ލީކު ވެފައިވާ އޯޑިއޯއަކީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރަށް ތުހުމަތުވާ އޯޑިއޯއަކަށްވާތީ މިހާރުން މިހާރަށް ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން އާދަމް ޝަރީފު އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އީސީން ބުނާ އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.
ސިނާން މިއަދު ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ ސިފައިންނާ ބައްދަލު ކުރައްވާ ދައްކަވާފައިވާ ވާހަކަތަކެއް ލީކުވެ އެއީ ޑިފެންސް މިނިސްޓަރު ކަމަށް ތުހުމަތު ކުރެވިފައިވާއިރު އެ އޯޑިއޯގައި ހުރި ވާހަކަތަކަކީ ސަލާމަތީ ހިދުމަތުގައި ހިމެނޭ ބާރުތަކަށް ޣައިރު ގާނޫނީ އަމުރުތައް ކޮށްފައިވާ ވާހަކަތައް ކަމަށާއި އެފަދަ ތުހުމަތެއް އިސްތަށިފުޅުގައި އެޅުވިފައިވާއިރު މަގާމު ދޫކޮށްލައްވާ ގެއަށް ވަޑައިގަންނަވަންޖެހި ވަޑައިގަންނަވާނެ ކަމަށާއި ތަހުޒީބު މުޖުތަމައުތަކުގައި ކަންކުރާ ގޮތަކީ ވެސް އެއީ ކަމަށެވެ.
"އަޅުގަނޑު ގޮވާލަން މިނިސްޓަރު އާދަމް ޝަރީފު މިހާރުން މިހާރަށް މަގާމު ދޫކޮށްލައްވާ ގެއަށް ވަޑައިގަތުމަށް،" ސިނާން ވިދާޅުވި އެވެ.
ސިނާން އަދި ވިދާޅުވީ މިއަދު ލީކުވެފައިވާ އޯޑިއޯގައި ހިމެނޭ ވާހަކަތައް ކުށްވެރި ކުރައްވާ ކަމަށާއި އެފަދަ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ސަލާމަތީ ހިދުމަތްތަކުގައި ތިއްބެވި ބޭފުޅުންނަށްގޮވާލައްވާ ކަމަށެވެ.
މިއަދު ލީކުވެފައިވާ އޯޑިއޯގައި މިހާރުގެ ޑިފެންސް މިނިސްޓަރު ކަމަށް ބެލެވޭ ބޭފުޅަކު ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އާ ބައްދަލުކުރައްވައި ވާހަކަތަކެއް ދައްކަވަ އެވެ. އެ ބައްދަލުވުމަކީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ބޭއްވި ބައްދަލުވުމެކެވެ.
ތިރީސް ހަ މިނެޓްގެ އެ އޯޑިއޯ އާއި ގުޅިގެން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ ބަހެއް ހޯދަން މިނިސްޓަރުގެ ފޯނަށް ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ. އަދި ފޮނުވި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
ޑިފެންސް މިނިސްޓަރު ކަމަށް ބެލެވޭ އެ ބޭފުޅާ ވިދާޅުވެފައިވަނީ، މަޖިލީހުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދިފާއުގައި ސިފައިން ކުރެއްވި މަސައްކަތަށް ހުރަސް އަޅައި މަޖިލިސް މެންބަރުންގެ އަމަލުތަކުގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ މައްސަލަ އަވަސް ކޮށްދިނުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ސީޕީ އަހުމަދު އަރީފް ކައިރީގައި ދަންނަވާފައިވާނެ ކަމަށެވެ.
