ހަބަރު

ރައްޒާންއަށް ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލި ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާން ހަމަލާދިން، ހ. ކުއްޅަވައްމާގެ އުމުރުން 31 އަހަރުގެ އަޒުހަރު އިބްރާހީމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އަޒުހަރު އިބްރާހީމަކީ ތަފާތު އެކި ކުށްތަކުގައި ޝާމިލްވާ އަދި ވަރަށް ގިނަ ފަހަރުމަތިން ފުލުހުސް އޮފީހަށް ހާޒިރު ކުރެވި ކުށުގެ ރެކޯޑެއް އޮތް މީހެކެވެ.

އެ މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް އެމީހުންގެ ނަން ހާމަ ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލާގައި އިތުރަށް ހައްޔަރު ކޮށްފައިވަނީ 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށެވެ.

އަށާރަ އަހަރު ނުފުރޭ ކުއްޖާ ބަންދުގައި ބެހެއްޓުމަށް ނުފެންނަ ޖުވެނައިލް ކޯޓުން ވަނީ ނިންމާފަ އެވެ. އަނެއް ދެ މީހުންގެ ބަންދަށް 10 ދުވަސް ކުރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ފުލުސް އޮފިސަރަކަށް ހަމަލާދިން މީހާގެ އަތުގައި އޮތް ދެ ގޯނީގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ހެޑްސެޓާއި ޕަވަބޭންކާއި ކާބޯތަކެއްޗާއި އަދި ސިމްކާޑާއި ޕެންޑްރައިވް ފަދަ ތަކެތި ވެސް ވަނީ ފެނިފަ އެވެ.

ޒަހަމްވި ފުލުސް މީހާ، ރައްޒާންގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި އޭނާ ސާޖަރީއެއް ހެދި އިތުރުފަރުވާ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ރައްޒާންއަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗިހިތަކެއް ވައްދަން އުޅެނިކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރުމުންނެވެ.