ހަބަރު

ފުލުސް މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް

ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލާފައިވާ ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

ރައްޒާންއަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗިހިތަކެއް ވައްދަން އުޅެނިކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރުމުންނެވެ.

އޭނާ ރޭ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭން ފެށީ އައިސީޔޫގަ އެވެ. އެ ހޮސްޕިޓަލްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ، ސާޖަރީއެއް ހެދުމަށްފަހު އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ރައްޒާން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ ރައްޒާންގެ މޭ ކައިރިއަށެވެ.

"މިހާރު އޭނާ ސްޓޭބަލް، ވޯޑަށް ބަދަލުކޮށްފައިވަނީ، ހާލު އަންނަނީ ރަނގަޅުވަމުން،" މައުސޫމް ވިދާޅުވި އެވެ.

ރައްޒާންއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ބައްލަވާލެއްވުމަށް މިއަދު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ސީޕީ އަހުމަދު އަރީފް ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފަ އެވެ.

ރައްޒާންއަށް ހަމަލާދިން ވަޅި ވަނީ ފުލުހުންނާއި ކަރެކްޝަންއިން ގުޅިގެން މޫދުން ހޯދާފަ އެވެ. މި މައްސަލައާ ގުޅިގެން ރައްޒާންއަށް ހަމަލާދިން މީހާ އާއި އެ ލޯންޗުގެ ކެޕްޓަން އަދި އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މައްސަލަ ގެންދަނީ ފުލުހުން ތަހުގީގުކުރަމުންނެވެ.