ހަބަރު

ރައީސް ޔާމީން، ކާނަލް ނާޒިމަށް ބޮޑު ތުހުމަތެއް ކުރައްވައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އަނެއްކާވެސް ބޮޑު ތުހުމަތެއް އެމަނިކުފާނު ކުރައްވައިފި އެވެ. ރައީސް ނާޒިމަށް ކުރެއްވީ ތުހުމަތަކީ ބޭރުގެ ބަޔެއްގެ ނުފޫޒާއެކު ރާއްޖޭގައި ވެރިކަމެއް ގާއިމުކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

ޕީޕީއެމްއާ އަލަށް ބަޔަކު ގުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރާއްޖެ ބައްދަލުކުރިއިރު ރާއްޖެ އޮތީ އަނދިރިކަމެއްގެ ތެރޭގަ ކަމަށެވެ. އެ އަނދިރިކަމުގެ ތެރޭގައި ބޭރުގެ ނުފޫޒުތައް ރާއްޖެއަށް ގެންނަން އުޅުނު ކަމަށެވެ.

އިންތިހާބު އެތައް ފަހަރަކު ބޭއްވަން ޖެހި، ރައީސްއަކު އިންތިހާބުކުރާ ތާރީހަށް ރައީސްއަކު އިންތިހާބުވާ ގޮތް ނުވުމުން ވަރަށް ނުރައްކާތެރި އެއްބަސްވުމެއްގައި ސޮއިކުރަން އޭރުގެ ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވި ކަމަށެވެ.

"ވަރަށް ނުރައްކާތެރި އެގްރިމެންޓެއްގައި ސޮއިކުރެވުނު، ޓޮއިކާ ކިޔާ އެގްރިމެންޓެއް، ސިޔާސީ ޕާޓީތަކުގެ ވެރިން އެ އެގްރިމެންޓްގަ ސޮއިކުރައްވާ އޮތީ، އެ އެގްރިމެންޓްގަ ބުނާ ވާހަކައަކީ 11 ނޮވެމްބަރު ވަނަ ދުވަހު ރާއްޖޭގައި ސޮއިކުރާނެ ރައީސްއަކު ނެތް ހިނދެއް އަތުވެއްޖެނަމަ އެއީ އެ ހިނދަށް އެމީހުން އުއްމީދުކުރަމުން ދިޔައީ، 60 ދުވަހުގެ މުއްދަތެއް ދީ އިންތިހާބެއް ބާއްވައި ދެން ހުރި ކަންކަން ކުރުމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރަން ޖެހޭނެއޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އޭރުގެ މަޖިލީހުގެ ރައީސް ވެރިކަން ކުރައްވާ މުއްދަތުގައި އޭރުގެ ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު މަގާމުގައި ދެމި ތިބޭނެ ކަމަށް ވެސް އެގްރިމެންޓްގައި ބުނެފައިވާ ކަމަށެވެ. އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމެވެ. އަދި ކޮމިޝަނަރަކީ އަބްދުﷲ ރިޔާޒެވެ.

"މި އެގްރިމެންޓަކީ ބޭރުގެ ނުފޫޒާއެކު ތައްޔާރުކުރެވިފައި އޮތް އެގްރިމެންޓެއް، އަޅުގަނޑަކަށް ހިއެއް ނުވޭ އޭރުގެ ރައީސް ޑރ. ވަހީދަށް މިކަން އެނގިވަޑައިގަންނަވާނެހެނެއް، މި އެގްރިމެންޓްގަ ދިވެހި ދައުލަތުގެ ފަރާތުން އޭރު މި އެގްރިމެންޓް އެންމެ ވަރުގަދައަށް ކޮއްޕައި ސީލް ޖަހަން މި މަސައްކަތުގައި އުޅުއްވީ އޭރު ހުންނެވި ޑިފެންސް މިނިސްޓަރު ނާޒިމް، މިއޮތީ އަޅުގަނޑުމެންގެ އިސްތިގުލާލާއި އަމިއްލަ ވެރިކަން ދޫކޮށްލެވިފަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ އެގްރިމެންޓް ސޮއިކުރުމަށް އެމަނިކުފާނުގެ އަރިހަށް އައި ކަމަށާއި އޭރު އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ޕީޖީ ލީޑަރުގެ މަގާމުގަ ކަމަށެވެ. އެގްރިމެންޓް ހިފައިގެން ވަޑައިގަތީ ވަރަށް ނުފޫޒުގަދަ ބޭރުގެ ދެ ބޭފުޅަކާއި ދިވެހި ބޭފުޅެއް ކަމަށެވެ. އޭގަ ސޮއިކުރަން އެދުމުން ކައުންސިލަށް ގެންގޮސް މަޝްވަރާކުރުމަށްފަހު ނޫނީ ސޮއިނުކުރާނެ ކަމަށް ވިދާޅުވިން ކަމަށާއި އޭރު ޕާޓީގެ ރައީސް މައުމޫން ރާއްޖޭގައި ވެސް ނޫޅުއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު އެ ކިޔާފަ އަޅުގަނޑު އެތަނުން އެތަނަށް އަޅުގަނޑު ދެންނެވިން ބޭނުމެއް ނޫނޭ ތީގަ ސޮއިކުރާކަށް، އެއީ ގާނޫނު އަސާސީގަ ވަރަށް ސާފުކޮށް ބުނެފަ އެބަ އޮތް ވެރިކަން ފުރޮޅިގެން ދާނެ ގޮތް، އެހެންވީމަ އޭގެ ކުރިން އެހެން އެރޭޖްމެންޓަކަށް ދާކަށް އަޅުގަނޑު ސޮއެއް ނުކުރާނަމޭ، 11 ނޮޮވެމްބަރު އައިސް ދެން ތި ވިދާޅުވާ ގޮތަށް ކަންތައްތައް ވެގެން ގޮސްފިނަމަވެސް ކަންތައް ކުރާނެ ގޮތް ނިންމާނީ ދިވެހިން ކަމަށް އަޅުގަނޑު ދެންނެވިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެކަން ނިމިގެން ދިޔައީ އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާތީ ކަމަށެވެ. އެ މައްސަލާގައި ގޮތެއް ނުނިމެނީސް ޝާހިދަށް ވެރިކަން ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް އެގްރިމެންޓް ހެދުމުގައި އުޅުނު ފަރާތްތަކަށް ދެންނެވުމުން އެ މައްސަލަ ނިމިގެން ދިޔައީ ކަމަށް ރައީސް ވިދާޅުވި އެވެ.

މިފަދަ ކަންކަން މިހެން ހިނގާފައިވުމަކީ އާންމު ރައްޔިތުން ސިޔާސީ ލީޑަރުންނާމެދު ވިސްނަންޖެހޭ ސަބަބު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ކޮންމެ ސިޔާސީވެރިޔަކީ ވެސް އަމިއްލަ އެދުން ހުންނާނެ މީހެއް ކަމަށާއި އެމީހުންގެ އެ އަމިއްލަ އެދުމަކީ އަބަދު ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ.