ރިޕޯޓް

އެންމެންނަށް ވެސް އުމަރު ނަސީރު "މިސްވެއްޖެ"

މި ދުވަސްވަރަކީ ދެ ގޭންގެއް ދެމެދު ހަމަނުޖެހުން ގަނޑެއް އުފެދި، މާރާމާރީތަކެއް ހިނގަމުންދާ ދުވަސްކޮޅެކެވެ. ފުލުހުންގެ ބައެއް ފިޔަވަޅުތަކުން މާރާމާރީތައް މިހާރު މަޑުޖެހިފައިވީ ނަމަވެސް ސިލްސިލާކޮށް ހިންގަމުންދިޔަ މާރާމާރީތަކުގައި ދެ ޒުވާނަކު ވަނީ މި ދުނިޔެއިން ވަކިވެގެން ގޮސްފަ އެވެ.

އެންމެންގެ ލޯކުރީ މަތީގައި ހަތިޔާރާއެކު ޒުވާނުން ކަތިލަން ފެށުމުން މާލެ ބިރުވެރިކަމެއްގެ ތެރެއަށް ނާމާންވި އެވެ. އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅެމުން ނުދާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ވެސް ފާޅުކުރި އެވެ. ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އަޅުއްވާ ފިޔަވަޅުތައް ހާމަކުރެއްވުމުގައި ލަސްތަކެއްވުމުން މިނިސްޓަރަށް ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.

އަނެއްކާވެސް މާލޭގައި ގަދަބަދަވިކަން ދައްކާ ގޭންގްތަކުގެ ވާހަކަ އެންމެންގެ ދުލު ކުރީގައި ދެކެވެން ފެށި އެވެ. ގޭންގްތައް ނުހުއްޓުވޭ ވާހަކަ ދެކެވެން ފެށި އެވެ. ސަރުކާރަށްވުރެ ގޭންގްތައް ބާރުގަދަކަމުގެ ވާހަކަ ގައުމަށް ލޯބިކުރާ ޒުވާނުން ވެސް ދައްކަން ފެށި އެވެ. ކަންބޮޑުވުމަކީ ގޭންގްތައް ހުއްޓުވައި ގޭންގްތައް ރޫޅާލުމަށް އެއްވެސް ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރު މިހާރު ނުފެންނާތީ އެވެ.

ނަމަވެސް މިއީ މީގެ އަހަރެއްހާ ދުވަސްކުރިން ފެނިގެންދިޔަ މަންޒަރެއް ނޫނެވެ. ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރުގައި އެންމެ ބޮޑު އަމާޒެއް ގެންގުޅުއްވާފައިވަނީ ގޭންގްތައް ހުއްޓުވުމަށެެވެ. ބައެއް ސިޔާސީ ބޭފުޅުން ގޭންގްތަކެއް ރާއްޖޭގައި ނޫޅޭ ކަމަށް ވިދާޅުވެ ގޭންގްތައް ފޮރުވަން މަސައްކަތް ކުރެއްވި ނަމަވެސް އުމަރު ނަސީރަކީ ގޭންގްތައް މާލޭގައި އުޅޭކަމުގެ ހަގީގަތް ގަބޫލުކުރައްވައި އެކަން ހުއްޓުވުމަށް ހިތްވަރު ދެއްކެވި ބޭފުޅެކެވެ.

އެކަމަށް އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ ގޭންގް މެންބަރުންގެ ފައިގައި ޓެގް އެޅުވުމެވެ. މާލެ ތެރެއަށް މަޝްހޫރު ގޭންގް މީހުންގެ ފައިގައި އުމަރު ވަނީ މޮނިކޮމް އަމުރުގެ ދަށުން ޓެގް އަޅުވާފަ އެވެ. އޭރު އެކަން ކުރަމުން ދިޔައީ ސީދާ ހޯމް އުމަރުގެ އޯޑަރަށެވެ. އެކަމުގައި އުމަރު މީހެއްގެ ކަނދުރާއަކަށް މޫނަކަށް ނުބަލަ އެވެ. ސަރުކާރު ކޯލިޝަން ޕާޓީ، އެމްޑީއޭއަށް ނިސްބަތްވާ މީހެއްގެ ފައިގައި ޓެގް އަޅުވައިގެން މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވި އެވެ. އުމަރު އިސްތިއުފާ ވެސް ދެއްވީ އެކަމުގެ ހޫނުގަނޑުގަ އެވެ.

