ހަބަރު

ރައްޒާންގެ ފުއްޕާމޭގެ އޮޕަރޭޝަނެއް ކުރަނީ

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންގެ ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރަން އައިޖީއެމްއެޗްއިން ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، ރައްޒާނަށް ދިން ހަމަލާއާ ގުޅިގެން ކުރި އޮޕަރޭޝަން ގައި ފާހަގަ ކުރެވިފައި ނެތް އިތުރު ގެއްލުންތަކެއް ފުއްޕާމެއަށް ލިބިފައިވާ ކަމަށް ޑޮކްޓަރުންނަށް ލަފާކުރެވޭ ކަމަށް ބުނެފައިވާ ކަމަށެވެ.

"ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ވަނީ ނިންމާފަ، މި އޮޕަރޭޝަން ކުރުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ދަނީ ތައްޔާރުވަމުން،" ފުލުހުން ބުންޏެވެ.

ރައްޒާން ހަމަލާދިން، ހ. ކުއްޅަވައްމާގެ އުމުރުން 31 އަހަރުގެ އަޒުހަރު އިބްރާހީމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އަޒުހަރު އިބްރާހީމަކީ ތަފާތު އެކި ކުށްތަކުގައި ޝާމިލްވާ އަދި ވަރަށް ގިނަ ފަހަރުމަތިން ފުލުހުސް އޮފީހަށް ހާޒިރު ކުރެވި ކުށުގެ ރެކޯޑެއް އޮތް މީހެކެވެ.

އެ މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް އެމީހުންގެ ނަން ހާމަ ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލާގައި އިތުރަށް ހައްޔަރު ކޮށްފައިވަނީ 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށެވެ.

އަށާރަ އަހަރު ނުފުރޭ ކުއްޖާ ބަންދުގައި ބެހެއްޓުމަށް ނުފެންނަ ޖުވެނައިލް ކޯޓުން ވަނީ ނިންމާފަ އެވެ. އަނެއް ދެ މީހުންގެ ބަންދަށް 10 ދުވަސް ކުރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ފުލުސް އޮފިސަރަކަށް ހަމަލާދިން މީހާގެ އަތުގައި އޮތް ދެ ގޯނީގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ހެޑްސެޓާއި ޕަވަބޭންކާއި ކާބޯތަކެއްޗާއި އަދި ސިމްކާޑާއި ޕެންޑްރައިވް ފަދަ ތަކެތި ވެސް ވަނީ ފެނިފަ އެވެ.