ހަބަރު

މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ހަަދަން އައިޕީއެންއެލްއާ ގުޅިގެން ދެ ފުރުސަތު ދީފި

އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމުގައި ރާއްޖޭން ކުރަން ޖެހޭ މަސައްކަތްތަކަށް ބޭނުންވާ ގާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ދެބޭފުޅަކަށް ސްކޮލަޝިޕް ފުރުސަތު ދީފިއެވެ.

މަސްވެރިކަމުގެ މުހިއްމު ދެ ދާއިރާއަކުން ޕީއެޗްޑީއާ ހިސާބަށް ކިޔެވުމުގެ އެ ދެފުރުސަތު ދެއްވީ ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރުންގެ މަގާމުގައި ތިއްބެވި ދެބޭފުޅުންކަމަށްވާ ޙުސައިން ޝިނާނާއި އަޙުމަދު ރިޔާޒް ޖަައުހަރީއަށެވެ.

އައިޕީއެންއެލްގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސައިންސް ޑައިރެކްޓަރު ޑރ. މުޙައްމަދު ޝިހާމް އާދަމް ވިދާޅުވީ މިއަދު ހަވާލުކުރި ދެ ސްކޮލަޝިޕްގެ ތެރެއިން އެއް ސްކޮލަޝިޕްގެ ދަށުން ކިޔަވާ ވިދާޅުވާ ހުސައިން ޝިނާން ދިރާސާ ކުރައްވާނީ ރާއްޖޭގެ ކަނޑުފަތިތަކާއި އެތެރެވަރީގައި އުޅޭ މަސް އައިންތައް ރާއްޖޭގެ ބޭރުގައި އުޅޭ މަސް އައިންތަކާ އޮންނަ ގުޅުމާ ބެހޭ ގޮތުން ކަމަށެވެ. އޭނާ ކިޔަވާ ވިދާޅުވާނީ ކެނެޑާގެ ޑަލްހައުސީ ޔުނިވާސިޓީންނެވެ.

އަހުމަދު ރިޔާޒް ޖައުހަރީ ދިރާސާ ކުރައްވާނީ ކޮމަން ޕްރޮޕަޓީ ރައިޓްސއްއާ ބެހޭގޮތުންނެވެ. އޭނާ ކިޔަވައި ވިދާޅުވާނީ ފްރާންސްގެ މޮންޕެލިއޭ ޔުނިވާސިޓީންނެވެ.

ދެބޭފުޅުންނަށް ސްކޮލަޝިޕް ހަވާލުކޮށްދެއްވީ ފިޝަރީޒް މިނިސްޓްރީގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީއާއި އައިޕީއެންއެލްގެ ޗެއާމަން ޖޯން ބާޓް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަހުގެ ބާވަތްތައް ދުނިޔޭގެ ކަނޑުތަކުން މަދުވަމުންދާ ކަމަށާއި އެހެންވީމާ ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓުމަށް ޓަކައި އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

" ... މިގޮތަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ވިސްނުނީ މިހާރު މިކުރާ މަސައްކަތަށް އިތުރު ދިރުމެއް ގެނެވޭނީ ކިޔަވައިގެން ތިބި ބަޔަކު މިކަންކަން ކުރަން ތިބެގެންނޭ. ހިތާމައަކީ މިސަރުކާރު ވެރިކަމަށް އައި އިރު ފިޝަރީޒް ދާއިރާއިން ކިޔަވައި ވިދާޅުވެގެން ވަޑައިގެން ހުންނެވި ބޭފުޅަކު ފިޝަރީޒް މިނިސްޓްރީގައި ނެތްކަން،" މިނިސްޓަރު ވިދާޅުވިއެވެ.