މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު 15 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެ މެންބަރުންނަށް ކޮށްފައިވަނީ ފުލުހުންގެ ސަފުތައް ފަޅަލައި، މަޖިލީހަށް ވަނުމުގެ ތުހުމަތެވެ. އެ ތުހުމަތު ކުރަނީ އެ މެންބަރުންނަކީ މިހާރު މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް މަޖިލީހަށް ވަދެފައިވާތީ އެވެ.
އެ މައްސަލާގައި ތިން މެންބަރުން 15 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށް އެ މެންބަރުންގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަމީތުގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ، ކުރިމިނަލް ކޯޓުގެ ނިންމުން ބަލައިނުގަންނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން އަމީތަކީ މެންބަރެއް ނޫން ކަމަށް ކުރިމިނަލް ކޯޓުން މުއްދަތު މަޖިލީހުގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނު އަސާސީއާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ނުވާއިރު އެގޮތަށް ކުރިމިނަލް ކޯޓަށް ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
ވަހީދުގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމަށް ރިޔާއަތްކޮށް އިލެކްޝަން ކޮމިޝަނުން މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމި ނަމަވެސް މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެކަމުގައި ފަހު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ. މަހުފޫޒު ވިދާޅުވީ، ސުޕްރީމް ކޯޓުން އެ މެންބަރުންގެ ގޮނޑިއާމެދު މިހާތަނަށް ގޮތެއް ނިންމަވާފައިނުވަނިކޮށް ކުރިމިނަލް ކޯޓުން މެންބަރުގެ ގޮނޑިއާމެދު ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގެ އިހުތިސޯސްއަށް އަރައިގަތުން ކަމަށެވެ.
އެއީ މެންބަރުން ނޫން ކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ އެކަން ހާމަކޮށް މަޖިލީހުން ފޮނުވާފައިވާ ސިޓީތަކަށް ރިއާޔަތްކޮށެވެ. ނަމަވެސް އެ ސިޓީއާމެދު ވެސް ވަކީލުން ސުވާލު އުފައްދަ އެވެ. އެ ސިޓީގައި ސޮއިކުރައްވާފައިވަނީ އެކަމާ ގުޅޭ ބޭފުޅެއް ނޫން ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
ވަކީލުން ވަނީ، މެންބަރުން ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއީ މެންބަރުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިނުވާއިރު އެ މެންބަރުން ހައްޔަރުކުރަން ޖެހޭނީ މެންބަރުންގެ އިމްތިޔާޒާއި ބާރުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެ ގާނޫނުގައިވާ ގޮތުން ކުށުގެ ވެށިން ނޫން ގޮތަކަށް މެންބަރަކު ހައްޔަރުކުރެވޭނީ ޕީޖީ އޮފީހުން އެކަމަށް އެދުމުންނެވެ. ނަމަވެސް އަމީތާއި ސައުދު އަދި ވަހީދު ހައްޔަރުކޮށްފައިވަނީ ފުލުހުން ކުރިމިނަލް ކޯޓުގައި އެދިގެން ނެރުނު އަމުރެއްގެ ދަށުންނެވެ.