ފިނިޕޭޖް

އެންމެ މޮޅު އޮފީސް ޑްރާމާއަކަށް ސްޓެލްކޯގެ "ކަޅާއި ހުދު"

ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން މިއަހަރު ކުރިއަށް ގެންދިޔަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2017 ގެ އެއް ވަނަ ޑްރާމާއަކަށް ސްޓެލްކޯގެ "ކަޅާއި ހުދު" ހޮވިއްޖެ އެވެ. ސްޓެލްކޯ އިން އެ މުބާރާތުގައި ބައިވެރިވެފައިވަނީ ސަތާރަ އަހަރު ފަހުންނެވެ. މި އަހަރަކީ 10 އަހަރުގެ މެދުކެނޑުމަކަށްފަހު އެ މުބާރާޓް ކުރިއަށް ގެންދިޔަ ތިން ވަނަ އަހަރެވެ.

އޮފީސް ޑްރާމާ މުބާރާތުގައި މި އަހަރު ނުވަ އޮފީހަކުން ވަނީ ބައިވެރިވެފަ އެވެ. އެންމެ މޮޅު ޑްރާމާއަށް މި އަހަރުވެސް ދީފައިވަނީ ބައި ލައްކަ ރުފިޔާ އެވެ. އެންމެ މޮޅު އެކްޓަރާއި އެކްޓްރެސް އަށް 15،000 ރުފިޔާ އިނާމެއް އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރާއި އެކްޓްރެސް އަށް 10،000 ރުފިޔާގެ އިނާމެއް ވަނީ ދީފަ އެވެ. ޖުމްލަ 10 ކެޓަގަރީއަކުން މި އަހަރު އެވޯޑު ދިނެވެ.

މުބާރާތުން އެންމެ މޮޅު އަންހެން އެކްޓްރެސް އަކަށް ހޮވިފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އެކްޓްރެސް ފާތިމަތު ޖަލީޝާ އެވެ. އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ މިިދޔަ އަހަރުވެސް އެ އެވޯޑު ހާސިލް ކުރި ހައުސިން މިނިސްޓްރީގެ ޑްރާމާގެ ބަތަލް އަބުދުﷲ ހަލީލް އެވެ.

އެންމެ މޮޅު ސަޕޯޓިންގް އެކްޓަރަކަށް ހޮވިފައިވަނީ މިިދޔަ އަހަރުވެސް އެ އެވޯޑު ހާސިލް ކުރި ހައުސިންގް މިނިސްޓްރީގެ ޑްރާމާ އިން އިމްރާން މުހައްމަދެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކީ އެމްޑަބްލިއުއެސްސީގެ ޑްރާމާއިން ފެނިގެންދިޔަ ފާތިމަތު ނާޒްލީ އެވެ.

އެސްއެމްއެސް މެދުވެރިކޮށް އެންމެ މޮޅު ޑްރާމާ، އެކްޓާ އަދި އެކްޓްރެސް ހޮވުމަށް އާންމުންނަށް ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ވޯޓު ހޯދައިގެން އާންމުންގެ ލޯބި ހޯދި ޑްރާމާ އާއި ތަރިން ވެސް ހޮވި އެވެ. އެ މުބާރާތުން ބެލުންތެރިންނަށް އެންމެ ކަމުދިޔަ ލަވަޔާއި، އެކްޓްރެސް، އެކްޓްރެސް އަދި އެންމެ ކަމުދިޔަ ޑްރާމާގެ އެވޯޑުތައް ލިބުނީ އެމްއޭސީއެލްގެ "ތައުބާވޭ" ޑްރާމާ އަށެވެ.

އެންމެ މޮޅު މިއުޒިކާއި، އެންމެ މޮޅު ސިނެމަޓޮގްރަފީ، އެންމެ މޮޅު އެޑިޓިން، އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހާސިލްކޮށްފައިވަނީ ސްޓެލްކޯ ޑްރާމާ އެވެ.

މި އަހަރު އަލަށް ތައާރަފްކުރި އެންމެ މޮޅު ލަވައިގެ އެވޯޑު ހާސިލްކޮށްފައިވަނީ އެމްޑަބްލިއުއެސްސީން ގެނެސްދިން ޑްރާމާގައި ހިމެނޭ ލަވަ "ދަތުރެއްގާ" އެވެ.