ހަބަރު

ރޭގެ އަލިފާނުގައި 31 މީހަކަށް އަނިޔާވި، އެކަކު ހާލު ސީރިޔަސް

ހުޅުމާލޭގައި ހުރި އަމީން ކުންފުނީގެ ގުދަނެއްގައި ރޯވެ، ރޭ ހިނގި އަލިފާނުގެ ހާދިސާގައި 31 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެކެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

ހުޅުމާލެ ހޮސްޕިޓަލަ ހިންގާ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ރޭގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 29 ބިދޭސީއެއް ކަމަށެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި 11 މީހަކު އެޑްމިޓްކޮށްފައިވާ ކަމަށާއި އަނެއް 11 މީހުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ނުވަ މީހުން އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް "އަވަސް" އަށް ވިދާޅުވީ ފަރުވާ ދެމުން އަންނަ ނުވަ މީހުންނަށް ވެސް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް ވަރަށް ބޮޑަށް ފިހިގެން ސީރިޔަސް ހާލުގައި އޮތީ އެންމެ މީހެއް ކަމަށާއި އޭނާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެން ތިބި މީހުންނަކީ އަލިފާން ރޯވި ވަގުތު އިމާރާތުން ފުންމާލައިގެން އެކިވަރުގެ އަނިޔާ ލިބުނު މީހުން ކަމަށް މައުސޫމް ވިދާޅުވި އެވެ. އެގޮތުން ބައެއް މީހުންގެ އަތާއި ފައި ފަދަ ތަންތަން ބިނދިފައިވާ އިރު އަނެއްބާ މީހުންނަށް މައިބަދާގައި ރެނދުލުން ފަދަ އަނިޔާތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ސާޖަރީތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި ހުރި އަމީން ކުންފުނީގެ ގުދަނަކީ ހަތަރު ބުރިއަށް ހަދާފައި ހުންނަ އިމާރާތެކެވެ. އެތަނުގައި ރޯވީ ރޭ 12:30 ހާއިރު އެވެ. އެ އިމާރާތުގެ ތިރީގައި ގުދަން ހުންނައިރު މަތީބަޔަކީ ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކެކެވެ.