ލައިފްސްޓައިލް

ރިވައިވް އިން އައުޓް ޑޯ ބޫޓް ކޭމްޕެއް ފަށަނީ

ކަސްރަތުކޮށް ފިޓުވެލަން ނިކަން ހިނގާށޭ ބުނީމާ އެންމެ ފުރަތަމަ ވެސް ބައެއް މީހުންގެ ހިތަށް އަންނަނީ ބަންދުކޮށްފައި ހުރި ތަނެއްގައި އެއާ ކޮންޑިޝަންގެ ފިނީގައި އިކުއިޕްމަންޓުން ފުނިޖެހިފައި ހުރި ތަނެއްގައި ގިނަ ބައެއްގެ ތެރޭގައި ކަސްރަތު ކުރަން އުޅޭ މަންޒަރެވެ. އަނެއްބައި މީހުން ބޭނުންވަނީ ޕްރައިވެސީ އާ އެކު ބަންދު ތަނެއްގައި ކަސްރަތު ރާށެވެ. އެގޮތަށް ކަސްރަތު ކުރަން ނަމަ ބައެއް ފަހަރު މޯޓިވޭޓްވި ނަމަވެސް ގިނަ ފަހަރަށް ފާޑެއްގެ ބިރެއް ގަނެ ހާސްވަނީ އެވެ. ކަސްރަތު ކުރަން ފެށުމުން ވަރުބަލިވެ ހާސްވުމާއެކު ބަންދުތަނެއް ކަމުން އިތުރަށް މީހާ ހާސްވެ އެއްކޮށް ބޯ ސަކަރާތްވާނީ އޭ ހީވަނީ ހެއްޔެވެ؟ ނުވަތަ އެކަހަލަ ކަމެއް ދިމާވީމަ ފޫހިވެއްޔެވެ؟

އެހެން ވީމަ އައުޓް ޑޯ ސެޝަންއެއް އިހްތިޔާރު ކުރާށެވެ. ޖައްވުގެ ސާފު ވައިގެ ތެރޭގައި ގުދުރަތީ ހިތްގައިމު ކަމުގެ ތެރޭގައި ކަސްރަތު ކުރަން ހިންހަމަ ޖެހެއެއް ނޫން ހެއްޔެވެ؟ މިހާރު ތިކަންބޮޑުވަނީ އިންސްޓްރަކްޓަރަކާއި ނުލާ އަމިއްލަ އަށް ކަސްރަތު ކުރަން ޖެހޭތީ ދޯ އެވެ. އެކަމަށްވެސް މިހާރު ހައްލު އެބަ އޮތެވެ. ރިވައިވް ފިޓްނެސް ސެންޓަރުން އަންނަ މަހު ހައެއްގައި އައުޓް ޑޯ ސެޝަންތަކެއް ނުވަތަ ބޫޓް ކޭމްޕެއް ފަށަން މިހާރު ތައްޔާރު ވެއްޖެ އެވެ. ކޮލިފައިޑް އިންސްޓްރަކްޓަރުންނާ އެކީގަ އެވެ. އިކުއިޕްމަންޓްސް ރިވައިވް އިން ފޯރުކޮށްދޭނެ އެވެ.

އެކުވެނި ދަނޑުގައި ބޫޓު ކޭމްޕް ކުރިއަށް ގެންދަން ނިންމާފައިވާއިރު އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ގަޑިތައް ރިވައިވްގެ ފޭސްބުކް ޕޭޖު "ރިވައިވް ފިޓްނެސް އެމްވީ" ގައި އަޕްލޯޑު ކުރާނެ އެވެ.

"އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރިވައިވްގެ ފޭސްބުކް ޕޭޖް މެސެޖްކޮށްލައިގެން ނުވަތަ ހޮޓްލައިން ނަމްބަރު 7997277 އަށް ގުޅާލައިގެން ނަން ނޯޓު ކޮށްލެވޭނެ. އަދި ކޭމްޕާ ބެހޭ އިތުރު މައުލޫމާތުވެސް އެ ނަމްބަރުން އަދި ޕޭޖު މެދުވެރިކޮށް ލިބޭނެ،" ރިވައިވްގެ މާކެޓިން މެނޭޖާ ޒައިނަމް މަންސޫރު ވިދާޅުވި އެވެ.

ރިވައިވް ފިޓްނެސް ސެންޓަރަކީ އަންހެނުންނަށް ހާއްސަ ފިޓްނަސް ސެންޓަރަކަށް ވާތީ އެ ކޭމްޕުވެސް ކުރިއަށް ގެންދާނީ އަންހެނުންނަށެވެ.

