ލައިފްސްޓައިލް

ފޯނު ރީލޯޑު ކުރަން ޒުވާނެއްގެ ޒަމާނީ ވިސްނުމެއް!

ކުޑައިރުން ފެށިގެން ވެސް ފޯނު ފަދަ ތަކެތި މަރާމާތު ކުރަން އޭނާ ޝައުގުވެރި ވެއެވެ. ހަލާކުވެ ބޭނުން ނުކުރެވިގެން މީހުން އުކާލާ ފޯނު ހޯދައިގެން އެ ރޫޅާ އަލުން ރާވާ ރަނގަޅު ކުރަން މަސައްކަތް ކުރި އެވެ. އެހެން އެއްޗެހި ރޫޅާ، އެކި ފަހަރު މަތިން މަސައްކަތް ކޮށް އެކަމަށް ވަގުތު ހޭދަކޮށްގެން އުމުރުން 16 އަހަރު ވެގެން އައި އިރު ހދ. ކުރިނބީއަށް އުފަން އަލީ އުވައިޝްއަށް ހުރީ ރަނގަޅަށް އެ މަސައްކަތް ކުރަން ދަސްވެފަ އެވެ. ފޯނު ރީލޯޑް ކުރެވޭ އެޕްލިކޭޝަނަކާއި ހިސާބަށް އޭނާ ދިޔައީ އެ ތަޖުރިބާގެ އަލީގަ އެވެ.

ސްކޫލް ނިންމާފައި މާލެ އައިސް އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފެށީވެސް ފޯނު މަރާމާތު ކުރާ ފިހާރައެއްގަ އެވެ. ދުވަސް ކޮޅަކަށްފަހު އެ ވަޒީފާއިން ވަކިވެ އަމިއްލައަށް އެ މަސައްކަތް ކުރަން ފެށި އެވެ. މާލޭގައި އޭނާ ދިރިއުޅެމުން އައި ގޭގަ އެވެ. ފަނަރަ ވަރަކަށް ދުވަހުގެ ވިޔަފާރިއަށް ފަހު އުވެއިޝް އަށް ޖެހުނީ ކުއްލި ގޮތަކަށް ރަށަށް ދިރިއުޅުން ބަދަލު ކުރާށެވެ. އޭރު ހުރި ގޭގައި އިތުރަށް ހުރެވެން ނެތުމުންނެވެ.

ގޭގައި މަސައްކަތް ކުރި ދުވަސްތަކުގައި އޭނާއަށް ވަނީ ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބިފަ އެވެ. އެ މަސައްކަތްތަކުން ދުވާލަކު 1،000 ރުފިޔާވަރު ކޮންމެ ދުވަހަކުވެސް ލިބުމުން ރަށަށް ދިޔައިރު ހުރި ފުދޭވަރެއްގެ ފައިސާ ރައްކާކުރެވިފަ އެވެ.

ވަޒީފާއެއް ނެތި ރަށުގައި އުޅެން ޖެހުމުން އެ ފައިސާ ބޭނުން ކުރެވޭތީ އުވެއިޝް ނިންމީ އެ ފައިސާ ބޭނުންކޮށްގެން ވިޔަފާރިއެއް ފަށާށެވެ. އާމްދަނީއެއް ލިބޭގޮތަށް ފައިސާ ހަރަދު ކުރާށެވެ. އެކަމަށް އެންމެ ރަނގަޅު ވިޔަފާރިއެއްގެ ގޮތުގައި އުވެއިޝްއަށް ފެނުނީ ރާސްޓަސް އަދި ރީލޯޑުގެ ވިޔަފާރި ކުރުމެވެ.

