ރިޕޯޓް

މުސާރަ ބޮޑު ކުރަން ރަދުން މަޖިލިސް ގަނެލި!

Aug 4, 2017
18
  • ރަދުންގެ ފަރާތުން މެންބަރުންނަށް ފައިސާ ގޯނި ހުޅުވައިލި
  • މުސާރަ ބޮޑު ނުކުރަން ނިންމި ނިންމުން ބަދަލު ކުރީ ތިން މަހުން
  • ދެކޮޅު ހެދި މެންބަރުން ވިދާޅުވީ އެދިވަޑައިގަތް ގޮތަށް ފާސްކުރަން

ލަފާކޮށްފައި ޖަވާބު ދޭށެވެ. ރާއްޖޭގެ އެންމެ ފަހުގެ ރަދުން މުހައްމަދު ފަރީދުގެ މުސާރައާ އެލަވަންސްތަކަށް ކިހާ ވަރެއް ޖެހޭނެ ހެއްޔެވެ؟ އަދި އެ ރަދުންގެ މުސާރަފުޅު ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގެންދިއުމުން ކަންތައްވީ ކިހިނެއް ހެއްޔެވެ؟ ރަދުން، މުހައްމަދު ފަރީދު، އެމަނިކުފާނުގެ މުސާރަފުޅު ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ 1959 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާއަށެވެ. އެ ޖަލްސާ އޮތީ އޯގަސްޓް 8، 1959 ގަ އެވެ.

ރަދުންގެ މުސާރަފުޅު ބޮޑު ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ގެންދެވީ އޭރުގެ ވަޒީރުލް އައުޒަމްގެ އޮފީހުންނެވެ. މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ބޮޑުވަޒީރު އަދި ހެންވޭރު މެމްބަރު ވެލާނާގޭ އިބްރާހިމް ނާސިރެވެ. މި މައްސަލަ ނާސިރު މަޖިލީހަށް ހުށަހެޅުއްވީ ރަދުން، އެމަނިކުފާނުގެ ކާތިބުއްސިއްރު (އަދުނާނު ހުސައިން) މެދުވެރި ކުރައްވައި މުސާރައިގެ މައްސަލަ މަޖިލީހަށް ގެންގޮސްދެއްވުމަށް ބޮޑުވަޒީރުގެ އޮފީހުގައި ސިޓީއަކުން ދަންނަވައިގެނެވެ. އެ ސިޓީގެ ނަކަލު ތިރީގައި އެވަނީ އެވެ:

އަލްހަމްދު ލިﷲ ވަހުދާ
މާ ބަނޑޭރި އޮފީސް
މާލޭ، މަހަލްދީބް،
ނަމްބަރު ށ- 59.1/ 18

މާބަނޑޭރި އޮފީހުން ވަޒީރުލް އައުޒަމްގެ އޮފީހަށް،
މަނިކުފާނަށް ގިނައިން ވެދުން ސަލާމަށް ފަހު އަދަބުވެރިކަމާ އެކު ދަންނަވަމެވެ.
ކީރިތި މަހަރާދުންގެ މުސާރަފުޅު މިހާރު އޮންނަ ވަރުން ދަތިފުޅުވާ ކަމަށާއި އެންމެ ފުރިހަމައަށް ހަމަޖެއްސޭނީ، 1500ރ. އިތުރުވެގެން ކަމަށާއި 1،000 ރުފިޔާ އިތުރުވާނެ ގޮތް ހަމަޖައްސަވައި ދެއްވުން ވަރަށް ބޭނުންފުޅު ކަމަށް ތިޔަ އޮފީހުގައި ދެންނެވުމަށް ރަދުން ވިދާޅުވި ހިނދު މި ސިޓީފުޅު ލިޔެ، މި ވާހަކަ ދެންނެވުމުގެ މާތްކަން ލިބިގަތީމެވެ.
އިހުތިރާމް ގަބޫލުކުރެއްވުން އެދެމެވެ.

