބަރުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ވެސް ގޮވާލަން، އަދި މަޖިލީސް މެންބަރުންނާއި އެހެނިހެން ސިޔާސީ ފަރާތްތައް ސުވާލުކުރުމަށް ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު ކަމެއް ނުކުރާހާ ހިނދަކު ސުވާލުކުރުމަށް ޕޮލިހަށްގެން ދިއުން ހުއްޓާލުމަށްވެސް ގޮވާލަން." އިދިކޮޅު ފަރާތްތަކުން ބުންޏެވެ.