ރިޕޯޓް

އެއް މަސް: ވަޅީގެ 10 ހަމަލާ، ދެ މަރު!

ބިތް ޖެހިފައި ތިބި ޒުވާނުން މާލޭގައި ނޫޅޭ ކަމަށް އަޅުގަނޑުމެންގެ ހޯމް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވަމުން އައި ނަމަވެސް ހުރިހާ ދިވެހިން ވެސް މިއަދު ގަބޫލު ކުރާ އެއް ކަމެއް އޮވެ އެވެ. އެއީ އެއް އިރެއްގައި ރާއްޖޭގައި އޮތް އަމާންކަމާ ސުލްހަމަސަލަސްކަން މިހާރު ނެތް ކަމެވެ. މާރަމާރީ ހިންގުމާއި މީހެއް ގަޔަށް ވަޅި ހެރުން މިއަދު ވަނީ އާދައިގެ ކަމަކަށްވެފަ އެވެ. އެއީ މީހުން ސިއްސައިގެން ދާވަރުގެ ބޮޑު ކަމަކަށް ނުވެ އެވެ.

މި އަހަރުވެސް ދިޔައީ ހަމަ އެކަހަލަ ގޮތަކަށެވެ. ދުވަސްތަކެއް ވަންދެއް މާރަމާރީތަކާއި މީހުންގެ މެރުމުގެ މައްސަލަތައް ހިނގަނީ ހަމަ އާދައިގެ ވަރަކަށް މަދުންނެވެ. ބޮޑު ކަމަކަށް ވަނީ ވެސް ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމެވެ. އެގޮތަށް އޮއްވާ ނިމިގެން މިދިޔަ މަހުގެ ތެރޭގައި މި އަހަރުގެ އެންމެ ގޭންގުތަކުގެ މާރަމާރީ އާއި ނުރައްކާތެރި ކުށްވެރިން ވަޅިން މީހުން ގަޔަށް ވަޅި ޖަހަމުން މާލެ ތެރޭގައި ދުވީ އެވެ. ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ގެއްލިފައި ވަނިކޮށް ހޭ އެރީ ދެ ޒުވާނެއް ވަޅިން "ކޮށައި" މަރާލި ހިސާބުން އެވެ.

މި އަހަރުގެ ތެރޭގައި އެންމެ ގިނައިން މީހުން ގަޔަށް ވަޅި ހެރުމާއި މާރަމާރީތަކުގެ މައްސަލަތައް ފެންމަތިވެގެން އައީ މިދިޔަ މަހުގެ ތެރޭގަ އެވެ. ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ގަބޫލުފުޅު ކުރައްވާ ގޮތުގައި ފަހަކަށް އައިސް މާލޭގައި ހިނގަމުން މި އަަންނަ މާރަމާރީތަކަކީ ދެ ގްރޫޕެއްގެ ދެމެދު ޖެހިގެން އުޅޭ މައްސަލައަކުންނެވެ. މިހާތަނަށް މާލޭގައި ވަޅި ހެރުމާއި މާރަމާރީތައް ފެށިފައި ވަނީ ވެސް ގޭންގުތަކުގައި ޖެހޭ މައްސަލައެއްގެ ސަބަބުންނެވެ. ދެން ފެނިގެން ދާނީ ބަދަލަށް ބަދަލު ހިފުމަށް ފުލުފުލުން އަންނަ ވަޅި ހެރުންތަކެކެވެ. އަދި މައްސަލަ ނިމޭނީ މީހަކު މަރުވެގެންނެވެ.

މިދިޔަ މަސް ތެރޭގައި ވެސް ކަން ހިނގާފައި ވަނީ އެފަދަ ގޮތަކަށެވެ. މަހުގެ އަށް ވަނަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ލޮނުޒިޔާރަތްކޮޅުގައި ބަޔަކު މާރަމާރީ ހިންގާ މީހެއްގެ ބޯ ފަޅައިލި އެވެ. އަދި އެ ރޭ އެހެން ސަރަހައްދަކުން އުމުރުން 17 އަހަރުގެ ކުއްޖެއް ގަޔަށް ވަޅި ހެރި އެވެ. އަދި ޖެހިގެން އައި ދުވަހު މާލޭގެ ދެ ސަރަހައްދެއްގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ އަރިކަށްޓަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ އިރު 16 އަހަރުގެ ކުއްޖެއްގެ ބުރަކައްޓަށް ވެސް ބަޔަކު ވަޅި ހެރި އެވެ. އަދި އެއަށް ފަހު ފުލުހުން އައީ ގްރޫޕްތައް ހިމެނޭ ސަރަހައްދުތަކުގައި ޕެޓްރޯލްކޮށް ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ. އަދި ދުވަސްކޮޅަކަށް އެކަންކަން މަޑު ޖެހުނެވެ.

