މީޑިއާ ކުރިމަތީގައި މާފަށް އެދެން ކުރިމިނަލް ކޯޓުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް އަލީ ޒާހިރަށް އަންގައިފި އެވެ. އެކަމަށް އެ ކޯޓުން އަލީ ޒާހިރަށް ދީފައިވަނީ އެއް ދުވަހުގެ މުއްދަތެކެވެ.
އިއްޔެ އަލީ ޒާހިރު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކުރިމިނަލް ކޯޓުން މިއަދު އޭނާގެ މައްސަލަ ބަލާފައިވާއިރު އެކަމާ ގުޅިގެން އަލީ ޒާހިރު އެއްޗެއް ވިދާޅެއް ނުވި އެވެ.
މިހާރު ހައްޔަރުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގާނޫނީ ވަކީލުކަން ކުރައްވާ އަލީ ޒާހިރު އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އަމީތަކީ މެންބަރެއް ނޫން ކަމަށް ކުރިމިނަލް ކޯޓުން މުއްދަތު މަޖިލީހުގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނު އަސާސީއާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ނުވާއިރު އެގޮތަށް ކުރިމިނަލް ކޯޓަށް ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
އަމީތަކީ މެންބަރެއް ނޫން ކަމަށް ކުރިމިނަލް ކޯޓުން ސީދާ އިބާރާތުން ވިދާޅުވި ކަމަށް ވެސް އަލީ ޒާހިރު އިއްޔެ ވިދާޅުވި އެވެ.
އެއީ މެންބަރެއް ނޫން ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ސިޓީ އާއި އިލެކްޝަން ކޮމިޝަނުގެ އިއުލާނަކަށް ރިޔާއަތް ކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.