ރިޕޯޓް

ފުލުފުލުގައި ދެ މަރު، ރުޅިގަނޑު ފުލުހުންނާއި މިނިސްޓަރަށް!

މީހުން ތޮއްޖެހިފައި އޮތް ކެފޭއެއްގެ ތެރޭގައި އާއިލާ މެންބަރުންތަކަކާއެކު އިން ޒުވާނެއްގެ ބޮލަށް ވަޅި ހަރައި، މަރާލިތާ އަދި ހަފްތާއެއް ނުވަނީސް ރޭ ވެސް މިވަނީ ޒުވާނެއްގެ ސީދާ މެޔަށް ވަޅި ޖަހައި މަރާލާފަ އެވެ. އެކަން ވެސް މިހިނގީ އެތައް ބައެއްގެ ލޯތަކުގެ ކުރިމަތީގައި، ސައިކަލް ސާވިސްކޮށްދޭ ސެންޓަރެއްގަ އެވެ. އާންމުންކޮށް މީހުން ނުކުމެ މަގުމަތީ އުޅޭ ވަގުތެއްގަ އެވެ.

ރ.މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް އާއި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް ފުލުފުލުގައި ކަތިލައި މަރާލުމުން މި މާލޭގެ ރައްކާތެރިކަމާއި މުޖުތަމައު އޮތް ހާލަތާމެދު ގިނަ ބަޔަކު މި ދަނީ ސުވާލު އުފައްދަމުންނެވެ. ކަމާ ގުޅޭ މުއައްސަސާތަކުން މިކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދޭތޯ މިއީ މިއަދު ރައްޔިތުންގެ ހިތުގައި އޮތް އެންމެ ބޮޑު ސުވާލެވެ.

އުމުރުން 24 އަހަރުގެ މި ދެ ޒުވާނުން މަރާލާފައިވާއިރު މިދިޔަ ހަފުތާ ތެރޭގައި ވެސް މާލޭގައި ފަސް މާރާމާރީއެއް ހިނގާފައިވެ އެވެ. މާރާމާރީތައް ހިންގަން ފަށާފައިވަނީ ވެސް މާލޭގައި ބަޔަކު ހަމަނުޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ.

މޫނު ފޮރުވައިގެން ގުރޫޕްތަކުން އައިސް ޖެހުނު މީހަކު ކޮށާލާފައިދާއިރު ފުލުހުންނަށް އޭގެ ހިލަމެއް ނުވުމަކީ އެ މުއައްސަސާއަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުކުރާ ސަބަބެވެ. އެ ފާޑުކިޔުން ފުލުހުންނަށް އަމާޒުކުރަނީ ވެސް ފުލުހުންގެ އިންޓެލްއަކީ ވަރަށް ވަރުގަދަ އިންޓެލެއް ކަމަށް ބައެއް މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތުން އެނގޭތީ އެވެ. މިފަދަ ރޭވިގެން ހިންގާ ބޮޑެތި ޖަރީމާތަކުގެ މައުލޫމާތު ފުލުހުންނަށް ހަމަ ނުލިބެނީތޯ ސުވާލު އުފެދެ އެވެ.

މާރާމާރީތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި މާލޭ އޮތީ ސިޔާސީ ގޮތުން ވެސް ހަލަބޮލިވެފަ އެވެ. ދެތިން މީހަކު މަގުމަތީ އެއްވެ ހިނގާލަން ނިކުމެ ތިއްބަސް އެތައް ބައިވަރު ލޮރީއެއްގައި ފުލުހުންގެ ފައުޖުތައް އައިސް ހިދުކޮޅެއްގެ ތެރޭގައި އެކަމެއް ހުއްޓުވަ އެވެ. ސިޔާސީ ވެރިންނަަށް ހާއްސަ ސަމާލު ކަމެއް ފުލުހުންދެ އެވެ. މިކަމުން އެނގެނީ ފުލުހުންގެ މުއައްސަސާގައި ފުލުހުން މަދު ނޫން ކަމެވެ. އެކަށީގެންވާ ވަރަށް އިންސާނީ ވަސީލަތް އެބަހުރި ކަމެވެ. ދެން މާލޭގެ އާންމު ތަންތަން މިހާ ނާމަން ވެފައިމިވަނީ ކީއްވެ ހެއްޔެވެ؟