18 އޯގަސްޓް 1959

އަޅުގަނޑަކީ މަނިކުފާނަށް ކިޔަމަންތެރި ހާދިމް
އަދުނާނު ހުސައިން
ރަދުންގެ ކާތިބުއް ސިއްރު

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނާސިރަށް ތާއީދު ކުރެއްވީ ގަލޮޅު މެންބަރު އައްސައްޔިދު އިބްރާހިމް ހަލީމެވެ. ފާސްވީ އިއްތިފާގުންނެވެ.
އެ ދުވަސްވަރުގެ ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާތައް ވީ ހިސާބެއް ދަންނަވާކަށެއް ނޭނގެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އާކައިވްސްގައި ހުންނާނެ ކަން ވެސް ކަށަވަރެއް ނޫނެވެ. އެހެންނަމަވެސް އެދުވަސްވަރުގެ މަޖިލީހުގެ ޔައުމިއްޔާތައް އެކިއެކި ބޭފުޅުންގެ އަތްޕުޅުގައި އެބަ ހުއްޓެވެ.

އެ ލިޔުންތަކުން ސާފުވާ ގޮތުގައި ރަދުންގެ މުސާރައިގެ މައްސަލައަށް ބަހުސް ކުރަން ފާސްވުމުން ފުރަތަމަ ވާހަކަފުޅު ދެއްކެވީ ށ. މެމްބަރު އަންނަބީލު ޖައުފަރު ކަމާލުއްދީނެވެ. ތެދުވެވަޑައިގެން ވިދާޅުވީ އެނާއަށް ފެނިވަޑައިގަންނަވަނީ ކުރިން އޮތް މަޖިލީހަށް ވެސް މުސާރަފުޅުގެ މައްސަލަ ހުށަހެޅިފައިވުމާއެކު މިފަހަރުގެ މަޖިލީހުން ކޮންމެވެސް ވަރަކަށް މުސާރަފުޅު އިތުރު ކޮށްދެއްވުމަށް ކަމަށެވެ. ދ. މެމްބަރު އަލީ އަހުމަދު ވިދާޅުވީ ރަދުންނަށް މިހާރު ލިބިވަޑައިގަންނަވާ ތަކެއްޗާއި މުސާރަ ރިޔާސަތުން އޮޅުން ފިލުވައި ދެއްވުމަށާއި އެކަން ސާފުވެގެން ނޫނީ އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަލީ އަހުމަދުގެ މި ވާހަފުޅުން އެނގެނީ މިހާރުގެ ގޮތަށް ރައީސުލް ޖުމްހޫރިއްޔާގެ މުސާރަ އާއި އެލެވަންސްތައް އެންމެނަށް ސާފުވިޔަސް އޭރު ރަދުންގެ މުސާރައިގެ ތަފުސީލު އެންމެ މަތީ ފެންވަރުގެ ބޭފުޅުންނަށް ވެސް ސާފުވެވަޑައިގެންފައި ނެތް ކަމެވެ. ކޮންމެއަކަސް އަލީ އަހުމަދުގެ ވަހަކަފުޅަށް ހއ. މެމްބަރު އިސްމާއީލް އަބްދުﷲ ތާއީދު ކުރެއްވި އެވެ.

ނާސިރު ތެދުވެވަޑައިގެން ރަދުންގެ މުސާރަފުޅާއި އިނާޔަތްތައް ކުރު ގޮތަކަށް މަޖިލީހުގެ މެމްބަރުންނަށް ބަޔާންކޮށްދެއްވި އިރު ވިދާޅުވީ ރަދުންގެ މުސާރަފުޅަކީ މަހަކު 3،000ރ. ކަމަށެވެ. ރަދުންގެ ދެކަނބަލުންގެ ފަރީއްކޮޅަށް މަހަކު 1،000ރ. އޮންނައިރު އަނބިކަނބަލުންގެ މުސާރާފުޅަށް ވެސް 1،000ރ. އޮންނަ ކަމަށް ވިދާޅުވި އެވެ.

