ލައިފްސްޓައިލް

ނިއުމާގެ އިސްތަށިގަނޑަށް މިއައީ ކޮން ބަދަލެއް؟

އުމުުރުން 40 އަހަރު ވެގެން އައިއިރުވެސް އެންމެ ލޫޅާފަތިކޮށް އެންމެ ޒުވާން ކޮށް ހުންނަ އެއް ތަރިއަށް ނިއުމާ މުހައްމަދު ވާނެ އެވެ. ނިއުމާގެ ލޫޅާފަތިކަމުގެ ވާހަކަ އެއް ބަޔަކު ދެއްކިވެސްމެ އެވެ. ހަމަ އެ އާއެކު މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ނިއުމާގެ އިސްތަށިގަނޑަށް އައިސްގެން އުޅޭ ބަދަލުވެސް ފާހަގަ ކުރެވިއްޖެ އެވެ.

މާ ބޯ އިސްތަށިގަނޑެއް ނޫން ނަމަވެސް އެކި ދުވަސްވަރު އެކި ސްޓައިލްތަކުގައި ނިއުމާގެ އިސްތަށިގަނޑު ފެނެ އެވެ. ކުރުކޮށްނާއި ދިގުކޮށެވެ. މި ފަހަކަށް އައިސް ނިއުމާ ފެންނަނީ އިސްތަށިގަނޑު އެއްކޮށް ހައިލައިޓްކޮށްލާ ބްލޮންޑް ކޮށްލާފަ ހުއްޓަ އެވެ. ގިނަ ބަޔަކު ހީކުރީ އެއީ ފިލްމެއްގެ މަސައްކަތަށް ކަމަށެވެ. އެހެން ހީކޮށްގެން ހުއްޓާ ނިއުމާ ފެނުނީ މި މަހު ދެ ވަނަ ދުވަހު ރިލީޒް ކުރި ނޯޓީ 40 ގެ ހާއްސަ ފެނިލުމަކުންނެވެ.

ނިއުމާ ބުނީ އޭނާގެ އިސްތަށިގަނޑަށް ގެެނެސްގެން އުޅޭ ބަދަލަކީ ވަކި ހާއްސަ ބަދަލެއް ނޫން ކަމަށެވެ. ވަކި ހާއްސަ ކަމެއް ނެތި އިސްތަށިގަނޑު ހައިލައިޓް ކޮށްލުމުން ނިއުމާއަށްވެސް ރީތިވި އެހެން މީހުންނަށްވެސް ކަމުދިޔަ އީ އެވެ.

"އަޅުގަނޑަށްވެސް ރީތިވީ މިގޮތަށް ބެހެއްޓީމަ. ދެން އެންމެންވެސް ބުނި ވަަރަށް ރީއްޗޭ" އިސްތަށިގަނޑަށް ގެނެސްގެން އުޅޭ ބަދަލާއި ބެހޭގޮތުން ނިއުމާ ބުންޏެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި އޮން ސްކްރީނުން ނިއުމާ ފެނުނު މީ ފުރަތަމަ ފަހަރެވެ. އޭނާ މަސައްކަތް ކުރަމުން އައީ ކެމެރާގެ ފުރަގަހުގަ އެވެ. އެންމެ ފުރަތަމަ ނިއުމާ ފިލްމީ ދާއިރާއަށް ނުކުތީ 1994ގަ އެވެ. އެއީ ޑްރާމާ ސިލްސިލާ ހިތި ތަޖުރިބާ އިންނެވެ.

ކެމެރާގެ ކުރިމަތިން ފެންނަލެއް މަދުވުމުން އެކަމާ ސުވާލުކޮށްލުމުން ނިއުމާ ބުނީ މިހާރު އޭނާ ބޮޑަށް މަސައްކަތް ކުރަން ބޭނުންވަނީ ކެމެރާގެ ފުރަގަހުގައި ކަމަށާއި ކެމެރާގެ ކުރިމަތިން ފެންނަން ބޭނުންނުވަނީ ކަމަށެވެ. ފިލްމީ ދާއިރާއަށްވުރެ ބޮޑަށް މިހާރު އޭނާއަށް އިސްކަން ދެވެނީ އަމިއްލަ ދިރިއުޅުމަށެވެ. އޭނާ އަންނަނީ އޮންލައިންކޮށް ބައެއް ކަހަލަ ވިޔަފާރިތައްވެސް ކުރަމުންނެވެ.

އޭގެ ފަހުން ފިލްމީ ދާއިރާގައި ވިދައިގަނެ އޭނާ ވަނީ މިވީ 21 ވަރަކަށް އަހަރުގެ ތެރޭގައި ގިނަ ފިލްމުތަކާއި ލަވަތަކެއް އަދި ގިނަ ޑްރާމާތަކެއްވެސް ކުޅެފަ އެވެ.

ނިއުމާގެ މަގުބޫލު ބައެއް ފިލްމު ތަކުގެ ތެރޭގައި ފަތިސް ހަނދުވަރު، ކަލާޔާނުލާ، ޔޫސުފް، ދީވާނާ، ހިތް ހަލާކު، ގިނަ ހިލަ، ދަރިންނަށްޓަކައި، އާނ އަހަރެންވެސް ލޯބިވީން އަދި ޒަލްޒަލާ ހިމެނެ އެވެ. މި ލިސްޓު ކިތަންމެ ދިގުކޮށްވެސް ކީ ދާނެ އެވެ.