ނަމަވެސް އަނެއްކާވެސް އެ މަހު 19 ވަނަ ދުވަހު ކައިރި ކައިރީގައި ދެ ޒުވާނަކަށް ހަމަލާ ދިނެވެ. ވިލިމާލޭ ފެރީޓާމިނަލް ކައިރިން މީހެއް ގަޔަށް ވަޅި ހަރާ ޒަހަމްކޮށްލުމަށް ފަހު އެލްސިއަން ބޭކަރީ ކައިރީގައި ވެސް މާރަމާރީ ހިންގާ ޒުވާނެއް ގަޔަށް ވަޅި ހެރި އެވެ. ދެން 22 ވަނަ ދުވަހު ނަލަހިޔާ ކައިރިން ވެސް ބަޔަކު ވަރަށް ފާޅުގައި މީހެއް ގަޔަށް ވަޅި ހެރުމަށް ފަހު ފިލި އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ގެއެއްގެ ތެރެއަށް ވަދެ ދެމަފިރިން ގަޔަށް ވަޅިހަރާ ޒަހަމްކޮށްލި އެވެ. އަދި އޭގެ ދުވަހެއް ފަހުން ސުޕްރީމް ކޯޓު ކައިރިން މީހެއްގެ ބުރަކަށްޓަށް ވަޅިހަރާ ޒަހަމްކޮށްލި އެވެ.

އެހާ ހިސާބަށް ކަންތައް ދިޔަ އިރު ވެސް މާލޭގައި ކަމެއް ހިނގާ ކަމަކަށް ވެސް ނުވި އެވެ. މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އަދި އެ މައްސަލަަތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެކަންކަން ހިނގަނީ ރޯމާ ދުވާލު މީހުންގެ ލޯތައް ކުރިމަތީގަ އެވެ. ވަރަށް ފާޅުގައި ހަތިޔާރު ހިފައިގެން ގޭންގުތަކުން މަގުތަކުގައި ދުއްވިތަން ވެސް މީހުންނަށް ފެނެ އެވެ.

އެގޮތަށް އޮއްވާ 27 ވަނަ ދުވަހު ހެންވޭރު ޓާމިނަލް ކެފޭ ތެރޭގައި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް އިންދާ ބަޔަކު ވަދެ ވަޅި ހަރާ ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ. އަދި އައިޖީއެމްއެޗްގައި އޭނާ އަށް ފަރުވާދެމުން ދިޔަ އިރު ވެސް ސިކުންޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެ އޮތީ އުންމީދުވެސް ކަނޑާލައިފަ އެވެ. އެ ހާދިސާއާ ގުޅިގެން އޭނާ ދުނިޔެ ދޫކޮށް ދިޔައީ އެ މަހުގެ 29 ވަނަ ދުވަހުގަ އެވެ. އަދި މާ ގިނަ ދުވަހެއް ނުވަނީސް ލިޓަސް ގަރާޖު ތެރެއަށް ބަޔަކު ވަދެ ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސްގެ ގަޔަށް ވަޅި ހަރާ ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ ފުރާނަ ނެތް ކަހަލަ އެވެ. އަދި އިސާހިތަކު މަރުވި ކަމުގެ ހަބަރު ޑޮކްޓަރުން ދިނެވެ.

ޖުލައި މަސް ނިމިގެން މިދިޔައީ ބިރުވެރިކަަމާއި ނާމާންކަން މާލޭ މަގުތަކުގައި ވަރަށް ބޮޑަށް ފެތުރި، އުޅެން ދަތިވާ ދަރަޖައަށް ގޮސްގެނެވެ. އެހާ ހިސާބުން ފުލުހުން ވެސް ހޭ އަރާ މީހުންތައް ހައްޔަރު ކުރަން ފެށި އެވެ. އެ ގޮތުން އެ މަހުގެ ތެރޭގައި އެލްސިއަން ބޭކަރީ ކަައިރީ ހިންގި މާރަމާރީގައި ހަ މީހަކު ހައްޔަރު ކުރި އެވެ. އަދި ނަދީމާއި އަނަސް މަރުވި ފަހުން ގްރޫޕްތަކަށް ނިސްބަތްވާ 23 މީހުންް ހައްޔަރުކޮށް މިހާރު ވަނީ އިތުރު 34 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ގޭގެއިން މާރަމާރީ ހިންގުމަށް ބޭނުން ކުރާ ތޫނު ހަތިޔާރުތައް ފުލުހުން އަންނަނީ ހޯދަމުންނެވެ.

ބިތް ޖެހިފައި ތިބި ޒުވާނުން ނޫޅޭ ކަމެއް ނޭނގެ އެވެ. އެނގޭހާވެސް އެއްޗަކީ މި ހާލަތުން އަރައިގަނެވެން ޖެހެ ކަމެވެ. އަދި މާލޭގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އުޅެމުން އަންނަ ނުރައްކާތެރި ކުށްވެރިން ހިފާ ހައްޔަރު ކުރެވި އިންސާފުގެ ކުރި މައްޗައް ގެނެވެން ޖެހެ އެވެ. އަދި ކޮންމެ ފަހަރަކު އެކަންކަން ވާނެ ޖޭހޭނީ މީހެއްގެ ފުރާނަ ދުއްވާލާ ހިސާބަކުން ނޫނެވެ.