ހަބަރު

ހައްޔަރުގައި ތިބި މެންބަރުން ޖަލްސާއަށް ހާޒިރުކުރަން ޖެހޭނެ: އަލީ ހުސެއިން

މި ވަގުތު ހައްޔަރުކޮށްފައި ތިއްބެވި ހަތަރު މަޖިލިސް މެންބަރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރަން ޖެހޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރާނަމަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ހައްޔަރުގައި ތިބި ހަތަރު މެންބަރުން ހައްޔަރުކުރަން ލާޒިމުވާނެ ކަމަށެވެ. މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން ކުށުގެ ތުހުމަތެއްގައި މެންބަރަކު ހައްޔަރުގައި ހުންނަވާއިރު ޖަލްސާތަކަށާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިދޭ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ، އެ ހައްގު ހައްޔަރުގައި ތިއްބެވި މެންބަރުންނަށް ލިބެންޖެހޭނެ ކަމަށާއި އަދި އެ ހައްގު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން އިންތިޒާމްތައް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. މީގެކުރިން ވެސް ކުށުގެ ތުހުމަތުގައި މެންބަރުން ހައްޔަރުގައި ތިއްބެވިއިރު ޖަލްސާތަކަށް ހާޒިރުކޮށްފައިވާކަން އަލީ ހުސެއިން ފާހަގަކުރެއްވި އެވެ.

މިހާރު ހައްޔަރުގައި ތިއްބެވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ. އެ މެންބަރުން ތިއްބެވީ ކުށެއްގެ ތުހުމަތުގައި ހައްޔަރުގަ އެވެ.

ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ ރިޝްވަތު ދެއްވަން އުޅޭ ކަމަށް ތުހުމަތުކުރައްވަ އެވެ. ފާރިސް ބަންދުކޮށްފައިވަނީ ޝަރީއަތް ނިމެންދެނެވެ. ފާރިސް ހުންނެވީ މާފުށީ ޖަލުގަ އެވެ. ދެން ތިއްބެވި ތިން މެންބަރުން ބަންދުކޮށްފައިވަނީ 15 ދުވަހަށެވެ. އެ ތިން މެންބަރުން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު މަޖިލިސްގެ އިދާރާއަށް ވަދެފައިވާތީ އެވެ. ކުރާ ތުހުމަތަކީ މެންބަރުން ނޫން އެހެން ބަޔަކު މަޖިލިސް ތެރެއަށް ވަދެފައިވާތީ އެވެ. އެ މެންބަރުންނަށް ފުލުހުން އެ ތުހުމަތު ކުރަނީ އެއީ މެންބަރުން ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާތީ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އިލެކްޝަން ކޮމިޝަނުން ވަހީދާއި އަމީތު އަދި ސައުދު ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެހެންކަމުން ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނުނިންމަނީސް އެއީ މެންބަރުން ނޫން ކަމަށް ކަނޑައެއް ނޭޅޭނެ އެވެ.