ހަބަރު

ފުލުހަކަށް ހަމަލާދިނީ ބޮޑެތި ކުށުގެ ރެކޯޑް އޮތް މީހެއް

  • ދެ ފިރިހެނަކާއި ކުޑަކުއްޖަކު ހައްޔަރުކުރި
  • އަތުގައި އޮތް ގޯނިން ގިނަ އަދަދެއްގެ ތަކެތި
  • ފުލުސް މީހާގެ މޭ ކައިރި ވަނީ ޒަހަމްކޮށްލާފައި

ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލި ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާން ހަމަލާދިން މީހާގެ ވަނަވަރު ފުލުހުން އާންމު ކޮށްފި އެވެ.

ފުލުހުން ބުނީ އަލީ ރައްޒާން އަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ، ހ. ކުއްޅަވައްމާގެ އުމުރުން 31 އަހަރުގެ އަޒުހަރު އިބްރާހީމް ކަމަށެވެ. އަދި އޭނާ އަކީ ތަފާތު އެކި ކުށްތަކުގައި ޝާމިލްވާ އަދި ވަރަށް ގިނަ ފަހަރުމަތިން ފުލުހުސް އޮފީހަށް ހާޒިރު ކުރެވި ކުށުގެ ރެކޯޑެއް އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް އެމީހުންގެ ނަން ހާމަ ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލާގައި އިތުރަށް ހައްޔަރު ކޮށްފައިވަނީ 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށެވެ. އަދި އެމީހުން އިތުރު ތަހުގީގަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ފުލުސް އޮފިސަރަކަށް ހަމަލާދިން މީހާގެ އަތުގައި އޮތް ދެ ގޯނީގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ހެޑްސެޓާއި ޕަވަބޭންކާއި ކާބޯތަކެއްޗާއި އަދި ސިމްކާޑާއި ޕެންޑްރައިވް ފަދަ ތަކެތި ވެސް ވަނީ ފެނިފަ އެވެ.

ޒަހަމްވި ފުލުސް މީހާ، ރައްޒާންގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި އޭނާ ސާޖަރީއެއް ހެދި އިތުރުފަރުވާ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ރައްޒާންއަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗިހިތަކެއް ވައްދަން އުޅެނިކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރުމުންނެވެ.

އޭނާ ރޭ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭން ފެށީ އައިސީޔޫގަ އެވެ. އެ ހޮސްޕިޓަލްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ، ސާޖަރީއެއް ހެދުމަށްފަހު އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ރައްޒާން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ ރައްޒާންގެ މޭ ކައިރިއަށެވެ.