ރަދުންގެ އަނބިކަނބަލުންގެ މުސާރަފުޅަށް 1،000ރ. މަހަކު އޮންނަ ކަމަށް ނާސިރު ވިދާޅުވި ނަމަވެސް އެމަނިކުފާނު އެހެން ވިދާޅުވުން ފިޔަވައި އެހެން ވެސް މަސްދަރަކުން ރަދުންގެ އަނބިކަނބަލުންގެ މުސާރަފުޅަކީ 1،000ރ. ކަމަކަށް ކަށަވަރެއް ނުވެ އެވެ. އެއާ ހިލާފަށް މި މައްސަލައިގައި ވަޒީރުންގެ މަޖިލީހަށް ލަފާ އަރުވަން ނެގި ކޮމެޓީގެ ރިޕޯޓުންނާއި މަޖިލީހުގެ އެހެން ޔައުމިއްޔާތަކުން އެނގޭ ގޮތުގައި އެކަމަނާގެ މުސާރަފުޅަކީ 300ރ. އެވެ. އެހެންކަމުން ބޮޑަށް ބުރަވެވެނީ 300ރ. ކަމަށެވެ.

ނާސިރުގެ ބަޔާނުން އެނގޭ ގޮތުގައި ރަދުންގެ ހަތަރު ކަކާބޭކަލުންގެ މުސާރަ އާއި ކޮއްތާއި ހަތަރު އަރިހުބޭކަލުންގެ މުސާރަ އާއި ކޮއްތާއި 12 ކުދި ބޭކަލުންގެ މުސާރަ އާއި ކުދި ބޭކަލުންގެ ސަރުދާރުގެ މުސާރަ އާއި ކޮއްތާއި ބަނޑޭރިއެއްގެ މުސާރަ އާއި ކޮއްތާއި ޑްރައިވަރުގެ މުސާރަ އާއި ރަދުންގެ އަނބިކަނބަލުންގެ ހަތަރު އަރިހު ބޭކަނބަލުންގެ މުސާރަ އާއި ކޮއްތާއި ކައްކާ ދެ މީހުންގެ މުސާރަ އާއި ކޮއްތާއި 14 މަސައްކަތު މީހުންގެ މުސާރަ އާއި ކޮއްތު ދެނީ ދައުލަތުންނެވެ.

ނާސިރުގެ ބަޔާނުން ރަދުންގެ މުސާރަފުޅާއި ދެކަނބަލުންގެ ފަރީއްކޮޅަށް ހޭދަވާ ވަރު އެނގެ އެވެ. ނަމަވެސް އެހެން ހަރަދުތަކުގެ އަދަދެއް ސާފެއް ނުވެ އެވެ. އަދި ކުރިން ބަޔާންކުރި ފަދައިން އަނބިކަނބަލުންގެ މުސާރަފުޅުގައި ތަފާތު އެބަ ހުއްޓެވެ. އެހެންކަމުން ރަދުންގެ މުސާރަ އާއި އެލެވަންސްތަކުގެ ފުރިހަމަ ތަފުސީލެއް ބޭނުންވާނެ އެވެ. ތިރީގައި މި ވަނީ ރަދުންގެ މުސާރަފުޅާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހަށް ލަފާއެރުވި ކޮމެޓީގެ ރިޕޯޓުން ނަގާފައިވާ މުސާރަ ޝީޓެއްގެ ނަކަލެވެ.


