ހަބަރު

މާރަމާރީތަކާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި

ފަހަކަށް އައިސް މާލޭގައި ހިނގަމުން އަންނަ މާރަމާރީތަކާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރަމާރީތަކާ ގުޅިގެން ހޯދަމުން ދިޔަ 34 މީހުންގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ދެ މީހެއް 15 ދުވަހަށާއި ހަތަރު މީހުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މާރަމާރީތަކާ ގުޅިގެން ފުލުހުން ކުރިން ވެސް ވަނީ 23 މީހަކު ހައްޔަރުކޮށްފަ އެވެ.

މާރަމާރީއާ ގުޅިގެން އިތުރު ބަޔަކު ހައްޔަރު ކުރުމަށް ފުލުހުން މާލެ ތެރޭގައި އޮޕަރޭޝަނެއް ކުރިޔަށް ގެންދާ އިރު ގްރޫޕްތައް ނިސްބަތްވާ ހިސާބުތަކަށް ގޮސް އެކި ފަހަރުގެ މަތިން ސުވާލު ކުރެ އެވެ. އަދި ބައެއް ތަންތަން ބަލާ ފާސްކޮށް މާރަމާރީ ހިންގުމަށް ބޭނުން ކުރެވޭ ތޫނު ހަތިޔާރު ފަދަ ތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވަޅިން ހަމަލާ ދިނުމުގެ ގިނަ މައްސަލަތަކެއް ވަނީ ހިނގާފަ އެވެ. އަދި އެކަމުގެ ތެރޭގައި ދެ ޒުވާނަކު ވެސް ވަނީ މަރާލާފަ އެވެ. އެ ދެ މީހުންގެ މަރުގެ މައްސަލާގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.