ލައިފްސްޓައިލް

އެއްކަލަ ގްރޫޕު މިތިބަ އުޅެނީ!

"ބަލަ އަބްދު ރަހްމާންމެން ތިއަށްވުރެ ރަނގަޅު ވާން ވެއްޖެ އެއްނުން،" އެއްވެސް އެއްޗެއް ފަހުމު ވެއްޖެ ހެއްޔެވެ؟ "އޭ ލޯނެއް ދޭންވިއެއް ނުން،" މި ދައްކާ ވާހަކަ މިހާރު އެނގިއްޖެ ދޯ އެވެ. މީ "އެއްކަލަ ގްރޫޕާ"ގެ ވާހަކަ އެވެ. ނުވަތަ އެއްކަލަ ގްރޫޕުގަނޑުގެ ވާހަކަ އެވެ. މި ގްރޫޕަށް ނަން ކިޔާފައި މިވަނީ ހުވަދު އަތޮޅު ބަހުންނެވެ.

ގދ. ގެމަނަފުއްޓަށް ނިސްބަތްވާ 20 ވަރަކަށް ޒުވާނުން އެއްވެގެން ޖަހާ ސަކަރާތްތަކެކެވެ. ފޭސްބުކްގައި މިހާރު މި މީހުންނަށްވުރެ ގިނަ ބައެއް ނެތެވެ. އެ ޒުވާނުން އުފައްދައިގެން ނެރޭ ކުދިކުދި ވީޑިއޯކޮޅުތައް ނިކަން މަޖަލެވެ. އެ ވީޑިއޯތައް ވައިރަހެއްހެން ފެތުރިގަނެ އެވެ.

އާންމުކޮށް ދިމާވާ ބައެއް މައްސަލަތަކާއި ގުޅުވައިގެން އުފައްދާފައިވާ ވީޑިއޯ ކޮޅުތަކެކެވެ. ގުރޫޕުގަނޑު އެކީގައި އާންމު އުސޫލުން ކޮފީއަށް ގޮސް ތިއްބާ އައި ހިޔާލަކުން ކުރަން ފެށި ކަމެކެވެ. އެންމެ ފުރަތަމަ އެ ގްރޫޕުން ގެނެސްދިނީ ޑަބްސްމޭޝް ވީޑިއޯ ކޮޅު ތަކެކެވެ.

މިސާލަކަށް އެންމެ ފުރަތަމަވެސް އެއިން "ލޯނު" ވީޑިއޯއަށް ބަލައިލަ ބަލާށެވެ. އާންމުކޮށް ރައްޓެހިންނަށް ލޯނު ދޭ މީހެއް ނަމަ އޭގައި ދައްކާ ވާހަކަ ވަރަށް ފަސޭހައިން އެނގޭނެ އެވެ. ބައެއް ފަހަރު އެ ލޯނު އަނބުރާ ނުލިބޭ ނަމަ އެވެ.

ބިޓު ގޮވައިގެން ދުއްވާލަން ދާން ބޭނުންވެގެން ރައްޓެއްސަކު އައިސް ސައިކަލު ދޭށޭ ބުނީމަ ދެން އިތުރު އެއްވެސް ގޮތެއް ނޯންނާނެ އެވެ. ނުދީއެއް ނުވެސް ކެރޭނެ އެވެ. ގާތް ރައްޓެއްސެއް ވީމަ ދެނީ އެވެ. އެހެން ނަމަވެސް އަނބުރާ ސައިކަލު ގެންނައިރު އެކިވަރުގެ ގެއްލުންތައް ލިބިފައި ހުންނަ ފަހަރު މަދެއް ނޫނެވެ. ކިތަންމެ އެއްކޮށް އުޅުނަސް ބައެއް ރައްޓެހިންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެކެވެ. އަމިއްލަ ކަންތައް ވަނިކޮށް ނިމުނީ އެވެ.