- ކީރިތި މަހާރަދުންގެ މުސާރަފުޅު: މަހަކު 3،000ރ.
- ދެކަނބަލުންގެ ފަރީކޮޅު: މަހަކު 1،000ރ.
- އަނބިކަނބަލުންގެ މުސާރަފުޅު: 300ރ.
- ރަދުންގެ ހަތަރު ކަކާބޭކަލުންގެ މުސާރަ: މަހަކު 320ރ.
- ހަތަރު އަރިހު ބޭކަލުންނަށް: މަހަކު 200ރ.
- އަނބިކަނބަލުންގެ ހަތަރު އަރިހު ބޭކަނބަލުންގެ މުސާރަ: މަހަކު 120ރ.
- ބަދިގެކޮޅުގައި ކައްކާ ދެ މީހުންގެ މުސާރަ: މަހަކު 70ރ.
- ބޮޑުކިބާގެ ބަނޑޭރީގެ މުސާރަ: މަހަކު 70ރ.
- ކޮއްތުދޭ 15 މީހުންގެ ކޮއްތަށް މަހަކު: 600ރ.
- ޑްރައިވަރުގެ މުސާރަ: މަހަކު 100ރ.
- އަރިހުގައި ދާ ހާއްސަ ދެ މީހުންގެ މުސާރަ: މަހަކު 200ރ.
- ރަސްމީ ކަންތައް ބަލަހައްޓާ ހަތަރު ކުދިބޭކަލުންގެ މުސާރަ: މަހަކު 468ރ.
- ކުދިބޭކަލުންގެ މުސާރަ: މަހަކު 468
- ކުދިބޭކަލުންގެ ސަރުދާރުގެ މުސާރަ: މަހަކު 157ރ.
- މަސައްކަތު 14 މީހުންގެ މުސާރަ: މަހަކު 840ރ.

މީގެ އިތުރުން ރަދުންނަށް އަހަރަކު އަށް ހެދުން ކޮޅާއި ބޭސް ފަރުވާ ކުރުން ވެސް އޮންނަނީ ދިވެހި ދައުލަތުގެ ހަރަދުގަ އެވެ. އެ ހަރަދުތައް އެއްވެސް ދިމާއަކުން ސާފެއް ނުވެ އެވެ.

ރަދުންގެ މުސާރަފުޅުގެ މައްސަލައިގެ ބަހުސްގައި ނާސިރު ދެއްވި ތަފުސީލުތަކާ ގުޅިގެން އަލީ އަހުމަދު ވިދާޅުވީ ހުރިހާ ހަރަދެއްގެ އިތުރަށް 3،000ރ. ގެ މުސާރަފުޅެއް ރަދުންނަށް އޮންނާތީ މުސާރަ ބޮޑުކޮށްދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ހއ. މެމްބަރު އިސްމާއީލް އަބްދުﷲ ވެސް އެ ހުށަހެޅުމަށް ތާއީދު ކުރެއްވި އެވެ. ނަމަވެސް އޮޅުން ފިލުވައިލެއްވުމުގެ ގޮތުން ރަދުންގެ ބޭސްކޮޅު ކަންތައް އޮންނަނީ ދައުލަތުގެ ހަރަދުގައިތޯ ސުވާލު ކުރެއްވުމުން ނާސިރު ވިދާޅުވީ އެ ހަރަދު ދެއްވަނީ ދައުލަތުން ކަމަށެވެ. އެހިސާބުން ޖައުފަރު ކަމާލުއްދީނު ވިދާޅުވީ އެހެންކަމަށްވާ ނަމަ ރަދުންގެ މުސާރަފުޅަށް 1،000ރ. އިތުރު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެ ހުށަހެޅުމަށް އައްސައްޔިދު އިބުރާހިމް ހަލީމް ތާއީދު ކުރެއްވި އެވެ.

