ފިނިޕޭޖް

މައިންބަފައިންގެ ފިޔަވަޅު މަތިން އަލް ވެސް ލަވައިގެ ދުނިޔެއަށް!

މިއުޒިކްގެ އިންޑަސްޓްރީގައި އެންމެ އުހުގައި ފިޔަޖަހަމުންދާ ތަރިންނަށް ބަލައިލަ ބަލާށެވެ. ހާއްސަކޮށް ލަވަ ކިޔުންތެރިންނަށެވެ. ރާފިޔަތު ރަމީޒާ، މަރިޔަމް އުނޫޝާ އަދި މީރާ މުހައްމަދު މާޖިދު މީ އޭގެ ކުޑަ ކުޑަ މިސާލެކެވެ. އެތަރިންގެ އާއިލާއަށް ބަލާފައިވެސް ހުނަރާމެދު އެއްވެސް ޝައްކެއް ނުކުރާނެ އެވެ. އެ އާއިލާތަކުގެ ހުނަރު އެންމެ ފުރިހަމައަށް ދައްކާފައިވާތީ އެވެ. އަދި އެ ތަރިންގެ ހުނަރުވެސް ފެނިގެން ގޮސްފައިވާތީ އެވެ.

ހަމަ އެގޮތަށް އަނެއްކާވެސް މުޅިން އާ ތަރިއެއް މިވަނީ ފިޔަ ޖަހަން ތައްޔާރުވެފަ އެވެ. މިއުޒިކް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ މުހައްމަދު އަބްދުލް ގަނީ އަދި މަރިޔަމް އަޝްފާގެ ދަރިފުޅެވެ. މަންމަ އާއި ބައްޕަގެ ފިޔަވަޅު މަތީގައި ހިނގައިގަންނަން ކުޑަ ކުޑަ ޔޫސުފް އަލްސަން މުހައްމަދު (އަލް) މިހާރު ހުރީ ތައްޔާރުވެ އެވެ.

އުމުރުން ނުވަ އަހަރުގެ އަލް އަށް އެ ދަތުރު ކިތަންމެ ދިގު ނަމަވެސް އަދި އެ ދަތުރު އޭނާ ކުރިއަށް ގެންދާނީ ކިހާ ހިސާބަކަށް ކަމެއް ނޭނގުނަސް މައިންބަފައިންގެ ފަރާތުން ވަނީ ވަރަށް ރަނގަޅަށް އެ ހުނަރު ލިބިފަ އެވެ. އަލްގެ ފުރަތަމަ ލަވަ މިހާރު ރިކޯޑުކޮށްފި އެވެ.

އަލްގެ އަޑު އިވޭނީ "ރިކޯޑް ބްރޭކިން މޫވީ"ގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ ޕްރޮޑިއުސަރު / ޑައިރެކްޓަރު އަބްދުލް ފައްތާހުގެ އާ ފިލްމު "ހައްދު" އިންނެވެ. ލަވަޔާއި ބެހޭ މާބޮޑު ތަފްސީލެއް ނުލިބެ އެވެ. އެހެން ނަމަވެސް އެއީ އާއިލާގެ ތެރޭގައި ޖެހޭ މައްސަލަތަކެއްގެ ސަބަބުން އަންހެން ކުއްޖަކު އޭނާގެ ހިތުގެ އިހުސާސްތައް ބަންޑުންކޮށްލާ ލަވަ އެކެވެ.

ސްކޫލް ލަވަ މުބާރާތުގައި 2013 އަދި 2014 ވަނަ އަހަރު އަލް ވަނީ ލަވަ ކިޔާފަ އެވެ. އަމީރު އަހްމަދު ޕްރީ ސްކޫލްގެ ފަރާތުން ބައިވެރިވެ 2014 ވަނަ އަހަރު އޭޖް ކެޓަގަރީން އަލްއަށް ވަނީ ތިން ވަނަ ވެސް ލިބިފަ އެވެ.

"އަލް ކުޑަވީމަ އަދި އެހާ ނޫޅޭ ލަވަ ކިޔަން ބޭނުންވެގެންނެއްވެސް. އެކަމަކު ލަވަ ކިއުމުގެ ހުނަރު ހުރޭ އޭނަ ގައިގައިވެސް. މި ލަވަ ވެސް ކިއުއްވީ އޭނައަށް މަޖުބޫރުކޮށްގެނެއް ނޫން، އޭނަ ކުރިއަށް ދާން ބޭނުމިއްޔާ އެ ދާއިރައިންވެސް ކުރިއަށް ދާންވީ. އެއްވެސް މަޖުބޫރު ކަމެއް ނީންނާނެ. އެކަމަކު ވަރަށް އުފާވާނެ އެ ދާއިރާއިން ކުރިއަށް ދާތަން ފެންނަންޏާ،" އަޝްފާ ބުންޏެވެ.

އެއީ އަލްސަންގެ ފުރަތަމަ ލަވަ އެވެ. އެ އަޑު އަހާލަން ބޭނުންވެ އަލްގެ ހުނަރުވެރިކަން ދެނެގަންނަން މިހާރު ބޭނުންވެއްޖެ ދޯ އެވެ. އެކަމަކު ޔަގީން ކުރާށެވެ. މައިންބަފައިންގެ ފަރާތުން އެ ހުނަރު އެންމެ ފުރިހަމައަށް އަލް އަށް ލިބިފައި ހުންނާނެ އެވެ. އެހެން ވީމަ އަލް ގެ އެ ހުނަރާމެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ.

އެ އިންތިޒާރަށް ނިމުން އަންނާކަށް މާ ގިނަ ދުވަހެއް ނެތެވެ. ބާކީ އޮތީ މަހެއްހާ ދުވަހެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހު ހައްދު ރިލީޒް ކުރާނެ އެވެ. އަދި ހަތް ވަނަ ދުވަހު އައްޑޫ އަދި ކުޅުދުއްފުށީގައި ވެސް ހައްދު އަޅުވަން ވަނީ ހަމަޖެހިފަ އެވެ. ހައްދަކީ ވަކި ހައްދެއްގެ ތެރޭގައި އުޅެން ޖެހުމުން ދިމާވާ މައްސަލަތެއް ފެނިގެންދާ އަދި ލޯބީގެ އެތައް އަސަރެއް ފެނިގެންދާނެ ފިލްމެކެވެ.