އަމާން އަމާންކަން ނެގެއްހެއްޓުމުގައި ހޯމް މިނިސްޓަރުގެ ދައުރު ވެސް ވަރަށް ބޮޑުވާނެ އެވެ. އާންމު ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ރަހުމުކުޑަ އަމަލުތައް ހިނގަމުންދާއިރު ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އެއްވެސް އެއްޗެއް ވިދާޅުނުވެ، އެކަމާ އަޅުއްވާ ފިޔަވަޅުތަކެއް ހާމަނުކުރައްވާ ހުންނަވާތީ އެ ބޭފުޅާއަށް ވެސް އާންމުންގެ ފާޑުކިޔުންތައް ރެއިން ފެށިގެން ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. ޓްވިޓާގައި ގިނަ ބަޔަކު ވަނީ މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.

ރަހުމުކުޑަ ދެ މަރު ހިނގާފައިވާއިރު މިނިސްޓްރީން އެއްޗެއް ބުނެފައިނުވާއިރު މިނިވަން ދުވަހު ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ބަޔަކު ހުރަސް އަޅަން އުޅުނު ކަމަށް ބުނެ ހޯމް މިނިސްޓްރީން ދިގު ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ހަމަޖެހުން ނެތްކަން ދެއްކުމަށްޓަކައި ގާނޫނާއި ހިލާފަށް ކުރަމުން ގެންދާ ކަންކަމަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ހޯމް މިނިސްޓްރީގެ އެ ބަޔާނުން ދޭހަވާ ގޮތުގައި ރާއްޖޭގައި ހަމަޖެހުން އެބަ އޮތެވެ. އެކަމަކު މިތަނަކީ އެބުނާ އަމާން ތަނެއްނަމަ އެއް ހަފުތާ ތެރޭގައި އާންމު ތަނެއްގައި ދެ ޒުވާނަކު މަރާލީސް ހެއްޔެވެ؟ ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރަންވީ ކޮން ބަޔަކަށް ހެއްޔެވެ؟

ކަމެއްވާއިރަށް މުއައްސަސާތަކުގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވަނީ ކަމަށް ބަޔަކު ބުނެދާނެ އެވެ. އެއަށް ވަކީލް މައުމޫން ހަމީދު ވަރަށް ރަނގަޅު ޖަވާބެއް އިއްޔެ ޝަރީއަތުގެ މަޖިލީހުގައި ދެއްވި އެވެ. މައުމޫން ވިދާޅުވީ، "ބާރު ބޭނުން ކުރަންވީމަ މުއައްސަސާތައް އޮންނަ ކަމަށާއި ޒިންމާއެއް ނަގަންވީމަ އެކަން ކުރާނެ މުއައްސަސާއެއް ނުފެންނަ ކަމަށެވެ"

ކަންވަނީ ވެސް މިހެންނެވެ. ސިޔާސީ ބަޔަކަށް ބާރު ދައްކާލަންވީމަ ފުލުހެއް، ސަރުކާރުގެ ވުޒާރެއް ނޯވެ އެވެ. އެތަނެއްގެ ބާރު ދައްކާލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރާއެކު ބިރު ގަންނަވާލަ އެވެ. ނަމަވެސް މިކިޔާ ގޭންގެއް ކަމެއްކޮށްފިނަމަ އެކަން ހުއްޓުވުމަށް މުއައްސަސާތަކުން އަތުކުރި އޮޅާލައި، ސިޔާސީ ކަންކަމުގައި އެ ހުންނަ ފޯރިއެއް ނުހުންނަކަން މިދަނީ ފެންނަމުންނެވެ. ފާޑުކިޔުންތައް ގިނަވެ އިތުބާރު ގެއްލެނީ ވެސް އެހެންވެ އެވެ.

ގޭންގް މާރާމާރީ ހުއްޓުވައި، ސިލްސިލާ ގޮތެއްގައި ކުރިއަށްމިދާ ގަތުލްތައް ހުއްޓުވަން ފުލުހުންނާއި ހޯމް މިނިސްޓްރީން ވަގުތުން ވަގުތަށް ހަރުކަށި ފިޔަވަޅުތަކެއް މިވަނީ އަޅަންޖެހިފަ އެވެ. އެކަމުގައި ފުލުހުންނަށް އާންމުންގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް އެ ދަނީ ގޮވަމުންނެވެ.