ވިޔަފާރި

ބީއެމްއެލް އޭޖީއެމް 23 ގައި: ބޯޑަށް ބަދަލެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަހަރީ އާއްމު ޖަލްސާ މިމަހުގެ 23 ގައި ބާއްވަން ނިންމައި، ޑިރެކްޓަރުންގެ ބޯޑަށް އަންނަ ބަދަލުތައް ހާމަކޮށްފި އެވެ.

ބީއެމްއެލް ބޯޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި ޗެއާޕާސަންގެ މަގާމު ދެ އަހަރު އަދާކުރައްވާފައިވާ ފަރީހާ ޝަރީފުގެ އިތުރުން، ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ޢުމަރު އާއި މުރުތަޟާ މުޙައްމަދު ދީދީ މުއްދަތު ހަމަކޮށް ބޯޑުން ވަކިވުން ހިމެނެ އެވެ.

ދެ އަހަރު ދުވަހު ބީއެމްއެލް ބޯޑުގައި ހިމެނިވަޑައިގެންނެވި، ހީވާގި ޗެއާޕާސަން ފަރީހާ ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ބޭންކުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމު އަދާކޮށްދިނުމުގެ ފުރުސަތު ލިބުނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ބޭންކުގެ ޕްރޮފެޝަނަލްކަމާއި، ގާއިމުކޮށްފައިވާ މިންގަނޑުތަކާއި، ހޯދާފައިވާ ކާމިޔާބީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި އަޅާކިޔާލެވޭ. އަދި މިކާމިޔާބީ ހޯދުމުގައި މުހިންމު ދައުރެއް އަދާކުރެވުނުކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިދިޔަ އަހަރު، މާލީ ގޮތުން ބޭންކަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ ހޯދުމަށްފަހު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރިކޯޑު މިންވަރެއް ބެހުމަށް ހުށަހަޅަން މިވަނީ ތައްޔާރުވެފައި،" އަމިއްލަ މަސައްކަތަށް ވަގުތު ދެއްވުމުގެ ގޮތުން ބޭންކުގެ ބޯޑުން ވަކިވެ ވަޑައިގަންނަވާ ފަރީހާ ވިދާޅުވި އެވެ.

".. އަދި ބޭންކުން ހޯދަމުންދާ ކާމިޔާބީ ކުރިއަށް އޮތްތާނގައިވެސް ދަމަހައްޓަމުންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބަ އޮތް. އަޅުގަނޑާއެކު ބޯޑުގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް އެ ބޭފުޅުން ދެއްވި އެހީތެރިކަމަށްޓަކައި ޝުކުރުދަންނަވަން. ކުރިމަގުގައި އެންޑްރޫ އާއި އޭނާގެ ޓީމަށް ކާމިޔާބީއަށް އެދެން."

ބޯޑުން ވަކިވެވަޑައި ގަންނަވާ ތިން ބޭފުޅުންނާ ބެހޭ ގޮތުން ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މި ތިން ބޭފުޅުން ވެސް ނުހަނު އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

"މި ވޭތުވެދިޔަ އަހަރުތަކުގައި ފަރީހާ، އުމަރު އަދި މުރުތަޟާ ވަނީ އަޅުގަނޑުމެންގެ ބޯޑުގައި ނުހަނު އަގުހުރި މަސައްކަތްތަކެއްކޮށްދެއްވާފައި. އެ ބޭފުޅުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު އަޅުގަނޑުމެން ޝުކުރު ދަންނަވަން އަދި މުސްތަގްބަލުގައި ކާމިޔާބީއަށް އެދެން. އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ޙިއްސާދާރުންނާއި އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމަޢުތަކުން އުއްމީދުކުރާ މިންވަރަށް ވާސިލްވުމުގެ އަމާޒު އަޅުގަނޑުމެން ހިފައްހައްޓަމުންދާނަން،" ހީލީ ވިދާޅުވި އެވެ،