ޓެގް އަޅުވަން ފެށުމުން އުމަރަށް ވަރަށް ގިނަ ބަޔަކު މަލާމަތްކުރި އެވެ. އެކަމުން އޭގެ ނަތީޖާ ނުފެންނާނެ ކަމަށް ބުނަމުންނެވެ. އަމިއްލަ ފައިގައި ޓެގް އެޅުވިއްޔާ މާރަނގަޅުވާނެ ކަމަށް ބުންޏެވެ. ނަމަވެސް ހަގީގަތަކީ ޓެގަކީ އޭގެން ނަތީޖާތަކެއް ނުކުތް އެއްޗެއް ކަމެވެެ. ގޭންގްތަކަށް ހުއްޓުވުމުގެ ފެށުމަކަށް އެކަންވީ ކަމެވެ.

އުމަރުގެ އިސްތިއުފާއަށްފަހު ޓެގެއް ނާޅުވަ އެވެ. އަނެއްކާވެސް ގޭންގްތައް މިހާރު ވަރަށް ބޮޑަށް އެކްޓިވްވެފައިވާ ދަނޑިވަޅެއްގައި އެންމެންގެ ވެސް ދުލުކުރީގައި މިހާރު އޮތީ، "މިކަން ހައްލުކުރެވޭނީ އުމަރަށް" ކަމެވެ. ހައްލަކީ އުމަރު ކަމަށެވެ. އުމަރު ހަމަ ކުއްލިއަކަށް މިސްވެއްޖެ އެވެ. ޓެގް އަޅުވައިގެން މަލާމަތްކޮށް ފުރައްސާރަކުރި މީހުން ވެސް މިހާރު ބުނަނީ އުމަރު އެކަން ކުރީ ރަނގަޅަށް ކަމަށެވެ.

މީހުން ބުނެ އެވެ. ކޮންމެ އެއްޗެއްގެ ވެސް އަގު ފެންނާނީ އެ އެއްޗެއް ބީވުމުން ކަމަށެވެ. މިހާރު މި ފެންނަނީ އެތަން ކަމަށް ވެދާނެ އެވެ. އުމަރު މަތިން މިހާ ހަނދާން މިވަނީ އެވަރުގެ ޖެހިލުން ކުޑަ ހޯމް މިނިސްޓަރެއް ނެތީމަ ކަމަށް ވެދާނެ އެވެ. ނޫނީ ސަރުކާރުގެ މިނިސްޓަރު ގޭންގްތައް ހުއްޓުވުމުގެ ބަދަލުގައި ގޭންގްތަކާއެކު އިވެންޓްތައް ބާއްވައި ފޮޓޯ ނަންގަވާތީ ކަމަށް ވެދާނެ އެވެ.

ޓެގް އަޅުވައިގެން އެމީހުން ބަސްއެހި ކަމަށް އުމަރު ވެސް ވިދާޅުވެފައިވާއިރު އޭގެން ރަނގަޅު ނަތީޖާތަކެއް ނުކުތް ކަމަށް ފުލުހުން ވެސް އެއްބަސްވެ އެވެ. އެހެންކަމުން އެ ޓެގެއް ނާޅުވަންވީ އެއްވެސް ސަބަބެއް ނެތެވެ. މިހާރު ހޯމް މިނިސްޓަރަށް އެކަމުގެ ސީދާ ބާރު ނެތަސް އެ އޮންނަ ކޮމެޓީއަކުން އެކަން ނިންމައިގެން އެކަން ކުރަންވެއްޖެ އެވެ. ބަދަލެއް އާދޭތޯ ވެސް އެކަން ކުރާށެވެ. އުމަރު ނަސީރަށް ވާށެވެ.