އެ ގްރޫޕްގެ އާ ވީޑިއޯއެއް ވަރަށް އަވަހަށް ފެންނާނެ އެވެ.

އެ ވާހަކަތައް ބުނެދީ މަންޒަރުތަކެއްގެ ސިފައިގައި އެ ޒުވާނުން ގެނެސްދެނީ އެވެ. ވީޑިއޯތައް ހަދަނީ ވަކި ހާއްސަ ޑައިލޮގްތަކަކާއި ވާހަކައެއް ލިޔެ ތައްޔާރުކޮށްގެނެއް ނޫނެވެ. އެކަމަކު ޑައިލޮގްތައް އަޑު އަހާލާފައި އެހެން ހީވެސް ނުވެދާނެ އެވެ. އަމިއްލަ އަށް ހިތަށް އަންނަ ވާހަކަތައް ދައްކައިގެން އެ މަންޒަރުތައް ނަގަނީވެސް އެއް ޝޮޓުންނެވެ.

އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ހިނި އަންނަ ކަހަލަ ވާހަކަތައް ދެއްކި ނަމަވެސް އެއިން އެއްވެސް ޒުވާނެއްގެ ގާތަށް ހިނި ނާންނަ ކަމެެވެ. އެ މީހުން ތިބެނީ ނިކަން ސީރިއަސް ވެފަ އެވެ. އެންމެ ޅައިރުން ފެށިގެން އެކީގައި އުޅުނު ބައެއް ވީމަ ކަމަށްވެސް ވެދާނެ އެވެ. އެ ގްރޫޕްގައި ހިމެނޭ ހުރިހާ އެންމެންނަކީވެސް ގެމަނަފުށީގެ މީހުންނެވެ. އެ މީހުންގެ ކިބައިގައި އެކްޓް ކުރުމުގެ ހުނަރު ވަރަށް ރަނގަޅަށް އެބަހުއްޓެވެ. ކޮންމެވެސް ދުވަހަކުން ފިލްމީ ދާއިރާއިންވެސް ފެނިގެން ހިނގައިދާނެ ކަންނޭނގެ އެވެ.

ނުވަތަ މީހުން ހެއްވާލާ މުނިފޫހި ފިލުވާލުމުގެ މަގުސަދުގައި އެކަން ކުރާތީ ނުހީ ތިބެނީ އެވެ. އެ މަގުސަދު ވަރަށް ރަނގަޅަށްވެސް ވަނީ ހާސިލްކޮށްފަ އެވެ. ވަޒީފާ އަދާކުރުމަށްފަހު ލިބޭ ހުސް ވަގުތުތަކުގައި ވީޑިއޯގެ މަސައްކަތްތައް ކުރާއިރު ވީޑިއޯގެ ކަންތައްތައް ކުރަނީ ފޯނުންނެވެ.

މި ގްރޫޕް މަޝްހޫރީ ހަމައެކަނި ފޭސްބުކް ގައެއް ނޫނެވެ. އެއީ އުފަން ރަށަށްވެސް ގިނަ ހިދުމަތްތަކެއް ކޮށްދެމުން އަންނަ ބައެކެވެ. އެގޮތުން ރަށުގައި ފުޓު ބޯޅަ މެޗުތައް ރާވާ މުނިފޫހި ފިލުވުން އަދި އެހެނިހެން ގޮތުންވެސް ގިނަ ކަންތައްތަކެއް ރަށަށް ކޮށްދެމުން އަންނަ ގްރޫޕެކެވެ. ގްޜޫޕުގެ ނަން އައިސްފައި އިންނަނީވެސް އަބަދު އެކުގައި އުޅޭ އެ ޒުވާނުންތަކާއި ދިމާލަށް މީހަކު އެހެން ބުނި ހިސާބުންނެވެ. "އެތިބީ އެއްކަލަ ގްރޫޕާ" އެވެ. އެއްކަލަ ގްރޫޕުގަނޑު އެތިބީ އެވެ.