ރަދުންގެ މުސާރަފުޅު ބޮޑު ނުކުރުމަށް އެންމެ ބާރު އެޅުއްވީ ލ. މެމްބަރު އާދަމް ނަސީރު މަނިކެވެ. އޭނާ ވިދާޅުވީ ބަޖެޓް އޮތް ގޮތުން މުސާރަފުޅު އިތުރު ކުރެވެން އޮތް ކަމަށް ނުފެންނަ ކަމަށެވެ. ފ. މެމްބަރު އަދުނާނު ހުސައިން -- އޭނާއަކީ ރަދުންގެ ކާތިބުއް ސިއްރު އަދި ރަދުންގެ ފަރާތްޕުޅުން މުސާރައިގެ މައްސަލަ ބޮޑުވަޒީރުގެ އޮފީހަށް ފޮނުއްވި ބޭފުޅާ އެވެ. -- ވިދާޅުވީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާގައި ބުނާ ގޮތުން ކޮންމެ ރަސްކަލެއް އިސްކުރުމުން ވެސް އެ ބޭފުޅަކަށާއި އާއިލާ އަށް ބައިތުލް މާލުން ދެވޭ ތަކެތި ކަނޑައަޅަން ޖެހޭނީ އެއް ފަހަރު ކަމަށެވެ. ހަމަ އެހެންމެ ރަދުންގެ މެމްބަރު ޝޭހު އިބްރާހިމް ރުޝްދީ ވިދާޅުވީ ރަދުންގެ މުސާރަފުޅާއި އެއްޗެތިކޮޅަށް ކަނޑައެޅިފައިވާ މިންވަރެއް އޮންނަންވާނެ ކަމަށާއި އެއަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް ނުފެންނަ ކަމަށެވެ. ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތާއި މާލިއްޔަތާއި މިހުރިހާ ކަމަކަށް ވިސްނަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރުޝްދީ އަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފާހަގަކުރެވޭ ދިމާއަށް ބަސް ވިދާޅުވި ޕާލަމެންޓޭރިއަނެކެވެ.

ރުޝްދީ އާއި އަދުނާނު ވާހަކަފުޅު ދެއްކެވެމުން ނާސިރު ވިދާޅުވީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާގައިވާ ގޮތަށް އެކަން ކަނޑައެޅިފައި އޮންނާނެ ކަމަށާއި ނަމަވެސް ގަވައިދުން އެ މައްސަލަ ހަމަޖެހިފައިވާ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހަށް ލަފާ އެރުވުމަށް، ރަދުންނަށާއި ރަދުންގެ އާއިލާއަށް ބައިތުލް މާލުން ދޭނެ އެއްޗެތިކޮޅު ހަމަޖެއްސުމަށް ކޮމެޓީއެއް ނަގަން ފެނިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު ހުށަހެޅުއްވި ކޮމެޓީގެ ބޭފުޅުންނަކީ ރަދުންގެ މެމްބަރު ރުޝްދީ އާއި ފ. މެންބަރު އަދުނާނު ހުސައިނާއި ށ. މެމްބަރު ޖައުފަރު ކަމާލުއްދީނާއި މައްޗަންގޮޅީ މެމްބަރު ކުޑަދަހަރާގޭ އިބުރާހިމްދީދީ އާއި ލ. މެމްބަރު އާދަމް ނަސީރު މަނިކު އަދި ދ. މެމްބަރު އަލީ އަހުމަދެވެ.

އެ ކޮމެޓީ އަށް ތާއީދު ކުރެއްވީ ޖައުފަރު ކަމާލުއްދީނެވެ. ނަމަވެސް ކޮމެޓީއަށް އެނާގެ ބަދަލުގައި ށ. މެމްބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވުމުން އޭނާ ތަނާޒުލުވެ ވަޑައިގަތީ އެވެ. ކޮމެޓީގެ މެމްބަރުންގެ ތެރެއަށް ހއ. މެމްބަރު އިސްމާއީލް އަބްދުﷲ އިތުރު ކުރުމަށް އަލީ އަހުމަދު ހުށަހެޅުއްވުމުން ނާސިރު ތާއީދު ކުރެއްވި އެވެ. އެފަހަރު އިސްމާއިލް އަބްދުﷲ ވެސް ތަނާޒުލު ވެވަޑައިގަތެވެ. އެހިސާބުން ޝޭހު ރުޝްދީ އާއި ނާސިރު، އެ ތަނާޒުލުގެ މައްޗަށް ވާހަކަފުޅު ދެއްކެވުމުން ތަނާޒުލު އަނބުރާ ގެންދަވައި އިސްމާއީލް އަބްދުﷲ ކޮމެޓީގައި ހިމެނިވަޑައިގަތީ އެވެ. ކޮމެޓީ އަށް ވޯޓަށް އެހުމުން ފާސްވީ އިއްތިފާގުންނެވެ.