އޯޑިއޯގައި އެ ބޭފުޅާ ވިދާޅުވީ، އެ ބޭފުޅުން ކަންކަންކަން ކުރައްވަނީ ރައީސް އޮފީހުގެ ލީގަލް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރާއި ޕީޖީ އައިޝަތު ބިޝާމްގެ ލަފާ ވަރަށް ބޮޑަށް ހޯދަވައިގެން ކަމަށެވެ. ގާނޫނީ ލަފާ ދެއްވާ ބޭފުޅުން ވިދާޅުވާ ގޮތުން އެ ދުވަހު މަޖިލިސް ތެރޭގައި މެންބަރުން އަމަލުކުރެއްވި ގޮތް ތަހުގީގުކުރެވޭނެ ކަމަށެވެ. މަޖިލިސް ތެރޭގައި ކުށްވެރި ނުވާނީ މެންބަރުން ދައްކަވާ ވާހަކަތަކާއި ދެއްވާ ވޯޓުން ކަމަށެވެ. މާރާމާރީ ހިންގައި ތަކެއްޗަށް ގެއްލުންދޭނަމަ ކުށްވެރިވާނެ ކަމަށެވެ.
މިކަމުގައި އެންމެ އަވަހަށް ފިޔަވަޅު އެޅޭނެ ގޮތާ ގުޅޭ ގޮތުން ބަންޑާރަ ނައިބާއި ޕީޖީއާ މަޝްވަރާ ކުރެއްވި ކަމަށާއި އެންމެ އަވަސް ގޮތަކީ ފުލުހުން ޖިނާއީ މައްސަލައެެއްގެ ގޮތުގައި ތަހުގީގުކޮށް ދައުވާކުރުން ކަމަށް އޯޑިއޯގައި ވާހަކަފުޅު ދައްކަވާ ވިދާޅުވެ އެވެ. އެކަމަކީ ސިފައިންގެ ދިފާއުގައި ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ، ގައިރު ގާނޫނީ އެއްވެސް ކަމެއް ކުރުމަށް ސިފައިންނަށް ނާންގާނެ ކަމަށާއި އެފަދަ އަމުރެއް ކޮށްފިނަމަ އޭގެ އާހިރު ނަތީޖާ ހިތިވެގެންދާނެކަން ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އޯޑަރެއް ނެރޭނަމަ ނެރުމުގެ ކުރިން އެޓާނީ ޖެނެރަލްއާ މަޝްވަރާކުރަން ބައެއް ހާލަތުތަކުގައި އާޒިމާއާ މަޝްވަރާކުރަން އަދި ވަރަށް ގިނަ ފަހަަރަށް ޕްރޮސެކިއުޓާ ޖެނެރަލްއާ ވެސް މަޝްވަރާކުރަން، އަލުގަނޑުމެންނަށް ނެގޭ ޑިޒިޝަނަކުން އަޅުގަނޑުމެންނަށް ނޭދެވޭ އަސަރެއް އަޔަ ނުދިނުމަށްޓަކައި މިހާތަނަށް ވެސް އަޅުގަނޑުމެން ނަގާފަ ހުރި ޑިޒިޝަނެއް އޯޑަރެއް ދީފަ އޮންނާނީ އެގޮތަށް،"
އިތުރަށް އެ އޯޑިއޯގައި ވިދާޅުވެފައިވަނީ، ގައިރު ގާނޫނީ އެއްވެސް ކަމެއް ސިފައިން ކޮށްފައިނުވާ ކަމަށެވެ. މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން މަޖިލީހަށް ވަނުމުގެ ހުއްދަ ކުޑަކުރަން ޖެހުނީ ކަމަށާއި އެއީ މަޖިލިސް މެންބަރުންގެ މަސައްކަތަށް ހުރަސްއެޅުން ނޫން ކަމަށެވެ. މަޖިލީހުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަފާނެ ކަމަށް މަޖިލީހުގެ އިދާރާއިން ލިޔުމުން އަންގާފައިވާ ކަމަށް ވެސް ވިދާޅުވެ އެވެ. މަޖިލީހުގައި 24 ޖުލައިން 31 ޖުލައި އާ ހަމައަށް އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް އަންގާފައިވާއިރު މެންބަރުންގެ މަސައްކަތަށް ހުރަސްއެޅޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވެ އެވެ. ސިފައިންނަށް އެ ދުވަހު ހުރަސް އެޅީ މެންބަރުން ކަމަށް ވެސް ވިދާޅުވެ އެވެ.
