ހަބަރު

ރާއްޖޭގެ އެންމެ ރީތި ފިރިހެނާ މިރޭ އެނގޭނެ!

ރާއްޖޭގެ އެންމެ ރީތި ފިރިހެނަކީ ކާކު ހެއްޔެވެ؟ އެންމެ ރީތި ހަށިގަނޑުގެ ވެރިޔާއަކީ ކޮބައި ހެއްޔެވެ؟ ޒުވާން އަންހެން ކުދިން އެމީހަކު ބަލައިލަން ބޭނުންވާނެކަން ޔަގީނެވެ. މިރޭ އެމީހަކީ ކޮބައިކަން އެނގޭނެ އެވެ. ރާއްޖޭގެ "މިސްޓަ މޯލްޑިވްސް" ހޮވުން އޮތީ މިރެ އެވެ.

ނޭޝަނަލް އާޓްގެލަރީގައި ނުވަ އެއް ޖަހާއިރު އޮންނަ މިސްޓަ މޯލްޑިވްސް އިވެންޓުގައި 25 މީހުން ބައިވެރިވާނެ އެވެ. "ޗޮޕާޓުން" އިންތިޒާމުކޮށްގެން ބާއްވާ މިސްޓަ މޯލްޑިސްގެ ޕްރީޖަޖިން ނުވަތަ މުބާރާތުގެ ފުރަތަމަ ޖަޖުކުރުން މިއަދު ހެނދުނު ވަނީ ބާއްވާފަ އެވެ.

މިސްޓަ މޯލްޑިވްސް ބާއްވާ، ޗޮޕާޓުގެ ޑައިރެކްޓާ މިހުސޯ އަބްދުއްސައްތާރު (މިހުސޯ) ވިދާޅުވީ މުބާރާތުގެ އިންތިޒާމު ތަކެއް ނިމި، ތައްޔާރުވެފައިވާ ކަމަށެވެ.

"މިރޭ މިއީ ބޮޑު ރެއެއް. ހުރިހާ ބައިވެރިންވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވަނީ. މިއީ ބޮޑު މަސައްކަތެއް. ހާއްސަކޮށް ބައިވެރިން ވަރަށް ބުރަކޮށް ވަނީ ތައްޔާރުފެ،" މިދިޔަ އަހަރުވެސް މިސްޓަ މޯލްޑިވްސް އިވެންޓު އިންތިޒާމުކުރި ކުންފުނީގެ ޑިރެކްޓަރު މިހުސޯ ވިދާޅުވި އެވެ.

މިސްޓަ މޯލްޑިވްސްގެ އިވެންޓް މިރޭ އޮންނައިރު މިއަދު ހެނދުނު އޮތް ޕްރީޖަޖިންގައި ސިންގަޕޫރުން ވެސް ޖަޖެއް ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން ޖަޖުންގެ ގޮތުގައި ހިމެނެނީ ރާއްޖޭގައި ތިބި އިންޓަނޭޝަނަލް ދިވެހި ޖަޖުންނެވެ. މި އިވެންޓު މިރޭ ނުވައެއް ޖަހާއިރު "ރާއްޖެ ޓީވީ" އާއި "އައިސް ޓީވީއިން" ދައްކާނެ އެވެ. އަދި މިސްޓަ މޯލްޑިވްސްގެ ފަހުގެ މައުލޫމާތު "އަވަސް" އިން ވެސް ގެނެސްދޭނެ އެވެ. މި އިވެންޓުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އެވެ.

މިދިޔަ އަހަރު ބޭއްވި މިސްޓަ މޯލްޑިވްސްގެ މަގާމު ތިންވަނަ ފަހަރަށް ހޯދާފައިވަނީ މުހައްމަދު ރަޝީދު (ރަޗޭ) އެވެ. އަދި މުބާރާތުގެ ފިޒިކް ބައިގެ ޗެމްޕިއަންއަކީ ފާލިހް މުހައްމަދެވެ.