ރަދުންގެ މުސާރަފުޅުގެ މައްސަލައިގައި ދެން ބަހުސު ކުރުން އޮތީ އެ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ. އެ ޖަލްސާގައި އެ އަހަރުގެ ފުރަތަމަ ދައުރުގައި ރަދުންގެ މުސާރަފުޅާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހަށް ލަފާއެރުވުމަށް ނެގި ކޮމެޓީގެ ރިޕޯޓް މަޖިލީހަށް އިއްވި އިރު ބުނަނީ ރަދުންގެ މުސާރަފުޅު ހަމަޖައްސާ ކޮމެޓީ އަށް ފެނުނީ ރަދުންގެ މުސާރަފުޅު މިހާރު ވެސް އޮންނަވަރަށް އޮތުމަށް ކަމަށެވެ. ކޮމެޓީން އެގޮތަށް ނިންމުމުން މެންބަރު އިބުރާހިމް ޝިހާބު، އެގޮތަށް ތާއީދުކުރެއްވި އެވެ.

މައްޗަންގޮޅީ މެމްބަރު ކުޑަދަހަރާގޭ އިބުރާހިމް ދީދީ ވިދާޅުވީ ރަދުންގެ މުސާރަފުޅުގެ ތެރޭގައި ގަނޑުވަރުތެރެ ބެލެހެއްޓުމުގެ ގޮތުން ރަސްކަލަކު ނެތް ނަމަވެސް ސަރުކާރުން ލައްވާފައި ތިބޭ ކުދި ބޭކަލުންނާއި މަސައްކަތު މީހުންގެ މުސާރަ ހިމެނޭނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ކޮމެޓީން ނިންމެވި ގޮތަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ތ. މެމްބަރު އިބުރާހިމް މަނިކު ދޮންމަނިކު ވެސް ކުޑަދަހަރާގޭ އިބްރާހިމް ދިދީ އަށް ތާއީދު ކުރެއްވި އެވެ. އެއާ އެކު ޝިހާބު ވިދާޅުވީ ރަދުންނާއި ރަދުންގެ އާއިލާ އަށް އޮންނަ ތަކެތި ކަމަށް ފެންނަނީ ރަދުންނާއި އަނބިކަނބަލުންގެ މުސާރަފުޅާއި ދެކަނބަލުންގެ ފަރީއްކޮޅަށް އޮންނަ ވަރު ކަމަށެވެ. އެ ވަރު ފާސް ކުރުމަށް ވިދާޅުވި އެވެ. އެގޮތަށް އަލީ އަހުމަދު ތާއީދު ކުރެއްވުމުން ވޯޓަށް އަހައި 23 ވޯޓުގެ އަޣުލަބިއްޔަތުން ފާސްވީ ރަދުންގެ މުސާރަފުޅު ބޮޑު ނުކޮށް އޭރުވެސް އޮންނަވަރަށް ބާއްވާށެވެ. އެ ނިންމުން ނިންމެވީ ނޮވެމްބަރު 11، 1959 ގަ އެވެ.

ރަދުންގެ މުސާރަ ބޮޑުކުރަން ނުފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައި ވަނިކޮށް ރަދުން، މުހައްމަދު ފަރީދުގެ އެދިވަޑައިގަތުމަށް މާބަނޑޭރި އޮފީހުން ރަދުންގެ ކާތިބުއް ސިއްރު ވަޒީރުލް އައުޒަމްގެ އޮފީހަށް އަނެއްކާވެސް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދޭން އެދުނެވެ.

ފެބްރުއަރީ 22، 1960 ގައި ފޮނުވި ސިޓީގެ އިބާރާތުން ބަދަލުވެފައި ވަނީ "އަދި އެއް ފަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދެއްވާށޭ" ވިދާޅުވެފައިވާ ތަންކޮޅާއި "މުސާރައަށް 1،500ރ. ބޮޑުކޮށް ދެއްވުމަށް" އެދިވަޑައިގެންފައިވާ ތަންކޮޅެވެ. ކުރީ ފަހަރު އެދިވަޑައިގެންފައި ވަނީ 1،000ރ. ބޮޑު ކޮށްދެއްވުމަށެވެ.