"ތިޔަ ބޭފުޅުންގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނިކޮށް ތިޔަބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅި ބަޔަކަށް ވާނީ އެ ދުވަހު މަޖިލިސްގެ ގޯތި ތެރެއަށް ވަން މީހުން، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އެ މައްސަލާގެ ތަހުގީގަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް، އެމްއެންޑީއެފްގެ ލީޑަޝިޕުން ނިންމަވާފަ އޮތީ އެގޮތަށް ފުލުހުންނަށް ހާޒިރުކުރާއިރު ވެސް ތިބޭފުޅުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކާ މިލިޓަރީ ޕޮލިސްގެ ބޭފުޅަކާއެކު ދިއުމަށް،"
ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅުމަށް ނޫނީ ގާނޫނާ ހިލާފު އަމަލެއް ހިންގުމަށް ދުވަހަކު ވެސް ކޮމާންޑެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އަދި ސިފައިންގެ ތެރޭގައި ތިބީ ކެތްތެރި ގާބިލު ބޭފުޅުން ކަން ޔަގީންވާ ކަމަށް ވެސް އެ އޯޑިއޯގައި ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑު ތިތަނަށް ގެންގޮސް ހުރިނަމަ މިއަދު އަޅުގަނޑު ކޮންމެވެސް މީހެއްގެ ދަތްދޮޅި ދުއްވާލީސް، އެކަމަކު އަޅުގަނޑަށް އެނގޭ އެއަށްވުރެ މާރަނގަޅަށް މާ ރިވެތިކޮށް އަދި އަބަދުވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތަށް ކެތްތެރިކަމާއެކު އިހުލާސްތެރި ކަމާއެކުކަން ތިބޭފުޅުން ކުރިއަށް ގެންދިޔައީ، އަޅުގަނޑު ހަމަ ހަގީގަތުގައި ވެސް ސެލިއުޓްކުރަން ތިޔަބޭފުޅުންނަށް، އެއީ އެހާވަރު ކުރަމުންދާއިރު ވެސް ތިޔަބޭފުޅުން ކެތްތެރިކަމާއެކީގަ ތިޔަބޭފުޅުން ކަމެއް ކޮށްފިނަމަ އޭގެ ސަބަބުން ގައުމަށް ލިބޭ ނަން މާ ހުތުރުވާނެ، އެހެންވީމަ އެ ހުރިހާ ކަމެއް އެ ފަރާތްތަކުން ކުރަމުންދާއިރު ވެސް ހަޖަމް ކުރައްވައިގެން ޑައިޖެސްޓް ކުރައްވައިގެން ތިއްބަވާ ތިއްބުވުން އެއީ ހަގީގަތު ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއް، އެކަމުގެ އަގު ވަޒަން އަޅުގަނޑުމެން ކުރާނަން،"
ޓީވީތަކަށް ފީޑް ދީފައި ނުވާއިރު ވެސް މަޖިލީގައި ހިނގާ ކަންކަން އެއްވެސް ޑިލޭއެއް ނެތި އާންމުންނާ ހަމައަށް ގެނެސްދޭތީ ބައްދަލުވުމުގައި ބޭފުޅަކު ކަންބޮޑުވުން ފާޅުކުރުމުން ވިދާޅުވެފައި ވަނީ ގަވައިދުތައް ހުރި ގޮތުން އެކަން ހުއްޓޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެކަމުގެ ސަބަބުން ސިފައިން ޖެހިލުވާން ނުޖެހޭ ކަމަށާއި އެތަނަށް ސިފައިން ގޮސް ތިބެނީ ވަކި ފަރުދެއްގެ ހައިސިއްޔަތުން ނޫން ކަމަށެވެ. އެއީ ސިފައިންގެ ވެރިންގެ އަމުރެއް ތަންފީޒުކުރަން ގޮސްތިބޭ ސިފައިން ކަމަށެވެ.