ހަބަރު

ދިވެހި ހައްޖާޖީން އަރަފާތާއި މިނާގައި ތިބޭނީ އެއްތަނެއްގައި: މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ގްރޫޕްތަކެއްގެ ބެލުމުގެ ދަށުގައި ހައްޖަށްދާ ހުރިހާ ހައްޖާޖީން ވެސް އަރަފާތު ބިމާއި މިނާގައި މިފަހަރު ތިބޭނީ އެއްތަނެއްގައި ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ " ރާއްޖެ މިއަދު " ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބުރާހީމް އަހުމަދު ވިދާޅުވީ އެކަމުގެ ސަބަބުން ގިނަ ފަސޭހަތަކެއް ވާނެ ކަމަށެވެ.

" އޭގެ ސަބަބުން އަންނާނެ ބަދަލެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި މިއޮތީ ހުރިހާ ހައްޖުވެރިންނަށް ލިބޭ ހިދުމަތްތައް އެއްގޮތް ވެގެން ދިއުން އަދި ދިވެހި ހުރިހާ ހައްޖާޖީން އެކީގައި ތިބުން. އެހެން ވުމުން އަޅުގަނޑުމެންނަށް އަރަފާތާއި މިނާގައި ވެސް އިތުރު ފަސޭހަތައް ވެގެންދާނެ. ކުރިން ތަންކޮޅެއް ދުރުދުރުގައި ތިބޭ ގޮތްވީމާ އެއީވެސް ދަތިތައް ކުރިމަތިވާ ކަމެއް، " އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިނާގައި ފޭލިގޭގައި މަޑުކުރާ ދުވަސްތަކުގައި ތިބުމަށް އެއް ފޭލިގެ ހަމަޖަހިފައި އެބަހުރި ކަމަށާއި އެއީވެސް ފަސޭހައެއް ކަމަށެވެ.

އަރަފާތާއި މިނާގައި ދިވެހި ހައްޖުވެރިން ކުރިން ތިބެނީ އެބަޔަކު ހައްޖަށް ދިޔަ ގްރޫޕަށް ހާއްސަކޮށްފައިވާ ތަންތަނުގައެވެ. އެގޮތަށް ދިވެހި އެކި ގްރޫޕްތައް ތިބެން ޖެހެނީ މާދުރުގައި އެކި ހިސާބުގައެވެ. އެހެންވެ، ދިވެހި އެންމެހާ ހަައްޖުވެރިންގެ ހާލު ފަސޭހައިން ބަލައިލަން އުނދަގޫވެއެވެ. ޙައްޖުގެ އަޅުކަމުގައި މިހާތަނަށް ހިނގާފައިވާ ހިތާމަވެރި ގިނަ ހާދިސާތައް ހިނގާފައި ވަނީ މިނާގައި ތިބޭ ދުވަސްތަކުގައެވެ. އެގޮތުން 2015 ވަނަ އަހަރު ހިނގި ހާދިސާއެއްގައި ފިތިގެން 769 މީހުން މަރުވިއެވެ.