ވިޔަފާރި

އެސްޓީއޯގެ ސާފު ފައިދާ ބޮޑުތަނުން ދަށަށް

ސަރުކާރާއި ރައްޔިތުން ހިއްސާވާ މައި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ނިމިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ 11 ޕަސެންޓް ދަށަށް ގޮސްފި އެވެ. މިއީ އެ ކުންފުނީގެ ފައިދާ މިހާ ބޮޑަށް ދަށަށް ދިޔަ އެއްފަހަރެވެ.

އެސްޓީއޯ އިން އާއްމުކޮށްފައިވާ ދެވަނަ ވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 61 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ނިމިދިޔަ ކުއާޓަރުގައި ލިބިފައިވަނީ 54 މިލިއަން ރުފިޔާ އެވެ. މިއީ 11 ޕަސެންޓް ދަށްވުމެކެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މި ކުއާޓަރުގައި ސާފު ފައިދާ ދަށްވިނަމަވެސް ގްރޮސް ޕްރޮފިޓް އިތުރުވެފައިވާ ކަމަށެވެ.

"މި ކުއާޓަރުގައި ގްރޮސް ޕްރޮވިޓް ވަނީ އިތުރުވެފަ. މި ކުއާޓަރުގައި ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ ރޯދަ މަހު މުވައްޒަފުންނަށް އެލަވަންސުގެ ގޮތުގައި ބޮޑު އަދަދެއް ދިނުން،" އޮފިޝަލް ވިދާޅުވި އެވެ.

މި ކުއާޓަރުގައި އެސްޓީއޯއަށް ގްރޮސް ޕްރޮފިޓްގެ ގޮތުގައި 249 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 224 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އާމްދަނީ ވަނީ 1.9 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ހިއްސާވާ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާ އިން ހިއްސާއަކަށް ޖެހިފައިވަނީ 54.46ރ. އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 48.46ރ. އެވެ.