ހަބަރު

ސަރުކާރުން ރަތްރޮނގު ހުރަސްކޮށްފި، ގައުމުތަކުން އެހީވާން ޖެހޭ: ނަޝީދު

ދިވެހި ސަރުކާރުން "ރަތްރޮނގުތައް" ހުރަސް ކުރާ އިރު ވެސް ސަރަހައްދީ ބާރުތައް ހިމޭނުން ތިބުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ(ޓީއޯ) ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު މިއަދު ވިދާޅުވީ ސަރަހައްދީ ބާރުތައް ހިމޭނުން ތިބޭ ނަމަ ރާއްޖޭގައި މިހާރު އުފެދިފައިވާ މައްސަލަތަކާއި ހަމަނުޖެހުން ކޮންޓުރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަށެވެ.

"ކަންބޮޑުވާ ކަމެއް އެއީ، ރަތްރޮނގުތައް ހުރަސްކުރީމަވެސް ސަރަހައްދީ ބާރުތައް ހިމޭނުން އަދި ހަރަކާތެއް ނެތި ތިބުމަކީ، އެއީ އެގޮތަށް ކަންތައް ކުރުމުން މައްސަލަގަނޑާއި ހަމަނުޖެހުން ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެތީ،" ނަޝީދު ވިދާޅުވި ކަަމަށް ނޫހުގައި ވެއެވެ.

ރައީސުލް ޖުމްހޫިރއްޔާ އަބުދުﷲ ޔާމީނު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވަމުން ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން ޓީއޯ އަށް ދެއްވި އިންޓަވިއުގައި ވެސް ތަކުރާރުކުރައްވާފައި ވެއެވެ. ރައީސް ޔާމީނު ގެންދަވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ބުރޫ އަރާ ފަދަ ގުޅުންތައް ގާއިމް ކުރައްވަމުން ކަމަށް ވެސް ނަޝީދު ތުހުމަތު ކުރައްވާފައި ވެއެވެ.

"ގާނޫނަށް ނުވަތަ ގާނޫނު އަސާސީއަށް އިހުތިރާމް ކުރައްވަން އުޅުއްވާ ކަމަށް ޔާމީނު މިހާރު ނުވެސް ހައްދަވާ، ދީނީ ހައްދުފަހައެޅުމަށް އެމަނިކުފާނު ދެއްވަނީ ކަނުލޮލެއް. އަދި ޖާގަ ދެއްވަމުން ގެންދަވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ހުރަސް އެޅޭ ފަދަ ގުޅުންތަކަށް،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އަންނަ 2018 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އިންޑިއާގެ އެހީ ހޯދުމަށް އިދިކޮޅު އެމްޑީޕީއާއި އެހެން ފަރާތްތަކުން "ޗައިނާގެ ނުފޫޒުގެ ބިރު" އިންޑިއާއަށް ދައްކާތީ ޓީއޯއިން ވަނީ އެކަން ފާހަގަކޮށްފަ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް، ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ފޮނުވި ފަހުން ރައީސް ނަޝީދު ދިރިއުޅުއްވަނީ އެގައުމުގަ އެވެ.