ހުސެން އަލީ ނުވަތަ ހުސީ އޭ ބުނީމަ ފަހަރުގައި ނޭނގިދާނެ އެވެ. ނަމަވެސް ޕޮއެޓްރީ ނުވަތަ އިނގިރޭސީ ޅެން ތަަކަށް ޝައުގު ހުންނަ މީހާކަށް ވެއްޖެނަމަ ހުސީ އެނގޭނެ އެވެ. ހުސެން މަޝްހޫރުވެފައިވަނީވެސް ޅެންވެރިއެއްގެ ގޮތުގަ އެވެ. އާންމުކޮށް ދިވެހި ޒުވާނުން ނުފެންނަ ދާއިރާ އެކެވެ. ހުސީ އަކީ ޕީއެސްއެމްގެ މާލްދީބްގެ ނޫސްވެރިއެއްވެސްމެ އެވެ.
މިއަދުގެ މައުލޫ އަކީ އުމުރުން 21 އަހަރުގެ ހުސެންގެ ޅެންވެރިކަން ނުވަތަ ޕޮއިޓްރީއެއްވެސް ނޫނެވެ. ނޫސްވެރިކަމުގެ ވާހަކައެއްވެސް ނޫނެވެ. ހުސެންގެ ތަފާތު ޕާސަނަލަޓީގެ ތެރޭގައި ހިމެނޭ އޭނާގެ އޭނަގެ އިސްތަށިގަނޑުގެ ވާހަކަ އެވެ. ހުސެންގެ އިސްތަށިގަނޑަށް މި ފަހަކުން އަރައިގެން އުޅޭ ކުލަތަކުގެ ވާހަކަ އެވެ. ހުސެންގެ އިސްތަށިގަނޑަށް އަރަމުންދިޔަ ކުލަތަކަކީ ބައެއް މީހުންގެ ފޭސްބުކް އަދި ވައިބާ ގްރޫޕްތައް މުނިފޫހިފިލުވައިދީ ހެއްވާލި ކަމަކަށެވެ. ކިތަންމެ ދަށު ދަރަޖައިގެ ކަމެއްވިޔަސް އެވެ.
ކުރިން އަބަދުވެސް ކަޅުކޮށް ހުންނަ ހުސެންގެ އިސްތަށިގަނޑަށް މިދިޔަ ދެ މަހެއްހާ ދުވަހު އެ ކުލަތައް އަރައިގެން ދިޔައީ ކީއްވެ ހެއްޔެވެ؟
"އެކްޗުލީ އައި ގޮޓް ބޯޑް. ދެން އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއްމީ ހެއާ ކަލާކޮށްލުން. އެހެންވެ ފެށީ. އެންޑް އިޓްސް އަ ފޯމް އޮފް އެކްސްޕްރެޝަން އޮފް އާޓް އެންޑް ޕާސަނަލަޓީ،" އިސްތަށިގަނޑަށް އައި ބަދަލާ ބެހޭގޮތުން ހުސެން ބުންޏެވެ.
އިސްތަށިގަނޑު އެއްކޮށް ބްލީޗްކޮށްލުމަށްފަހު އެންމެ ފުރަތަމަ ބޮލުގައި ހުސެން ޖެއްސީ ދަނބު ކުލަ އެކެވެ. އޭގެ ފަހުންވެސް ތަފާތު ދެ ކުލައެއް ޖައްސާފައި މިހާރު ހުރީ ނޫކުލަ އެކެވެ. ދުވަސްކޮޅެއް ވުމުން ކުލަ ހުރީ ފޭޑުވާން ފަށާފަ އެވެ. އިސްތަށިގަނޑުގެ ކޮޅު ހަލާކުވާން ފެށުމުން ހުސެން މިހާރު އަންނަނީ އިސްތަށިގަނޑު ދިގުކޮށްލާ ކޮށަން ތައްޔާރުވަމުންނެވެ.
މި މަހުގެ މެދު ހިސާބުގައި ވަރަށް ހާއްސަ ޓޯކް ޝޯ އަކާއެކު ހުސެން ފެނިގެންދާނެ އެވެ. ޕޮއެޓްރީ ފޮތަކާ އެކުއެއް ނޫނެވެ. އެ ޝޯ އާ ބެހޭ އިތުރު ތަފްސީލެއް ހުސެން ނުދެ އެވެ. އެޝޯގައި ވެސް ހުސެންގެ އިސްތަށިގަނޑުގައި ހުންނާނީ އެހެން ކުލަ އެކެވެ. ހުސެން ބުނަނީ ކޮންމެވެސް ފާޑެއްގެ ރަތް ކުލައެއް ކަމަށެވެ.
"ވަރަށް ތަފާތު ކުލަތަކެއް އަޅުގަނޑު ޗޫޒް ކުރަނީ. އަޅުގަނޑަށް ރީތި ކުލަތައް އެއީ. އެންޑް އައި ހޭވް ޑިފެރެންޓް ޕާސަލަޓީ. އަޅުގަނޑު އަބަދުވެސް ބޭނުންވަނީ ތަފާތުވާން، އެހެން މީހުންނާ ތަފާތުކޮށް ސްޓޭންޑް އައުޓްވާން،"
ހުސެންގެ އިސްތަށިގަނޑަށް ގެންނަ ހުރިހާ ބަދަލެއްވެސް ގެންނަނީ ގޭގަ އެވެ. ބްލީޗްކޮށް ކުލަ ޖެއްސުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ހުސެންގެ މަންމަ އެވެ. ހުރިހާކަމެއްގައިވެސް ހުސެން އަށް އެންމެ ސަޕޯޓުދޭ ހުސެންގެ އާއިލާގެ ފަރާތުން އެކަމަށްވެސް ބޮޑު އެއްބާރުލުމެއް ފޯރުކޮށްދެ އެވެ.
ހުސެންގެ އިތުރުން ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އަކީވެސް އިސްތަށިގަނޑުގައި ތަފާތު ކުލަތައް ޖައްސާ ފަރާތެކެވެ. މޯލްޑިވިއަން އައިޑޮލްގެ ޖަޖެއްގެ ގޮތުގައި ފެނިގެންދިޔަ އިރު ތަފާތު ހެއާ ސްޓައިލްތަކާއެކު ތަފާތު ކުލަތައް އުނޫޝާގެ ބޮލުގައި ޖައްސާފައިވެ އެވެ.