ހަބަރު

މަޖިލީހަށް ވަންނާކަށް ފުލުހުންނެެއް ހުރަހެއް ނާޅާ: އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި، އެތަނަށް ސިފައިން ވެއްދި ދުވަހު މަޖިލީހަށް ވެދެވަޑައިގެންނެވުމަަށް ފުލުހުން ހުރަސް ނާޅާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މަޖިލީސް ތެރޭގައި މެމްބަރުންތަކެއް ސިފައިންގެ ވާޖިބަށް ހުރަސް އަޅުއްވައި މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށް، ފުލުހުން ފަށާފައިވާ ތަހުގީގަށް ޖަވާބުދާރީ ވުމަށް ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އެދުވަހު މަޖިލީހަށް ވެދެވަޑައިގަންނަވަން ފުލުހުން ފުރުސަތު ދިން ކަމަށެވެ.

" ... ފުލުހުން ބެރިކޭޑް ޖަހައި ހިފެހެއްޓިކަމަށް ބުނާއިރުގައި ހުރިހާ މީޑިއާތަކަށް ވެސް ފެންނާނެ ފުލުހުން ކުނޫޒް ކައިރިން އަޅުގަނޑުމެން ދޫކޮށްލީ. އެއަށް ފަހު ފުލުހުންނެއް އަޅުގަނޑުމެންނަކަށް ހުރަހެއް ނާޅާ. އަޅުގަނޑުމެންނަށް ވެސް އަޑު އިވުނީ، ބައެއްް އާއްމުންގެ މީހުން ހިފެހެއްޓިތަން އަޅުގަނޑުމެންނަށް ފެނުނު. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވާތީ ފުލުހުން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދޫކޮށްލައި ދެއްވި ބެރިކޭޑުތައް ކައިރިން، " އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން މިހެން ވިދާޅުވި ނަމަވެސް ޖުލައިމަހުގެ 24 ވަނަ ދުވަހު ރައްިޔިތުންގެ މަޖިލީހަށް ވަންނަން ދިޔަ މެމްބަރުންނާ ފުލުހުންނާ ދެމެދު ކަންތައްތަކެއް ހިނގިއެވެ. އަދި އެކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުން ވެއްޓިވަޑައިގެންނެވި މަންޒަރުވެސް މީޑިއާއިން ވަނީ ދުރަށް ދައްކާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސިފައިންނާއި ދެކޮޅަށް މެމްބަރުން މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށް ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ. މި ތަހުގީގު ފަށާފައި މިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކަމަށް ބެލެވޭ ބޭފުޅެއްގެ އޯޑިއޯ ލީކްވެ އެ އޯޑިއޯގައި އެ މައްސަލާގެ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ފުލުހުންގައި ޑިފެންސް މިނިސްޓްރީން އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އަވަސްކޮށްދިނުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ސީޕީ އަހުމަދު އަރީފްގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި މެންބަރުން އަމަލު ކުރެއްވި ގޮތުގެ ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވަތް މެންބަރުންނަށް ވެސް ވަނީ ޖިނާއީ ތުހުމަތުތަކެއް ކޮށްފަ އެވެ. އެއީ ފުލުހުންގެ ސަފުތައް ފަޅާލުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ. އެ ތުހުމަތުގައި އިދިކޮޅުގެ ގިނަ މެންބަރުންތަކެއް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

ޑިފެންސް މިނިސްޓަރު ކަމަށް ބެލެވޭ ބޭފުޅާ ސިފައިންނާ މުހާތަބު ކުރައްވާ ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާ ތެރޭގައި ސިފައިންނަށް ހަމަލާދިން މެންބަރުންނާމެދު ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދުނީ އެކަމުގައި އެންމެ އަވަހަށް ފިޔަވަޅު އެޅޭނެ ގޮތަކީ އެއީ ކަމަށް ޕީޖީ އައިޝަތު ބިޝާމް ލަފާ ދެއްވުމުން ކަމަށެވެ. އެއީ ސިފައިންގެ ހައްގުގައި ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.