ހަބަރު

މަޖިލީހަށް ހާޒިރުނުކޮށް ފާރިސް ޖަލަށް ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުނުކޮށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މާފުށީ ޖަލަށް ގެންގޮސްފި އެވެ. ފާރިސް ޖަލަށް ގެންގޮސްފައިވަނީ ހަމަ ދާދިދެންމެއަކު އެވެ.

ފާރިސް ޖަލަށް ގެންގޮސްފައިމިވަނީ ކުރިމިނަލް ކޯޓުން އޭނާ މަޖިލީހަށް ގެންދިޔުމަށް ހުއްދަދީ، އެކަމަށް ފުރުސަރު ދިނުމުގެ ގޮތުން ޝަރީއަތް ވެސް މެދުކަނޑާލާފައިވަނިކޮށެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތުމަކީ ފާރިސްއަށް ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ކަމަށް ޝަރީއަތުގައި ވިދާޅުވެފަ އެވެ. އަދި އެއީ ހަމައެކަނި ފާރިސްގެ ހައްގެއް ނޫން ކަމަށާއި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގު ވެސް އެކަމުގައި އެކުލެވޭ ކަމަށެވެ.

މައުމޫން ވިދާޅުވީ، ގާނޫނުން ފާރިސްއަށް މަތިކޮށްފައިވާ ވާޖިބު އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް ޝަރީއަތް ވެސް ބާއްވައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން ފާރިސްއަށް މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވޭ ގޮތަށް ޝަރީއަތް ފަސްކޮށްދޭން މައުމޫން އެދިވަޑައިތެވެ. އެހެންކަމުން ގާޒީ އިބްރާހިމް އަލީ ވަނީ އެ ފުރުސަތު ފާރިސްއަށް ދެއްވާފަ އެވެ. ގާޒީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ދިޔުމަށް ކޯޓުން ހުރަހެއް ނާޅާނެ ކަމަށާއި މަޖިލީހަށް ދެވޭނެ ފުރުސަތު އޮތްނަމަ ވަޑައިގަތުމުން މައްސަލައެއް ނެތް ކަމަށެވެ.

ނަމަވެސް ފާރިސް މަޖިލީހަށް ހާޒިރުކުރުމަކީ ކޯޓުގެ ކަމެއް ނޫން ކަމަށާއި އެކަން ކުރާނީ ކަރެކްޝަން ސާވިސްއިން ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ފުރުސަތު ފާރިސްއަށް ދިނުމަށްފަހު ދެން އަޑުއެހުން ބާއްވާނީ މިއަދު ހަވީރު 5:00 ގަ ކަމަށް ގާޒީ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން ކުށުގެ ތުހުމަތެއްގައި މެންބަރަކު ހައްޔަރުގައި ހުންނަވާއިރު ޖަލްސާތަކަށާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިދޭ ކަމަށެވެ. އެ ހައްގު ނުދީ ފާރިސް މާފުށީ ޖަލަށް ގެންދިޔަ ސަބަބެއް ކަރެކްޝަން ސާވިސްއިން ހާމައެއް ނުކުރެ އެވެ.

މަޖިލީހިގެ ޕެޓިޝަން ކޮމިޓީ އިން ނިންމާފައި ވަނީ އޭނާ އަކީ އެ ކޮމިޓީގެ މެންބަރަކަށް ވާތީ ފާރިސް އެ ކޮމިޓީގެ ޖަލްސާއަށް ހާޒިރުކޮށްދެން ދެން ކޮމިޓީ ކުރިއަށް ނުގެންދިޔުމަށެވެ. ފާރިސް ހާޒިރުކޮށްދެން ދެން ކޮމިޓީގެ ބައްދަލުވުންތައް އޮތީ މެދުކަނޑާލައިފަ އެވެ.
ފާރިސް ހައްޔަރު ކޮށްފައި ހުރީ އޭނާ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ. އޭނާގެ މައްޗަށް ކުރާ އެ ތުހުމަތުގެ ތަހުގީގު ނިންމައި ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.