މިހާރުގެ ވަލިއުލްއަމުރަކީ ވަކި މީހެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާ ވެސް އަމަލުކުރައްވަން ޖެހޭނީ ގާނޫނު އަސާސީއިން ލިބިދީފައިވާ އިމުގެ ތެރެއިން ކަމަށެވެ.
މިރޭ ކުނޫޒުގައި ބޭއްވި އިދިކޮޅު ޕާޓީތަކުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ވަލިއުލްއަމުރަކީ މިހާރު ބައެއް މީހުން އޮޅުވާލައިގެން އުޅޭ ވާހަކައެއް ކަމަށެވެ. ވަލިއުލްއަމުރުގެ ހައިސިއްޔަތުން މާބޮޑު ބާރުތަކެއް ލިބިގެން އުޅޭ ކަމަށް ވިދާޅުވާ ކަމަށެވެ. ނަމަވެސް ވަލީއުލްއަމުރަކީ މާކުރީގެ ޓާމެއް ކަމަށާއި ވަލީއުލްއަމުރަކީ ކަމާބެހޭ މީހާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ވަލީއުލްއަމުރަކީ ގާނޫނު އަސާސީތައް ނުލިޔެ ގައުމުތައް ހިންގި ވެރިންނަށް ދީފައިވާ ނަމެއް ކަމަށެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށެވެ.
"މިހާރަކު ނެތޭ ވަލީއުލްއަމުރެއް، މިހާރަކު ނުހުންނާނޭނުންތޯ؟ މިހާރު އެ އޮތީ ގާނޫނު އަސާސީ، މިހާރު އަޅުގަނޑުމެންގެ ވަލީއުލްއަމުރަކީ ގާނޫނު އަސާސީ، އޭގަ އޮތް ގޮތަށް ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ކަމެއް ނުކުރެވޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ގާނޫނު އަސާސީ ދިފާއުކޮށް ދަމަހައްޓައި ހުރުމަތްތެރިކޮށް ހިތުމުގައި ރައިސުލްޖުމްހޫރިއްޔާ ހުންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ރައިސުލްޖުމްހޫރިއްޔާ ވެރިކަން ކުރައްވަން ވާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް ވެސް ގާނޫނު އަސާސީގައި ލިޔެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބާރުތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ވެސް ރައިސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ.
"ރައިސުލްޖުމްހޫރިއްޔާގެ ބާރުތައް ވެސް މިއޮތީ ލިމިޓްވެފަ، އެއްވެސް އިންސާނެއްގެ ބާރަކީ އެއްވެސް ހުދޫދެއް ނެތި އޮންނާނެ ބާރެއް ނޫން، އެހެންވީމަ ގާނޫނު އަސާސީގައި މި ބުނަނީ ރައިސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަންވާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް، އޭގެ ބޭރުން ވެރިކަމެއް ނުހިންގޭނެ، އޭގެ ބޭރުން ހިންގާ ކަންކަމަކީ ސައްހަ ކަންކަމަށް ނުވާނެ، ވަގުތުން ބާތިލުވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އިދިކޮޅުގެ އިސް ގިނަ ބޭފުޅުން ތިއްބެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީގެ މައްޗަށް ބައްޓަން ކޮށްފައިވާ ރާއްޖޭގެ ދުސްތޫރީ ނިޒާމަކީ އޮޅުން ބޮޅުން ބޮޑު ޑެޑްލޮކަކަށް ގޮސްފައިވާ ނިޒާމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވި ނަމަވެސް އެކަން އޮތީ އެގޮތަށް ނޫން ކަމަށެވެ.
