ހަބަރު

ފުލުހުންނާމެދު ނަފުރަތު އުފެއްދުން ހުއްޓާލުމަށް ހަލީލު ގޮވާލައްވައިފި

ފުލުހުންނާމެދު ނަފުރަތު އުފެއްދުން ހުއްޓާލުމަށް ޕީޕީއެމްގެ އެސްޖީ ޑރ. އަބްދުﷲ ހަލީލު މިއަދު އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފި އެވެ. ހަލީލު މިހެން ގޮވާލެއްވީ، ތޫނު އެއްޗަކުން ހަމަލާދީ ފުލުހަކު ޒަހަމްކޮށްލާފައިވާތީ އެވެ.

ހަލީލު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ފުލުހުންނާމެދު އަނިޔާވެރިވަމުން ދަނީ ފުލުހުންނާމެދު ނަފުރަތު އުފެއްދުމަށް އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެކަން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށާއި ނޫނީ ގާނޫނާ ބައްދަލުކުރަންޖެހޭނެ ކަމަށް ހަލީލު ވިދާޅުވި އެވެ.

ހަލީލު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު މުޒާހަރާތަކަށް ހުރަސްއަޅާ، މީހުންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހައި ފުލުހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން އާންމުކޮށް، އެ ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންދެ އެވެ. އަދި އެ ފުލުހުންގެ މައްސަލަ ހުށަހަޅާނެ ކަމުގެ އިންޒާރު ދެމުން ގެންދެ އެވެ.

އެކަމާ ގުޅިގެން ފުލުހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް މީގެކުރިން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ފުލުހުން ވަނީ ވަކިވަކި ފުލުހުންނަށް އިންްޒާރުދީ ފުލުހުންނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ފުލުހުންނަށް އަނިޔާވެރިވުމަށް ހިތްވަރުލިބޭ ގޮތަށް ކުރަމުންދާ މަސައްކަތްތައް އެގޮތަށް ނުކުރުމަށް އަންގާފަ އެވެ.

ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗިހިތަކެއް ވައްދަން އުޅެނިކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރި ފުލުހަކަށެވެ. އޭނާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. ޒަހަމްވެފައިވާ ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންގެ ހާލު ސީޕީ އަހުމަދު އަރީފް މިއަދު ވަނީ ބައްލަވާލައްވާފަ އެވެ. އަދި އާއިލާއާ ވެސް ބައްދަލުކުރައްވާފަ އެވެ.