ވިހި މެންބަރުންގެ ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ސެޝަންތައް ކުރިއަށް ގެންދާނީ ކޮންމެ ސެޝަނެއް ދޮޅު ގަޑިއިރަށެވެ. އައުޓް ޑޯ ވީމަ މިއުޒިކް ނުހިމެނޭނެ އެވެ. ބޫޓު ކޭމްޕެއް ގޮތަށް ކުރިއަށް ގެންދިޔަ ނަމަވެސް މި ކޭމްޕް މެޑުކެނޑުމެއްނެތި ދާއިމީކޮށް ކުރިއަށް ގެންދާނެ އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް ފުރުސަތު ހުޅުވާލެވިފަ އެވެ. އަގުތަކާއި ދޭތެރޭވެސް ކަންބޮޑުވާނެ ކަމެއް ނެތެވެ. އަގުތައް އުޅެނީ މަހަކު 800 ރުފިޔާ އާ 1،000 ރުފިޔާ އާއި ދެމެދުގަ އެވެ.

ބޫޓު ކޭމްޕުގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތަކީ ކޮންމެ މީހަކަށްވެސް މުހިންމު އެއްޗަކަށްވެފައި، ބިޒީ ޝެޑިއުލްގައި ކަސްރަތު ހިމަނަން އެހީތެރިވެދިނުމެވެ.

އަދިވެސް އިތުރު ކަމެއް އެބަ އޮތެވެ. ނިއުޓްރިޝަނިސްޓެއްގެ އެހީގައި ކެއުމުގެ މިންގަނޑުތައް ގެންގުޅޭނެ ގޮތް ކިޔައިދޭނެ އެވެ. މިހާރުވެސް ޑިޓޮކްސް ބޭނުންވާ ފަރާތްތަކަށް ޑިޓޮކްސް ފޯރުކޮށްދެ އެވެ. ޑިޓޮކްސް ފްރުޓް ޕްލެޓާ އާއި ސިއްހަތަށް ފައިދާހުރި ޑިޝްތައް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެ އެވެ.

އައުޓް ޑޯގެ އިތުރުން އިން ޑޯ ސެޝަންތައްވެސް ރިވައިވް އިން ކުރިއަށް ގެންދާނެ އެވެ. އެ ސެޝަންތަކުގައި ކާޑިއޯ، ބޮޑީ ޕަމްޕް، ބޮޑީ އެޓޭކް، ޒުމްބާ، ސްޓްރޯންގް ބައި ޒުމްބާ، ޔޯގާ މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ހިކެން ބޭނުން ވިޔަސް، މިހާރަށްވުރެ ބަރުދަން އިތުރު ކުރަން ބޭނުން ވިޔަސް ދާން އެންމެ ރަނގަޅު ހުރިހާ ކަސްރަތެއްވެސް ކުރެވޭނެ އެވެ.

ކޮންމެ ސެޝަން އެއްގައިވެސް ބައިވެރިންގެ އަދަދު އުޅޭނީ 20 އާ 30 އާ ދެމެދުގަ އެވެ. ދިހަ މީހުންގެ ގްރޫޕެއް ހަދައި އެކުގައި ރަޖިސްޓްރީ ވުމުން ސްޕެޝަލް ކްލާހެއްގެ ގޮތުގައި އެ ކްލާސް ރަޖިސްޓްރީ ކޮށްދީ އެހެން ސެޝަންތަކާއި ވަކިން ނަގައިދޭނެ އެވެ. އެ ކްލާސްތައް ނަގައިދެނީ ހެނދުނު ނުވަޔަކުން ހަވީރު ތިނަކާއި ހަމަ އަށެވެ. އެހެން ސެޝަންތަކެއް ކުރިއަށް ގެންދާނީ ހަވީރު 4:00 އިން ރޭގަނޑު 10 އަށެވެ. ހެނދުނު 8:15 އިން 9:15 އަށްވެސް ސެޝަން އެއް އިންނާނެ އެވެ.

އެންމެ ފެންވަރު ރަނގަޅަށް އެތަނުން ފެންވެރުމުގެ ހިދުމަތް އަދި ނަމާދު ކުރަން ހާއްސަ ސައުންޑް ޕްރޫފް ނަމާދު ކޮޓަރިއެއްވެސް ހުންނާނެ އެވެ. ނަމާދު ވަގުތު ޖެހުމުން ނަމާދުކޮށްލަން ވެސް ފަސޭހަ އެވެ. އޮފީސް ބްރޭކް ގަޑީގައި ދާން އެންމެ އެކަށީގެންވާ ޖިމެކެވެ.

ރިވައިވް ފިޓްނެސް ސެންޓާ އިންނާނީ ބުރުޒުމަގުގައި ހުންނަ އިރާއީ ބުކްޝޮޕާއި ވަންނަވާ ފިހާރާ އާއި ދެމެދު އޮންނަ ގޯޅިގަނޑު ތެރޭގަ އެވެ.