ލައިފްސްޓައިލް

"ދިވާސް" އިން ހާއްސަ މޮޑެލް ޝޯ އެއް މިމަހު 25 ގައި

މޮޑެލިންގެ ދާއިރާގައި ކިތަންމެ ކިތަންމެ ގިނަ ޒުވާނުންނެއް ހަރަކާތްތެރިވި ނަމަވެސް އެޖެންސީއެއް މިހާތަނަށް ރާއްޖޭގައި ހުޅުވާފައެއް ނެތެވެ. އަމިއްލަ ގޮތުން ދާއިރާގައި މަސައްކަތް ކުރާ ޒުވާނުން ގިނަ އެވެ. އާޓްސް އެންޑް އެންޓަޓެއިންމަންޓް ދާއިރާ އާއި ފެޝަން އަދި މޮޑެލިންގެ ދާއިރާ ކުރިއަރުވަން ޒުވާނުންތަކެއް މިވަނީ ކުންފުންޏެއް ހަދާ އެކަމަށް އަތުކުރި އޮޅާލާފަ އެވެ.

"ދިވާސް" ނަމުގައި ހަދާފައިވާ އެ ކުންފުނިން މިހާރު އަންނަނީ ހާއްސަ ޝޯ އަކަށް ތައްޔާރުވަމުންނެވެ. "ދިވާސް ޝޯ 2017" ނަމުގައި އެކުންފުނީގެ ފުރަތަމަ ފެނިލުން ފެނިގެންދާނެ އެވެ. އެ ޝޯ އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ދަރުބާރުގޭގެ އެވެ.

އެ ޝޯގައި ރާއްޖޭގެ ހަ ޑިޒައިނަރެއްގެ ހެދުންތައް ފެނިގެންދާނެ އެވެ. އަދި އެ ކުންފުނީގެ ފަރާތުން ނެރޭ މޮޑެލުންވެސް ފެނިގެންދާނެ އެވެ. ދިވާސް އިން މިހާރު އަންނަނީ މޮޑެލުން ޓްރެއިންވެސް ކުރަމުންނެވެ. އެގޮތުން ޕްރެކްޓިކަލް ސެޝަންތަކާއި ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް ޖިމްގައިވެސް ދަނީ ޓްރެއިނިން ތަކެއް ދެމުންނެވެ.

ދިވާސް ޝޯގެ މަގުސަދަކީ އެޑްވަޓައިޒިން ދާއިރާ އަށާއި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތައް އަދި އެ ދާއިރާތަކަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ޕްރޮފެޝަނަލް ޓްރެއިނިންތަކާއި، އެ ފަރާތްތައް މެނޭޖުކޮށް، އެޑްވަޓައިޒިން، މާކެޓިން އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެކުދިން ރީޓޭން ކުރުމެވެ. އެގޮތުން މީޑީއާގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ދިވަސް އިން ވަނީ ނިންމާފަ އެވެ. އަދި އެ ފަރާތްތަކަކީ މުޖުމަތަމު ބަލައިގަންނަ އަދި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ހެދުމަށް ދިވަސް އިން މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން މޮޑެލިން އަދި ފެޝަންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިވެންޓުތައް ބާއްވާ އެ ދާއިރާތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ އެވެ. ދިވެހިންގެ އަމިއްލަ އުފެއްދުންތައް އުފައްދާ އެ އުފެއްދުންތައް ފަތުރުވެރިންނަށް ފެންނާނެ ކަހަލަ ހާއްސަ ހަރަކާތްތަކެއްވެސް ދިވެސް އިން އަންނަނީ ރާވާ އިންތިޒާމު ކުރަމުންނެވެ.

ދިވާސް ޝޯ 2017 ގައި ފެނިގެންދާނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. އެގޮތުން 25 މޮޑެލުން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކުރިން ފަރާތްތަކުގެ ތެރެއިން ހޮވާފަ އެވެ. މޮޑެލުން ހޮވާފައިވަނީ ދާއިރާގައި ފުންނާބު އުސް ފަރާތްތަކުގެ އެހީތެރިކަމާއެކުގަ އެވެ.

ދިވާސް ޝޯގެ އިވެންޓް އޯގަނައިޒަރަކީ ސްޓޭޖް ކޯ އެވެ. ޑިޒައިން އެންޑް ޑިޖިޓަލް މާކެޓިން ޕާޓްނަރަކީ ޒޯ އާޓްސް އެވެ. މީޑީއާ ޕާޓްނަރަކީ އަވަސް އޮންލައިން އަދި ޕީއެސްއެމް އެވެ. ފިޓްނަސް އެންޑް ހެލްތު ޕާޓްނަރަކީ ހީޓް ފިޓްނަސް އެވެ. އަދި ޕްރިންޓިން ޕާޓްނާގެ ގޮތުގައި ކަނޑައަޅާފައިވަނީ ނޮވެލްޓީ އަދި ގާމެންޓް ޕާޓްނަރަކީ އީވް ގާމެންޓްސް އެވެ. ބެވަރޭޖް ޕާޓްނަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮކާ ކޯލާ އެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ގޭޓްވޭ މޯލްޑިވްސް، ބްލަކް، ޝްވެކް މޯލްޑިވްސް އަދި މާ ކޮމް އެވެ.