މުސާރަ ބޮޑު ނުކުރުމަށް ނިންމި ދުވަހާއި ދެވަނަ ފަހަރަށް މައްސަލަ މަޖިލީހަށް ވެއްދި ދުވާ ދެމެދަށް ހިސާބު ޖެހުމުން ހަމަވަނީ ތިން މަހާއި ދެ ހަފުތާ އާއި ތިން ދުވަހެވެ. އޭރު އޮތީ ރަދުން މަޖިލީހުގެ މެންބަރުން "ގަނެލާފައި" ވާ ކަމަށް މާލެ ތެރެއަށް އަޑު ފެތުރިފަ އެވެ. މި ހާއްސަ ވޯޓަށް ޓަކައި ބައެއް މެންބަރުންނަށް 300ރ. އާއި 700 ރ. އާ ދެމެދުގެ އަދުތައް ދެއްވި ކަމަށް ވެއެވެ.

ކޮންމެއަކަސް މުހައްމަދު ފަރީދު ބޭނުންފުޅު ވެވަޑައިގަތީ ކޮންމެ ގޮތެއް ހައްދަވައިގެން ވެސް މުސާރަ ބޮޑުވާށެވެ. އެއް ގޮތަކަށް ވެސް ދެކޮޅު ނުޖެއްސޭ ކަމަށް ވިދާޅުވެ އެވެ. އެހެންވެ އަނެއްކާވެސް މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ނާސިރު ގެންގޮސް ދެއްވީ އެވެ. ހައިރާންވާން ޖެހޭ ކަމަކީ ކުރީ ފަހަރާ ހިލާފަށް އެ މައްސަލަ ވެއްދުމުން ކަންވީ ގޮތެވެ. މެންބަރުން ވަނީ މުޅީން ބަދަލުވެފަ އެވެ.

ދެ ވަނަ ފަހަރުގެ ބަހުސްގެ ވަގުތުގައި ފުރަތަމަ ވާހަކަ ދެއްކެވީ ކުރީ ފަހަރު އެއް ގޮތަށް ވެސް ދޫނުދެއްވި އަދި ރަދުންނާ ދެކޮޅަށް ބާރު ލައްވާފައި ވާހަކަފުޅު ދެއްކެވި ދ. މެމްބަރު އަލީ އަހުމަދެވެ. މިފަހަރު އޭނާ އަށް ފެނިވަޑައިގަތީ ރަދުންގެ މުސާރަފުޅު "ރަދުން އެދިވަޑައިގެންފައިވާ ގޮތަށް" 1،500ރ. އިތުރު ކޮށްދެއްވާށެވެ.

ކުރީ ފަހަރު ދެކޮޅު ހެއްދެވި ފ. މެމްބަރު އަދުނާނު ހުސައިނާއި ދ. މެމްބަރު މަލިން މުހައްމަދު ދީދީ އާއި ށ. މެމްބަރު އިބުރާހިމް ރަޝީދާއި ރަދުންގެ މެމްބަރު މުހައްމަދު އިމާދުއްދީނު ވެސް ވާހަކަފުޅު ބިނާކުރެއްވީ އަލީ އަހުމަދަށް ތާއީދު ކުރައްވަ އެވެ. އެހެން ބޭފުޅުން ވެސް ވިދާޅުވީ "އަވަހާ މިކަން ނިންމަންވީ" ކަމަށެވެ. އެންމެ ފަހުން މެންބަރުން ބޭނުންފުޅުވީ މާ ބޮޑު ބަހުސަކާ ނުލައި އަލީ އަހުމަދުގެ ހުށެހެޅުމަށް ވޯޓަށް އެއްސެވުމާއެކު ރަދުންގެ މުސާރަފުޅަށް 1،500ރ. ބޮޑު ކުރުމަށެވެ. އެކަން މަޖިލީހުން ފާސްވީ މަޖިލިހުގެ އިއްތިފާގުންނެވެ. ރައީސާ ނުލައި މަޖިލީހުގައި އޭރު ތިއްބެވީ 29 މެމްބަރުންނެވެ.