"އެ ވިޔަފާރިއަކީ އަޅުގަނޑަށް މިހިސާބަށް އާދެވެން މެެދުވެރިވި ސަބަބަކީ. ފަސް މަސް ނުވަތަ ހަ މަސް ވަންދެން އެ ރާސްޓަސް އާ ރީލޯޑުގެ ވިޔަފާރިކޮށްފައި އިތުރަށް ފުޅާކުރަން އޮންލައިންކޮށް ފެށީ. އަޅުގަނޑުގެ ނަމްބަރަށް ވައިބާކޮށްލައިގެން ފޯނަށް ރީޗާޖް ކޮށްދެނީ. ދެން އެ ފަރާތްތަކުން އަޅުގަނޑުގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރާ ގޮތަށް،" ފޯނު ރީޗާޖްކުރަން އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން އުވެއިޝް ބުންޏެވެ.

އެއަށްފަހު ޑިވެލޮޕާ އަހްމަދު އިމްތިޝާލް އާ ގުޅިގެން ވެބްސައިޓެއް ތައްޔާރުކޮށް ވިޔަފާރި ފުޅާކޮށްލީ އެވެ. އެ ވިޔަފާރިން އޭނައަށް ރަނގަޅު އާމްދަނީއެއް އައި ލިބެމުންނެވެ. އެޕްލިކޭޝަން އެއް އުފައްދަން އުވެއިޝްގެ ހިޔާލު އައީ އެހާ ހިސާބުންނެވެ. އޭގެ ކުރިންވެސް އޭނަ ވަނީ އެކި ކަހަލަ އެޕްލިކޭޝަންތައް އުފައްދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކާމިޔާބާއި ހިސާބަށް ނާދެވެނީ އެވެ.

ޑިވެލޮޕަރެއްގެ އެހީތެރިކަމާއެކު އެޕްލިކޭޝަންއެއް އުފައްދާ "ފަސޭހަ ރީޗާޖް" ގެ ނަމުގައި ރީބްރޭންޑްކޮށް އާންމުންނަށް އެ ހިދުމަތް ދޭން ފެށީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެންމެ ފުރަތަަމަ ހަމައެކަނި ރާސްޓަސްގެ ހިދުމަތް ދިން ނަމަވެސް މިހާރު ރީލޯޑު އަދި އުރީދޫގެ ބިލްތައް ވެސް އެޕް މެދުވެރިކޮށް ދެއްކޭނެ އެވެ.

މިހާރުވެސް އުވެއިޝް އަންނަނީ ޑިވެލޮޕަރާއި ގުޅިގެން އެޕްލިކޭޝަން އިތުރަށް ތަރައްގީ ކުރަމުންނެވެ. އުވެއިޝްގެ ޒުވާން ސިކުނޑީގައި ކުރަހާފައިވާ ޗާޓާ އެއްގޮތަށެވެ. އެގޮތުން އެސްއެމްއެސް އެއް މެދުވެރިކޮށް ނުވަތަ އޮފްލައިން އެވެއިލެބިލިޓީގެ ހިދުމަތް ދޭން އަންނަނީ ތައްޔާރުވަމުންނެވެ. އޮފީހެއް ހުޅުވާ އެޕް މެދުވެރިކޮށް އެހެނިހެން ބިލުތައް ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސަން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފަސޭހަ ރީޗާޖްގެ އެންޑްރޮއިޑް އެޕް މިހާރު ޑައުންލޯޑު ކުރެވޭނެ އެވެ.

ރީލޯޑު އަދި ރާސްޓަސްގެ ވިޔަފާރިން ފެށި އުމުުރުން އެންމެ 17 އަހަރުގެ އެ ޒުވާނާއަށް މިހާރު މަހަކު 10،000 އާއި 15،000 ރުފިޔާ އާ ދެމެދުގެ އާމްދަނީއެއް މިހާރު ލިބެ އެވެ. އެހުރިހާ ކަމެއްގެ ފަހަތުގައި އުވެއިޝްގެ އަތުގައި ހިފައިގެން ހުރި އިމްތިޝާލް އަށް އޭނާ ވަރަށް ހާއްސަ ޝުކުރެއް އަދާކުރެ އެވެ.