ހަބަރު

މެލޭޝިއާއިން ރާއްޖެއަށް ފުރަން އުޅުނު ބޯޓު ހިފެހެއްޓީ އޮޅުމަކުން: ކުންފުނި

މެލޭޝިއާއިން ރާއްޖެއަށް ފުރަން އުޅުނު 2ބޯޓެއް ހިފެހެއްޓީ ބޯޓު ވިއްކި ފަރާތާއި ވިއްކަން ހަވާލުވެގެން އުޅުނު އެޖެންޓާ ދެމެދު މުއާމަލާތްކުރުމުގައި އެރި އޮޅުންތަކެއްގެ ސަބަބުން ކަމަށާއި އެކަން މިހާރު ހައްލުވެފައިވާ ކަމަށް ބޯޓު ގެންނަން އުޅުނު ދިވެހި ކުންފުނިން ބުނެފިއެވެ.

ގްރީންބޮކްސް ނަމަކަށް ކިޔާ އެކުންފުނިން ބުނީ ވިއްކަން ހަވާލުވެފައިވާ އެޖެންޓްގެ ފަރާތުން މުއާމަލާތް ކުރަމުން ދިޔަ މީހާ ބޯޓު އޮތްތަން ނޫން އެހެން ތަނަކަށް ބަދަލުކުރަން އުޅުނީ ވިއްކާ ފަރާތަށް ނާންގައި ކަމަށެވެ. އެހެންވެ، ބޯޓު ރާއްޖެއަށް ގެންދަން އުޅެނީ ކަމަށް ވިއްކާ ފަރާތުން ހީކުރި ކަމަށާއި މެލޭޝިއާގެ މެރިން ފުލުހުން ލައްވާ ބޯޓު ހިފެހެއްޓީ އެހެންވެ ކަމަށް ވެސް ބުންޏެވެ.

ކުންފުނިން ބުނީ ބޯޓު އެދުވަހު ފުރުވައިލަން އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ މެެދުވެރިކޮށް، އެގައުމުގެ އިދާރާތަކަށް އެކަން އޮޅުންފިލުވައިދީފައިވާ ކަމަށެވެ.

" މިމައްސަލަ ދިމާވުމާ އެކު ގްރީންބޮކްސް ގެ ލޯޔަރުންގެ ޓީމުން ވަނީ 28 ޖުލައި 2017 ގައި ވިއްކާ ފަރާތުގެ އެޖެންޓުންނާ އެކު ސިންގަޕޫރުގައި ބައްދަލުކޮށް، ދެފަރާތުގެ ދެމެދުގައި އެރި އޮޅުންތައް ފިލުވާފައި،" ގްރީންބޮކްސްގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ހާދިސާގައި ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެމީހުން ރާއްޖެއަށް ފުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ވެސް އެއްބަސްވުމުގައިވާ ޕޭމަންޓް ޝެޑިއުލްގައިވާ ގޮތަށް ދައްކާފަައިވާ ކަމަށް ވެސް ބުންޏެވެ.

" ބޯޓުތައް އޮތީ ރާއްޖެއަށް ފުރުވާލުމުގެ އެންމެ ފަހު މަރުހަލާގައި. ބޯޓު ފުރުވައިލުމަށް ކުރަން ޖެެހޭ އެންމެހާ ކަންތަކާ މެދު މިކުންފުންޏާއި ވިއްކާ ފަރާތާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައި،" ގްރީން ބޮކްސް އިން ބުންޏެވެ.

ބޯޓުގެ ފަޅުވެރިންނަށް ޖުލައިމަހުގެ މުސާރަ ނުދޭ ކަމަށް ބުނެ ބައެއް މީޑިއާތަޖކުން ފަތުރާފައިވާ ހަބަރު ގްރީން ބޮކްސް އިން ދޮގު ކުރެއެވެ. އެކުންފުނިން ބުނީ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހެއްގެ ވެސް ފަސްވަނަ ދުވަހުގެ ކުރިން ކަމަށާއި އެހެންވީމާ ޖުލައިމަހުގެ މުސާރަ ނުދޭކަމަށް ނުބުނެވޭނެ ކަމަށް ވެސް ގްރީން ބޮކްސް އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.