"ގާނޫނު އަސާސީއިން އޮތީ ތަޅު އެޅުވިފައެއް ނޫން، އެހުރީ ހުދޫދުތައް ބަޔާންކޮށްފަ، ކޮންމެ ބާރެއްގެ ހައްގުތަކާއި ވާޖިބުތަކާއި ހުރިހާ ބާރަކީ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާން ޖެހޭ ކަން ބަޔާންކޮށްފައި އެހުރީ ގާނޫނު އަސާސީގަ، އެހެންވީމަ އެ ހުރީ ތަޅު އެޅުވިފައެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ ރައިސުލްޖުމްހޫރިއްޔާގެ ހުވާ އާއި މިނިސްޓަރުންގެ ހުވާ ވެސް އެ ބޭފުޅުން މިރޭ ހަދުމައާކޮށްދެއްވާފަ އެވެ. އެ ހުވާގައިވާ ގޮތުން ގާނޫނު އަސާސީގައިވާ ގޮތަށް އަމަލުކުރުމަށާއި އެ ރައްކާތެރިކުރަންޖެހެ އެވެ. އެފަދަ ހުވާއެއް ކުރައްވައިގެން ގާނޫނު އަސާސީއިން އޮތީ ތަޅު އެޅުވިފަ ކަމަށް ވިދާޅުވެ ގާނޫނު އަސާސީ ކަމުނުދާ ކަމަށް މިހާރު ވިދާޅުވުމުން ސުވާލު އުފެދޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެ ބޭފުޅުން ގާނޫނު އަސާސީ ރައްކާތެރިކުރުމަށް ހުވާ ކުރެއްވިއިރު މި ބައިތައް އެނގިވަޑައިނުގަންނަވަނީތޯ އެވެ؟ އެ ބޭފުޅުންގެ ހުވާއަކީ ކޮން ކަހަލަ ހުވައެއްތޯ އެވެ؟ މިއީ ނުކުންނަ ސުވާލެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، އެންމެންނާ މެދު ވެސް އަމަލު ކުރައްވަން ޖެހޭނީ އެއް އުސޫލަކުން އެއް އިންސާފަކުން ކަމަށެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ އެއާ ހިލާފު އަމަލުތަކެއް ކަމަށެވެ. އެކަމުގެ މިސާލެއް ވެސް ރައީސް މައުމޫން ދެއްކެވި އެވެ. އެގޮތުން ރިޝްވަތުގެ ފައިސާ ގޯނި ހިފައިގެން ހިންގެވި ކަމަށް މަޖިލިސް މެންބަރަކު އަމިއްލައަށް އިއުތިރާފުވެ އެ ވާހަކަތައް އެތައް ތަނެއްގައި ދައްކާފައިވާއިރު ވެސް އެއްވެސް ސުވާލެއް އޭނާއާ ކޮށްފައިނުވާކަން ފާހަގަކުރެއްވި އެވެ. ނަމަވެސް ރިޝްވަތު ދެއްވި ކަމަށް ދެކޮޅު ހައްދަވަމުން ދަނިކޮށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ހައްޔަރުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. އެއީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތިކަން ވެސް ރައީސް މައުމޫން ފާހަގަކުރެއްވި އެވެ. އަދި ގިނަ މެންބަރުންތަކެއް ފާރިސް ރިޝްވަތު ހުށަނާޅާ ކަމަށް ވެސް ވިދާޅުވަމުން ދަނިކޮށް ކަމަށެވެ.
އެފަދަ ކަންކަމުން އެނގިގެން ދަނީ އިންސާފު ގާއިމުކުރަމުން ދަނީ އެކި މީހުންނަށް އެކި ގޮތަށްކަން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. މީހުންގެ މޫނަށް ބެލުމަށްފަހު ކެކުރި ބެހި މީހެއްގެ ވާހަކަ ކިޔައިދިނުމަށްފަހު ރައީސް މައުމޫން ވިދާޅުވީ، "މިހާރު އަމަލުކުރަމުން ދަނީ ވަކި މީހަކަށް ކުޑަ ކެކުރި ވަކި މީހަކަށް ބޮޑު ކެކުރި ދޭ އުސޫލުން" ކަމަށެވެ. ނަމަވެސް އެއީ އެކަން ކޮށްގެންވާނެ ގޮތް ނޫން ކަމަށެވެ.